ދިރާގުން ވޯލްޑް ބޭންކް ގްރޫޕްގައި ހިމެނޭ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފައިނޭންސިންގެ ދެވަނަ ލޯން ފެސިލިޓީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ދިރާގުން މިއަދު ބުނި ގޮތުގައި 30 މިލިއަން ޑޮލަރުގެ މި ފެސިލިޓީގެ ސަބަބުން ދެކުނު އޭޝިޔާއިން ފެށިގެން އިންޑިއާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕާ ގުޅާލާ ސީމީވީ ހަ ސަބްމެރިން ކޭބަލް ސިސްޓަމް ޕްރޮޖެކްޓަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އެ ސަބްމެރިން ކޭބަލް ޕްރޮޖެކްޓް 2025 ގެ ނިޔަލަށް ނިންމާލެވޭ އިރު، އަންނަ ސެޕްޓެމްބަަރު މަހުގެ ތެރޭގައި ރާއްޖެއަށް ސަބްމެރިން ކޭބަލް ގުޅާލެވޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
މި ޕްރޮޖެކްޓްގެ ސަބަބުން ގްލޯބަލް އިންޓަނެޓް ހުޕަހައިވޭއާ ރާއްޖެ ގުޅާލައި ރާއްޖެއަކީ ދުނިޔޭގެ ޑިޖިޓަލް ހަބަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން އިންޓަނެޓްގެ ލެޓެންސީ ކުޑަކޮށް ކުރިއަށްވުރެ ފެންވަރު ރަނގަޅު އަދި ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް އިންޓަނެޓް ފޯރުކޮށްދިނުމަށް ފަސޭހެވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި ދެވަނަ ފެސިލިޓީ ސޮއިކުރުމާއެކު އައިއެފްސީ އަދި އޭޑީބީއިން ދިރާގަށް ދިން ފައިސާގެ އެހީ ޖުމްލަ 55 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އަދި މި ފައިނޭންސިންއާ އެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ދިރާގުން ކުރާ އިންވެސްޓްމަންޓަށް އެހީތެރިވެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނެކްޓިވިޓީ ހަރުދަނާވެގެންދާނެއެވެ.
ދިރާގުން ވަނީ މިދިޔަ އަހަރު މި ފައިނޭންސިންގެ ފުރަތަމަ ލޯން ފެސިލިޓީގައި ސޮއިކޮށްފައެވެ. އެކުންފުނިން ބުނެފައިވާ ގޮތުގައި 25 މިލިއަން ޑޮލަރުގެ މި ފެސިލިޓީން އެ ކުންފުނީގެ ވޯކިން ކެޕިޓަލް އަދި ކެޕިޓަލް އިންވެސްޓްމެންޓް ޕްރޮގްރާމަށް ހަރަދުކޮށް ކަސްޓަމަރުންގެ އިތުރުވަމުންދާ ޑޭޓާގެ ބޭނުންތައް ފުއްދިގެންދާނެ ކަމަށެވެ. މިގޮތުން ދިރާގުގެ 5ޖީ ހިދުމަތް ފުޅާކޮށް، އިތުރު ރަށްރަށަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ފޯރުކޮށްދީ، ޑޮމެސްޓިކް ސަބްމެރިން ކޭބަލް އެކްސްޕޭންޝަން ޕްރޮޖެކްޓަށް އެހީތެރިވާނެއެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި، އެ އެއްބަސްވުމުގެ ސަބަބުން ދިރާގަށް ޔޫރަޕާއި ސިންގަޕޫރާ ދެމެދުގައިވާ ގިނަ އިންޓަނެޓް ޑޭޓާ ސެންޓަރުތަކަށް އެކްސެސް ލިބޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ސްޓޭޖުގައި ދިރާގުން އިތުރަށް ޝާމިލްވެ އަދި ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްދީ ގައުމުގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި އިންވެސްޓްމަންޓަކީ އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް، ސޯޝަލް އެންޑް ގަވާނަންސް (އީއެސްޖީ) ފަންކްޝަން ގާއިމުކުރުމަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތް ހާސިލްކުރުމުގައިވެސް އެޅޭ ވަރަށް މިހިންމު ބިންގަލެއް،" ރަޝީދު ވިދާޅުވިއެވެ.
އޭޑީބީ ޕްރައިވެޓް ސެކްޓާ އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް ސުޒޭން ގަބޯރީ ވިދާޅުވީ، މޮބައިލް އަދި އިންޓަނެޓު ކަނެކްޓިވިޓީ ލިބުމަކީ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ހާއްސަކޮށް ރާއްޖެ ފަދަ އާބާދީ ބެހިފައިވާ ޖަޒީރާ ގައުމަކަށް މިއީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީ ފުޅާކޮށް ޑިޖިޓަލް އިގުތިސޯދުގައި ޖަޒީރާ މުޖުތަމައުތަކަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ކަމަށެވެ.