ޚަބަރު

ރައީސް ސޯލިހާއި މައުމޫންގެ ބައްދަލުވުން: ކޯލިޝަނާ މެދު ގޮތެއް ނުނިމުނު، އިތުރަށް މަޝްވަރާ ކުރަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެ ބޭފުޅުން މިއަދު ބޭއްވެވި ބައްދަލުވުމުން ވަކި ގޮތެއް ނުނިމުނު ކަމަށް އެމްއާރްއެމުން ބުނެފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމުން އަންނަ ރިޔާސީ އިންތިހާބުގައިވެސް ރައީސް ސޯލިހަށް ތާއީދުކުރުމަށް އެމަނިކުފާނު ދެއްވި ދައުވަތާ ގުޅިގެން މައުމޫން މިއަދު ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި މައުމޫންގެ އިތުރުން އެމްއާރްއެމްގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އާއި ނައިބު ރައީސް ޝަޒައިލް ސިޔާމްގެ އިތުރުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމަށްފަހު، އެމްއާރްއެމުން ބުނީ، ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ.

"އެމްއާރްއެމްގެ ޓީމާއި ރައީސް އިބޫގެ ޓީމާ ދެމެދު އިތުރަށް މަޝްވަރާކުރުމަށް ވަނީ އެއްބަސްވެފައި" އެމްއާރްއެމުން ބުންޏެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައިވެސް އެކުގައި ތިބުމަށް ރައީސް ދެއްވި ދައުވަތު މިހާތަނަށް ގަބޫލު ކުރެއްވީ، އަދާލަތު ޕާޓީން އެކަންޏެވެ. ސަރުކާރު ކޯލިޝަންގައި ނުހިމެނޭ އެމްޑީއޭއިންވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފައެވެ.

ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފައެވެ.