ފުލުހުންގެ ވަޒީފާތަކަށް ވައްދާ ފަރާތްތަކާ އިންޓަވައިއު ކުރުމުގެ އިތުރުން، އެ ފަރާތްތަކުގެ ބެކްގްރައުންޑް (ފަތިފުށް ބެލުން) އިހުތިޔާރީ ކަމެއްގެ ގޮތުގައި ހަދަަން ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަދަލު ގެނައުމަށްފަހު އެބިލު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ. ފާސްކުރި އިރު ވަނީ އެއީ ލާޒިމު ކަމަކަށް ހަދައިފައެވެ.
ސަރުކާރުން މި ބިލު ހުށަހެޅިއިރު، އެގާނޫނުގެ 17 ވަނަ މާއްދާގައި މިހާރު ބުނަނީ، ފުލުހުންގެ ވަޒީފާއަކީ ގައުމީ ސަލާމަތާއި އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މުހިއްމު ވަޒީފާއަކަށްވާތީ ފުލުހުންގެ ހިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެ ކުރިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެމީހެއްގެ ބެކްގްރައުންޑް ޗެކު ކުރަންވާނެ ކަމަށެވެ. އެކަމަށް ޓަކައި ކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަންތައްތައް ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެ މާއްދާއަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ ބެކްގްރައުންޑް ޗެކު ކުރުމުގެ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ކުރެވިދާނެ ކަމަށެވެ. އެއީ ޕޮލިސް ކޮމިޝަނަރަށް އޮތް އިހުތިޔާރެއްގެ ގޮތުގައި، ވެސް އިސްލާހުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ސަރުކާރަށް ތާއީދު ނުކުރާ އެމްޑީޕީ މެންބަރުންނާއި، އިދިކޮޅު މެންބަރުން މި ބިލުގެ ބަހުސްގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެމެންބަރުން ވިދާޅުވީ، އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ފަތިފުށް ނުބަލައި، ގިނަ އަދަދެއްގެ އެކްޓިވިސްޓުން ފުލުހުންގެ ވަޒީފާތަކަށް ވެއްދުމަށް ގެންނަ އިސްލާހެއް ކަަމަށެވެ.
ނަމަވެސް މަޖިލީހަށް ބިލު ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ބިލުގެ އެ މާއްދާ އިސްލާހު ކުރިއެވެ.
މިހާރު އެ މާއްދާގައި ބުނަނީ، ފުލުހުންގެ ވަޒީފާއަކީ ރާއްޖޭގެ ގައުމީ ސަލާމަތާއި އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މުހިއްމު ވަޒީފާއަކަށްވާތީ، ފުލުހުންގެ ހިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެ ކުރިން، މިގާނޫނުގެ ދަށުން ހަދާ ފުލުހުންގެ ހިދމަތުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ ގަވާއިދު ތަކުގައިވާ ގޮތުގެމަތިން އެމީހެއްގެ ބެކްގްރައުންޑް ޗެކު ކުރަންވާނެ ކަމަށެވެ.
ބެކްގްރައުންޑް ޗެކު ކުރުމުގެ ގޮތުން ކުށުގެ ރެކޯޑް ސާފު ކުރުމާއި، ބެކްގްރައުންޑް އެނަލިސިސްއެއް ހަދަންވާނެ ކަމަށާއި، ނަމަވެސް ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ބެކް ގްރައުންޑް އެނަލިސިސްއަކަށްފަހު، ޕޮލިގްރާފް ނުވަތަ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް އިތުރު އެނަލިސިސް ހެދުމަކަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކު ކުރުމުގެ ގޮތުން އަމަލު ކުރާނެ އުސޫލުތަކާއި އެކަންކަން ފުރިހަމަ ކުރުމުގައި ބޭނުން ކުރެވިދާނެ އިތުރު ވަސީލަތްތައް މި މާއްދާ ބަޔާންކުރާ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ތަހުގީގު ކުރުމުގެ ހުއްދަ ދެވޭ ކޮންމެ ފުލުހަކީ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެކަމަށް، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރަން ވެސް ބި ބިލުގައި ހިމަނާފައިވެއެވެ. އެ މާއްދާގައި މިހާރު އޮންނަނީ، ތަހުގީގު ކުރުމުގެ ހުއްދަ ދެވޭ ކޮންމެ ފަރާތަކީ ތަހުގީގު ކުރުމާ ގުޅުންހުރި ދާއިރާއެއް ކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ގަބޫލުކުރާ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލު ކޮށްފައިވާ ފަރާތަކަށް ވާންވާނެ ކަމަށެވެ. އަދި މި މަގުސަދު ހާސިލު ކުރުމަށްޓަކައި މި ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް މި އަކުރަށް އަމަލު ކުރުން ފަސް ކުރުމުގެ އިހުތިޔާރު ކޮމިޝަނާ އޮފް ޕޮލިސް އަށް ލިބިގެންވާ ކަމަށެވެ.
މި ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ.
އެހެންކަމުން އެ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައި ވަނީ އެ މުއްދަތު، 27 މާޗް 2024 ގެ ނިޔަލަށް ފަސްކުރުމުގެ އިހުތިޔާރު ކޮމިޝަނާ އޮފް ޕޮލިސް އަށް ދިނުމަށެވެ.