ދިރާގުގެ ސީއީއޯގެ މަގާމުގައި 11 އަހަރު ދުވަހު އަގުހުރި ހިދުމަތްތަކެއް ކުރެއްވުމަށްފަހު، އިސްމާއިލް ރަޝީދު މިއަދު އެ މަގާމުން ރިޓަޔާ ކުރައްވައިފިއެވެ.
އިސްމާއިލަކީ 1988 ވަނަ އަހަރު ދިރާގު އުފެދުނީއްސުރެ އެ ކުންފުންޏަށް ގާތްގަނޑަކަށް 40 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތީ 2015 ވަނަ އަހަރުއެވެ.
މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި އިސްމާއިލް ވަނީ ދިރާގުގެ ހުރިހާ މުވައްޒަފުންނަށާއި، ކުންފުނި މިހާ ހިސާބަށް ގެނައުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އިސްމާއިލް ވިދާޅުވީ ދިރާގަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތުގެ އެންމެ ކުރީގައި އޮތް، އަދި ރާއްޖޭގެ ހުރިހާ ރަށަކާއި ރިސޯޓަކަށް، އަދި ހުރިހާ ގޭބީސީތަކަކަށް ކާމިޔާބުކަމާއެކު ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެއް ކަމަށެވެ.
ދިރާގު އުފެދުނު ދުވަސްވަރު ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި އިސްމާއިލް ހިދުމަތް ފެއްޓެވީ ކޭބަލް އެންޑް ވަޔާލެސްގެ ތެރެއިންނެވެ. އިސްމާއިލްގެ ދިގު ހިދުމަތުގެ ދައުރުގައި ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
އޭގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއް ގުޅުވައިދިން ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމާއި، ޖީއެސްއެމް މޯބައިލް ހިދުމަތް ތައާރަފުކުރުމާއި، 2006 ވަނަ އަހަރު ދިރާގު-އެސްއެލްޓީ ސަބްމެރީން ކޭބަލް ސިސްޓަމް އެޅުން ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ޑޮމެސްޓިކް ސަބްމެރިން ކޭބަލް ގާއިމުކުރުމާއި، 2011 ވަނަ އަހަރު ދިރާގުން ބޭއްވި އައިޕީއޯގައި އިންވެސްޓަރުންނަށް ހިއްސާ މާކެޓްކުރުމުގައިވެސް އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
އިސްމާއިލް ރިޓަޔާ ކުރެއްވުމާ ގުޅިގެން، ދިރާގުގެ ސީއީއޯގެ މަގާމާ ދެން ހަވާލުވެވަޑައިގަންނަވާނީ ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ވަލްޑެމާ ފެރަޑާޒްއެވެ.
ދިރާގުގެ ސީއީއޯގެ މަގާމަކީ އެ ކުންފުނީގެ މައި ހިއްސާދާރު ބިޔޮންއިން އައްޔަނުކުރާ މަގާމެކެވެ. އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ބިޔޮން އިން ކުރިއަށް ގެންގޮސްފައިވަނީ ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ރެމިއުނަރޭޝަން، ނޮމިނޭޝަން އެންޑް ގަވަނަންސް ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
މުހައްމަދު އިޝާން
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް