ޚަބަރު

މިމަހުގެ ފުރަތަމަ 15 ދުވަހު 89،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް

ރިފާ ހަލީލު

މިމަހުގެ ފުރަތަމަ 15 ދުވަހު ރާއްޖެއަށް 89،646 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 440،059 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އޭގެތެރެއިން މިމަހުގެ 15ގެ ނިޔަލަށް 89،646 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 23.8 ޕަސެންޓު އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު ބައިލައްކައަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އަހަރުގެ އެއްވަނަ މާކެޓް، އިންޑިއާއިންނެވެ. އެ ގައުމުން އަހަރުގެ މިހާތަނަށް 47،462 ޓޫރިސްޓުން އައިސްފައިވެއެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ 5 ގައުމު:

  • ރަޝިއާ: 54،527 ފަތުރުވެރިން
  • އިންޑިއާ: 47،462 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 41،126 ފަތުރުވެރިން
  • އިޓަލީ: 39،919 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 30،028 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 6،060 ޓޫރިސްޓުން އަންނަމުންދެއެވެ. އަދި އެވްރެޖު ގޮތެއްގައި ޓޫރިސްޓުން 7.8 ދުވަހު މަޑުކުރެއެވެ.