ޖުމްހޫރީ ޕާޓީގެ ރަނިންމޭޓުކަން އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނަށް ދިނުމަކީ ވެދާނެ ކަމެއް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގާސިމާއި އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ފާރިސް މިއަދު ވަނީ ބައްދަލުކުރައްވައިފައެވެ.
މައުމޫން ފައުންޑޭޝަންގެ އޮފީސް ހުންނަ ހ. ފުލިދޫގައި ބޭއްވި އެ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ޖޭޕީގެ ރަނިންމޭޓުކަން ފާރިސްއަށް ދިނުމަކީ "ޕޮސިބަލް" ކަމެއް ކަމަށެވެ.
ނަމަވެސް ފާރިސް ރަނިންމޭޓަކަށް ހަމަޖެއްސުމަކީ އޭނާގެ އަމިއްލަ ނިންމުމަކަށް ނުވާނެ ކަމަށާއި އެކަމުގައި ގޮތެއް ނިންމާނީ ޖޭޕީގެ ކައުންސިލުން ކަމަށް ވިދާޅުވިއެވެ.
"ހަމަ ޕޮސިބަލް ދެއްތޯ؟ ކީއްވެތޯ ނުވާންވީ؟ ހަމަ ޕޮޒިބަލް ކަންތައްތައް. ވައިނޮޓް. އެެހެން މި ދެންނެވީ ގާބިލު ތައުލީމީ ބޭފުޅެއް އެ ބޭފުޅާއަކީ (ފާރިސްއަކީ)،" ގާސިމް ވިދާޅުވިއެވެ.