ދިވެހި މުޖުތަމައުން ފާހަގަވަމުންދާ އެކަކު އަނެކަކަށް އިހުތިރާމް ނުކުރުމުގެ ނުރަނގަޅު އާދަތަކަކީ ސިޔާސީ ބޭނުމެއްގައި ބަޔަކު ރާވައިގެން ނައްތާލާފައިވާ ކަންކަން ކަމަށާއި، އެކަން ބަދަލުކޮށް ރިވެތި އާދަތައް އަލުން އިއާދަކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމެއްގެ ހަގީގީ މިނިވަންކަމާއި ތަރައްގީ ގުޅިފައިވަނީ ހަމައެކަނި އުސް އިމާރާތްތަކާއި އިގްތިސޯދީ ކުރިއެރުމާ ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ދިވެހިންގެ ވިސްނުން ތަރައްގީވެ، އެކަކު އަނެކަކަށް ގަދަރުކުރުމުގެ ސިފަ އަށަގަނެގެން މެނުވީ ފުރިހަމަ މިނިވަންކަމެއް އިހުސާސް ނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ވަރަށް އެކަކު އަނެކަކަށް އިހުތިރާމް ކުރާ ވަރަށް ރިވެތި އަހުލާގެއްގެ މައްޗަށް ބިނާވެގެންއައި ބައެކޭ. އެހެންވީމަ އަޅުގަނޑުމެންގެ އައިޑެންޓިޓީއަށް އަނބުރާ ނުދާ ނަމަ، އަޅުގަނޑުމެންގެ ވިސްނުން ތަރައްގީކޮށް, އަޅުގަނޑުމެންގެ އަސްލަށް ރުޖޫއަވެގެން ކުރިއަށްދާން ނުވިސްނާ ނަމަ، ހަގީގީ މިނިވަންކަމެއް ނާދޭ" ރައީސް ވިދާޅުވިއެވެ.

ބަޔަކުވަނީ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި، ދައުލަތުގެ ވެރިންނާއި އެކި ފަރާތްތަކުގެ އަބުރަށް އަރައިގަނެ، އިހުތިރާމް ކުޑަކުރުމުގެ ސަގާފަތެއް ނިޒާމީ ގޮތެއްގައި މުޖުތަމައުގެ ތެރެއަށް ފަތުރާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މައްސަލަ ހައްލުކޮށް، ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމާއި އިހުތިރާމްކުރުމުގެ ރޫހު އަލުން ދިރުވުމަށްޓަކައި ސަރުކާރުން މިހާރު ވަނީ "އިހުތިރާމްކުރުމުގެ ގައުމީ ކެމްޕެއިން" އެއް ފަށާފައިކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ހަމައެކަނި ސަރުކާރުގެ މަސައްކަތެއް ނޫން ކަމަށާއި، މިއީ ހުރިހާ މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން ގުޅިގެން ކުރިއަށްގެންދަންޖެހޭ ގައުމީ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކެމްޕެއިނަކީ ކުޑަ ދުވަސްކޮޅަކުން ނަތީޖާ ފެންނާނެކަމެއް ނޫން ކަމަށާއި، އެހެންކަމުން، މުޖުތަމައުގެ އާދަކާދަތަކަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި މަދުވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށް އެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.