ޚަބަރު

ރައީސް ސޯލިހުގެ މަންދޫބުން އުއްޗުގެ އަރިހަށް!

މުހައްމަދު އިޝާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މަންދޫބުން، ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހުގެ މަންދޫބުންގެ ގޮތުގައި އުއްޗުއާ ބައްދަލުކުރައްވާފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒެވެ. އަދި ދުވާފަރު ދާއިރާގެ މަޖިލިސް މެމްބަރު އިސްމާއީލް އަހުމަދުއެވެ.

އެ ބައްދަލުވުމުގެ މައުލޫމާތު ހޯދަން "ވަން" އިން ނިޔާޒަށް ގުޅުމުން ވިދާޅުވީ، "މި ވަގުތު އެއްވެސް ކޮމެންޓް ނެތް" ކަމަށެވެ.

ރައީސް ސޯލިހުގެ މަންދޫބުން އުއްޗުއާ ބައްދަލުކުރެއްވި އިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުންވެސް ވަނީ އުއްޗުއާ ބައްދަލުކުރައްވައިފައެވެ.

ރިޔާސީ އިންތިިހާބަށް ކޯލިޝަން ހެއްދުވުމަށް ރައީސް ސޯލިހް ގެންދަވަނީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން ރައީސް ސޯލިހު ވަނީ މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު، މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ވެސް ބައްދަލުކުރައްވައިފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައިވެސް އެކުގައި ތިބުމަށް ރައީސް ދެއްވި ދައުވަތު މިހާތަނަށް ގަބޫލު ކުރެއްވީ، އަދާލަތު ޕާޓީން އެކަންޏެވެ. ސަރުކާރު ކޯލިޝަންގައި ނުހިމެނޭ އެމްޑީއޭއިންވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފައެވެ.

ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފައެވެ.