ޚަބަރު

ރިޔާސީ އިންތިހާބު ކަވަރުކުރާ ނޫސްވެރިން ހާއްސަ ތަމްރީނެއް ހަދަންޖެހޭނެ: ހަބީބު

އިބްރާހިމް ޒަކީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކަވަރުކުރާ ނޫސްވެރިން ހާއްސަ ތަމްރީނެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރިޔާސީ އިންތިހާބުގެ ކަންތައްތަކާބެހޭގޮތުން އިސީއަށް ލަފާދޭ ކޮމެޓީގެ ބައްދަލުވުންތައް ފެށުމުގެ ގޮތުން މިއަދު ބޭއްވި އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި، ކޮމެޓީގެ ބައިވެރިންނަށް މައުލޫމާތު ދެއްވަމުން އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި މޮނީޓަރުންގެ ގޮތުގައި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ ކަމަށެވެ. އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ގައި ހުޅުވައިލައްވާނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ހަބީބު ވިދާޅުވީ، މީގެކުރިން ނޫސްތަކުން ފޮނުވާ ރިޕޯޓަރުންނަށް މާ ބޮޑު ތަމްރީނެއްނެތި އިންތިހާބު މޮނީޓާކޮށް ކަވަރު ކުރުމުގެ ފުރުސަތު ދިން ނަމަވެސް އެކަމަށްޓަކައި މިފަހަރު ތަމްރީނެއް ފުރިހަމަ ކުރަންޖެހޭ ކަމަށެވެ.

"މީގެކުރިން ވަރަށް ލުއިކޮށްފަ ނޫސްތަކުން ފޮނުވީމަ މާބޮޑު ތަމްރީންތަކެއް ނުދީ އެ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލަން، ނަމަވެސް އަޅުގަނޑުމެންނަށް ފާހަގަވީ، ބައެއް ފަހަރަށް ބައެއް ނޫސްތަކުން ސިޔާސީގޮތުން ހަރަކާތްތެރިވާ ބޭފުޅުން ރިޕޯޓަރުންގެ ގޮތުގައި ފޮނުވާ. މީގެ ސަބަބުން އަޅުގަނޑުމެނަށް ބައެއް ކަހަލަ ހިތި ތަޖުރިބާ ކުރެވިފައިވާކަން، އޭގެ ތެރޭގަ ވޯޓުލާ މަރުކަޒުގެ ވެރިޔާއާ މާރާމާރީ ހިންގުމާއި ގަވާއިދާ ހިލާފު ބައެއް ކަންކަން ވޯޓުލާ މަރުކަޒުގެ ތެރޭގަ، މިސާލަކަށް ކެމްޕެއިން ކުރުމާ އެކަހަލަ ކަންކަން ހިނގާފަ އެބަހުރި،"

އެފަދަ ކަންކަން ހިނގަނީ އިންތިހާބުތަކުގައި އެ ބޭފުޅުންގެ ދައުރު އެ ބޭފުޅުނަށް ރަނގަޅަށް އޮޅުންފިލުވައިދެވިފައި ނުވާތީ ކަން ފާހަގަ ކުރެއްވޭ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންވީމަ، "ކޮމިޝަނުން ނިންމީ ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފޭސް ޓު ފޭސްކޮށް ނުވަތަ އޮންލައިންކޮށް މީޑިއާގެ ފަރާތްތަކަށް ހިންގަން، އެހެންވީމަ މިހާރު އަޅުގަނޑުމެން މިގެންދަނީ އޮންލައިންކޮށް ޓްރެއިނިން ޕްރޮގްރާމް ހިންގަން އެ ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތައް އެކްރެޑިޓް ކުރަމުން،" ކަމަށެވެ.

އީސީން ބޭނުންވަނީ ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެއީ ހަމައެކަނި ދިވެހިން ހަދަން ޖެހޭ ތަމްރީން ޕްރިގްރާމެއް ނޫން ކަމަށެވެ. އެހެންކަމުން އެ އިންތިހާބު މޮނިޓާ ކުރަން ރާއްޖޭން ބޭރުން އަންނަ ފަރާތްތައްވެސް އެ ޓްރެއިނިން ޕްރޮގްރާމް ހަދަން ޖެހޭނެ ކަމަށާއި، އެކްރެޑިޓް ކުރާނީ އޭރުން ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.