Close
ރިޕޯޓް

މިފަހަރުގެ ރޯދަޔަށް ކަނޑޫދޫމިރުހުގެ ދަތިކަމެއް ނެތް، އަގުވެސް މާ މައްޗަށް ނުއުފުލޭނެ

އަލީ ޔާމިން

ކޮންމެ ރޯދަ މަހަކާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލެއެވެ. ހާއްސަކޮށް ތަރުކާރީއާ މޭވާގެ ބާވަތްތަކާއި ފަތްޕިލާވެލީގެ ބާވަތްތަކުގެ އަގުތައް ބޮޑުތަނުން އުފުލެއެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް އަގު އުފުލޭ އެއް ބާވަތަކީ މިރުހެވެ. ދަތުރުވެރިންގެ މާރުކޭޓާއި މާލޭގެ ލޯކަލް މާރުކޭޓުގައިވެސް އެންމެ ގިނައިން ހުރީ އަދި އެންމެ ގިނައިން ވިއްކަން ގެންގުޅެނީވެސް ކަނޑޫދޫ މިރުހެވެ. ކަނޑޫދޫ މިރުހުގެ މުޑުވައް ލާމު ގަމުގައި އިންދައިގެން ގެންނަ ލާމު މިރުސްވެސް މިހާރު ބާޒާރުގައި ގިނަ އަދަދަކަށް ގެންގުޅެއެވެ. އެ މިރުސްވެސް ބާޒާރުގައި ވިއްކަނީ ކަނޑޫދޫ މިރުހުގެ ނަމުގައެވެ.

މި އަހަރުގެ ރޯދަ މަސް ފެށެން ދެ ދުވަހަށްވެފައިވާއިރު، މިރުހުގެ އަގުތައް ވަނީ މައްޗަށް އުފުލެން ފަށާފައެވެ. އެގޮތުން މީގެ ހަފުތާއެއްހާ ދުވަސްކުރިން 150 ރުފިޔާއަށް ހުރި ކަނޑޫދޫ މިރުސް ކިލޯއެއް ބާޒާރުގައި މިއަދު ލިބެން ހުރީ 250-350 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ތާޒާ މިރުސް ކިލޯއެއް ލިބެން ހުރީ 300 ރުފިޔާއިން މަތީގައެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅި ހިންގާތާ ގިނަ ދުވަސްތަކެއްވެފައިވާ ވިޔަފާރިވެރޔަކު "ވަން" އަށް ބުނި ގޮތުގައި ރޯދަ މަސް ފެށޭއިރު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 400-450 ރުފިޔާއަށް އަރާނެއެވެ. ނަމަވެސް އޭގެ ފަހުން އަގުތައް ދަށަށްދާނެ ކަމަށް އޭނާ ބުންޏެވެ.

"މިހާރު ކަނޑޫދޫންވެސް މިރުސް ގަންނަން މި ލިބެނީ 250 ރުފިޔާއަށް ކިލޯއެއް. ރޯދަ މަސް ފެށޭއިރު މިރުހުގެ އަގު ކޮންމެވެސް ވަރަކަށް އުފުލޭނެ. އެއީ ވަރަށް ގިނަ މީހުން ފުރަތަމަ ދުވަސްކޮޅު ގިނަ އަދަދަކަށް މިރުސް ގަންނާނެ. އެއީ އާއްމުކޮށް ކަންތައް ވާ ގޮތް. ދެން ހަފުތާއެއްހާ ދުވަސް ވެލީމާ އަގު މަޑުމަޑުން ދަށަށް ދާނެ. ރޯދަ މަހުގެ ފަހުކޮޅަށް އެރީމާ އުފުލޭނީ ފަނިގިރާ ބާވަތްތަކުގެ އަގު" އޭނާ ބުންޏެވެ.

އެހެން ވިޔަފާރިވެރިޔަކުވެސް ވަނީ މި އަހަރުގެ ރޯދަމަހު މިރުހުގެ އަގު އެންމެ ބޮޑަށްވެސް އުފުލޭނީ 400-450 ރުފިޔާއަށް ކަމަށް ބުނެފައެވެ. އެއީ މިރުސް ގިނައިން ލިބޭތީއާވެސް އެކުގައެވެ.

ކަނޑޫދޫ ކައުންސިލުގެ ރައީސް އަހުމަދު ރީހާން "ވަން" އަށް ވިދާޅުވި ގޮތުގައި މި އަހަރުގެ ރޯދަ މަހަށް ވާ ވަރަށް ދަތިކަމެއް ނެތި މިރުސް ލިބޭނެއެވެ. އެގޮތުން ކަނޑޫދޫން އެކަނިވެސް ހަފުތާއެއްގެ މައްޗަށް 20-10 ކިލޯގެ 200-250 ބަސްތާ މިރުސް މާލެ ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ހޮނިހިރު ދުވަހުވެސް މިރަށުން 120 ބަސްތާ މިރުސް ގެންދިޔަ. އަނެއްކާ ބޯޓުން މިއަދު 70 ބަސްތާ ގެންދާނެ، އެހެން ބޯޓަކުން އެބަ ގެންދޭ 100 އެއްހާ ބަސްތާ މިރުސް" ރީހާން ވިދާޅުވިއެވެ.

ކަނޑޫދޫގައި މިރުސް ހައްދާ ދަނޑުވެރިޔަކު "ވަން" އަށް ބުނި ގޮތުގައި، މި ރޯދަމަހަށްވެ އިތުރުވާ ވަރަށްވެސް މިރުސް ފޯރުކޮށްދެވޭނެއެވެ. އެއީ، ރަށުގައި ހުރި ގިނަ ދަނޑުތަކުގައި މިރުސް ހުރުމާއެކު ލާމުގައި މިރުސް ހައްދާ ދަނޑުވެރިންގެ އަތުގައިވެސް މިރުސް ހުރުމުން ކަމަށް އޭނާ ބުންޏެވެ.

މި އަހަރުގެ ރޯދަ މަހު ތާށިކަމެއް ނެތި މިރުސް ލިބޭނެ ކަމުގެ ޔަގީންކަން ވިޔަފާރިވެރިންނާއި ދަނޑުވެރިން ދީފައިވާއިރު، މީގެ ކުރީގެ ރޯދަ މަސްތަކުގައި މިރުހުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވެއެވެ. އެގޮތުން މިދިޔަ ރޯދަ މަހުވެސް މިރުސް ކިލޯއެއް 700 ރުފިޔާއަށް އެރިއެވެ. މިފަހުން މިރުހުގެ އަގު އެންމެ ބޮޑުވީ 2020 ވަނަ އަހަރު (ކޮވިޑުގެ ފުރަތަމަ އަހަރު)ގެ ރޯދަ މަހުގެ ތެރޭގައެވެ. އެ ފަހަރު މިރުސް ކިލޯއެއްގެ އަގު 1،500 ރުފިޔާއިން ފެށިގެން 2،000 ރުފިޔާއަށް އުފުލުނެވެ.