ޚަބަރު

ރަމަޟާން މަހާ ދިމާކޮށް މަގުތައްމަތީގައި ކުނި ގިނަވާތީ އީޕީއޭއިން ކަންބޮޑުވެއްޖެ

ރިފާ ހަލީލު

ރޯދައާ ދިމާކޮށް ގޭތެރެ ސާފުކުރުމަށްފަހު ގިނަ އަދަދެއްގެ ކުނި މަގުތަކުގައި ބަހައްޓަމުންދާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާކަމާއި، މިގޮތުން އުފެދޭ ކުނި މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންގެންދާކަން އެ އެޖެންސީއަށް ފާހަގަވެފައިވާ ކަމަށެވެ.

އީޕީއޭއިން ބުނީ މިކަމަކީ މާލޭގެ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތައް ދިމާވެ އަދި ސިއްހީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީ، މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް އިލްތިމާސްކުރާކަމަށެވެ. އަދި، ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ގުޅިގެން ހަމަޖެއްސުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ އެޖެންސީގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ތަނަކަށް ކުނި އެޅުމާއި އުކުމަކީ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުންވެސް މަނާކަމެއް ކަމަށެވެ. އެހެންކަމުން، އެންމެހާ ފަރާތްތަކުންވެސް ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ އެއްގޮތަށް ކުނި މެނޭޖުކުރުމަށާއި މަގުތަކާއި، އާންމު ސަރަހައްދުތަކަށް ކުނިބުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް ހުރިހާ ފަރާތްތަކަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.