އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި ދެވަނަ ޑިވިޝަނުގެ ބާންލީ ބަލިކޮށްފިއެވެ.
ސިޓީން ރޭ އަމިއްލަ ދަނޑުގައި ބާންލީ ބަލިކުރީ 6-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނޯވޭގެ ނުރައްކާތެރި ފޯވަޑް އާލިން ބްރައުޓް ހާލަންޑް ހެޓްރިކް ފުރިހަމަ ކޮށްފައިވާ އިރު، ރޭގެ މެޗުގައި ހެދި ހެޓްރިކަކީ އޭނާ މި ސީޒަނުގައި ހެދި ހަވަނަ ހެޓްރިކެވެ. އެންމެފަހުން ސިޓީން ކުޅުނު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ މެޗުގައި ހާލަންޑް ފަސް ގޯލު ޖަހައިފައިވާ އިރު، މިރޭގެ ހެޓްރިކާއެކު އޭނާ ވަނީ މިދިޔަ ފަސް ދުވަހުގައި ކުޅުނު ދެމެޗުން އެކަނިވެސް ނުވަ ގޯލު ޖަހައިފައެވެ.
މިހާތަނަށް އެފްއޭ ކަޕްގައި ހާލަންޑް ހަތަރު ގޯލު ޖަހައިފައިވާ އިރު، ސިޓީއަށް މި ސީޒަނުގައި ޖުމުލަ 42 ގޯލު ޖަހައިދީފައިވެއެވެ. އެއީ ސިޓީގެ ކްލަބު ތާރީހުގައިވެސް ރެކޯޑު އަދަދެކެވެ. އެއް ސީޒަނެއްގައި ސިޓީއަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މިދިޔަ ހަފުތާ ހާލަންޑް ވަނީ ހަދާފައެވެ.
ރޭގެ މެޗުގައި ސިޓީއާ ދެކޮޅަށް ކުޅުނު ބާންލީއަށް މިހާރު އިރުޝާދު ދެމުންދަނީ ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ކަމަށްވާ އިރު، ސްޓޭޑިއަމުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔަފައެވެ. ހާއްސަކޮށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ފަރާތުންވެސް ކޮމްޕެނީއަށް ވަނީ ހާއްސަ މަރުހަބާއެއް ކިޔަފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ހާލަންޑްގެ ދެ ގޯލު ފެނުނި އިރު، ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވެ އޭނާ ހެޓްރިކް ފުރިހަމަ ކުރިއެވެ. އަދި އޭނާގެ އިތުރުން ސިޓީގެ ޖޫލިއަން އަލްވަރޭޒް ދެ ގޯލު ޖެހި އިރު، ސިޓީގެ ތިންވަނަ ގޯލަކީ ޒުވާން ފޯވަޑް ކޯލް ޕާމާ ޖެހި ގޯލެކެވެ.
އެފްއޭ ކަޕް ކުއާޓާ ފައިނަލް އަނެއް ތިން މެޗު އޮތީ މިރޭއެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުން ފުލަމްއާ ދެކޮޅަށް ކުޅޭ މެޗާއި، ހަތަރުވަނަ ޑިވިޝަންގެ ގްރިމްސްބީން ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ އިގތުރުން ޝެފީލްޑް ޔުނައިޓެޑާއި ބްލެކްބާން ވާދަކުރާ މެޗެވެ.