ދައުލަތުގެ ކަންކަން ނިންމުމުގައި ލަފާ އަރުވާ ގައުމީ މަޖިލީހުގައި 100 ވުރެ ގިނަ ބޭފުޅުން ތިއްބަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެފަދަ މަޖިލީހެއް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ގައުމަށް ގިނަ ދުވަސްތަކަކު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި، އެކި ދާއިރާތަކުން މަތީ ތައުލީމާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅުންގެ އިލްމީ ގާބިލުކަން ގައުމު ބިނާކުރުމުގައި ބޭނުންކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަޖިލީހުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ފަންނީ ބޭފުޅުންގެ ލަފަޔާއި އިރުޝާދު ހޯދޭނެ ނިޒާމީ މަގަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އެ މަޖިލީހުގައި ހިމެނޭނީ ސިއްހީ، ތައުލީމީ، އަދި އިގްތިސާދީ ދާއިރާ ފަދަ ގައުމީ މުހިންމު ހުރިހާ ދާއިރާއެއްގެ ތަޖުރިބާކާރުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ސއްިހީ ދާއިރާގެ، ޕަބްލިކް ހެލްތު ޑޮކްޓަރުންނާއި ކާބޯތަކެތި، މިހެން ގޮސް އެކި ދާއިރާތައް އެބަހުރި. ތައުލީމީ ދާއިރާ، ޕްރައިމަރީ ޓީޗިން ދާއިރާ ހިމެނޭ. އެންމެ ތައުލީމީ ތަޖުރިބާ ހުރި މީހުންގެ މައްޗަށް އެކުލެވޭ މަޖިލީހެއް މިއީ 100އާއި 150 ދެމެދުގެ އަދަދަކަށް ހިމެނިދާނެ" ރައީސް ވިދާޅުވިއެވެ.
"މިކަން ހިނގާނީ ދެކޮޅަށް. އެ ބޭފުޅުން އިސްނަގައިގެން ކަންކަން ހުށަހެޅުމާއި، އަޅުގަނޑުމެންގެ ފަރާތުންނާއި ދައުލަތުގެ އެހެން މުއައްސަސާތަކުން އެ ބޭފުޅުންގެ ލަފާ ހޯދުންވެސް މި ނިޒާމުގެ ތެރެއިން ކުރިއަށްދާނެ،"
އެ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ މަޖިލިސް ރަސްމީކޮށް އެކުލަވާލައި މަސައްކަތް ފެށޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިއީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އިއުލާނު ކުރެއްވި ލަފާދޭ މަޖިލިސް އެކުލަވާލުމުގެ ތަސައްވުރުގެ ދަށުން ކުރާ މުހިންމު މަސައްކަތެއް ކަމަށާއި، ގައުމުގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު، ގައުމީ ހިދުމަތްތެރިންނަށް ލިބިދިނުމަކީ ގައުމުގެ ކުރިމަގަށް ކޮންމެހެން މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް