ދުނިޔެ

އަދުގެ ދުނިޔެ: އައިސީސީގެ އަމުރަށް ރައީސް ޕުޓިން ހައްޔަރުކުރެވިދާނެތަ؟

އިމާދު ލަތީފު

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު ނުވަތަ އައިސީސީން އިއްޔެ ވަނީ ހަނގުރާމައިގެ މުޖުރިމެއްގެ ގޮތުގައި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ހައްޔަރު ކުރުމުގެ އަމުރެެއް ނެރެފައެވެ. މި އަމުރުގެ ސަބަބުން މުޅި ދުނިޔެއަށް ވަނީ ހައިރާންކަން ލިބިފައެވެ. މި ކޯޓަކީ ބައިނަލްއަގުވާމީގޮތުން ގާއިމްކުރެވިފައިވާ ދާއިމީ ޖިނާއީ ކޯޓެއް ކަމަށްވިޔަސް މިތަނުގެ އިންސާފުވެރިކަމާމެދު ފުރަތަމަ ދުވަހުން ފެށިގެންވެސް ވަނީ ސުވާލު އުފެދިފައެވެ. މިތަން އުފައްދަން ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލުވެސް ހިމެނެއެވެ. މިކޯޓަށް އެމެރިކާ މީހަކު ނުގެންދެވޭނޭ ކަމަށް ބަޔާންކޮށް އެމެރިކާއިން ގާނޫނެއްވެސް ފާސްކޮށްފައިވެއެވެ. އެމެރިކާގެ އެންމެ ގާތް މިތުރު ކަމަށްވާ އިޒްރޭލުން އަބަދުވެސް ބުނަމުން އަންނަނީ މިކޯޓަކީ ބޮޑުވެގެންވާ ޖޯކެއް ކަމުގައެވެ.

މިކަން މިހެންއޮތަސް އިއްޔެއިން ފެށިގެން އައިސީސީއަށްވުރެ އިންސާފުވެރި ފުރިހަމަ މުއައްސަސާއެއް ނެތްކަމަށް ހުޅަނގުން ބުނަން ފަށައިފިއެވެ. އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް ނުވަތަ އައިސީސީއަކީ ރޯމް މުއާހަދާގެ ދަށުން ގާއިމް ކުރެވިފައިވާ ދުނިޔޭގެ ޖިނާއީ ކޯޓެވެ. މި ކޯޓުން ރައީސް ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް ނެރުމުގެ މާނަޔަކީ ރޯމް މުއާހަދާގައި ސޮއިކޮށްފައިވާ 123 ގައުމުގެ ތެރެއިން ގައުމަކަށް އޭނާ ވަޑައިގެންފިނަމަ ވަގުތުން ހައްޔަރުކޮށް ހޮލެންޑުގެ ދަ ހޭގުގައި ގާއިމުކުރެވިފައިވާ މި ކޯޓުގައި ސަރިޔަތް ހިންގުމަށްޓަކައި އެތަނަށް ފޮނުވަން އެގައުމެއްގެ މައްޗަށް ލާޒިމުވުމެވެ. އައިސީސީން މީގެކުރިން ނެރެފައިވާ މިޒާތުގެ އަމުރުތަކަށްބަލާއިރު ތަންފީޒު ނުކުރެވިގޮސްފައިވާ މަންޒަރު ފެނެއެވެ. ބަހާއި އަމަލު ދިމާކުރުމުގައި ފަސްޖެހޭ މަންޒަރު ފެނިފައިވެއެވެ.

ސޫދާނުގެ ކުރީގެ ރައީސް އުމަރު ހަސަން އަލްބަޝީރަކީވެސް މިގޮތަށް ހައްޔަރުކުރަން އައިސީސީން އަމުރެއް ނެރެފައިވާ ބޭފުޅެކެވެ. އެކަމަކު އޭނާ ހައްޔަރެއް ނުކުރެވެއެވެ. އެކި ގައުމުތަކަށް ދަތުރުފުޅުވެސް ކުރައްވައެވެ. ރޯމް މުއާހަދާގައި ސޮއިކޮށްގެން ތިއްބަސް އޭނާ ހައްޔަރުކުރަން އެގައުމުތަކުން އުޅެފައެއް ނުވެއެވެ. އައިސީސީން ރައީސް ޕުޓިންއާ ދެކޮޅަށް ނެރުނު އަމުރުގެ ސަބަބުން ނުކުންނާނެ އެއް މައްސަލަޔަކީ ޔުކްރޭނުގެ ހަނގުރާމައަށް ނިމުމެއް ހޯދަން ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ހުރަސްއެޅުމެވެ. އައިސީސީން އެއޮތީ ރައީސް ޕުޓިންއަކީ މުޖުރިމެއްކަމަށް ނިންމައިފައެވެ. މުޖުރިމުންނާ ބައްދަލުކޮށް މަޝްވަރާކުރުމަކީ ހުއްދަކަމެއް ނޫނެވެ. ދުނިޔޭގެ 123 ގައުމަކަށް ލާޒިމުކޮށްފައި އެއޮތީ ރައީސް ޕުޓިން ހައްޔަރު ކުރުމަށެވެ.

އެހެންވީމާ ސުލްހަ ހޯދުމަށްޓަކައި ރަޝިޔާއަށްގޮސް ރައީސް ލުޓިންއާ ބައްދަލުކޮށް ސުލްހަ ހޯދަން މަޝްވަރާކުރާ ކޮންމެ މީހަކުވެސް ދެން ކުށްވެރިވާނެއެވެ. ހަމައެގޮތަށް ސުލްހައިގެ އެއްވުމެއް ގައުމަކުން އިންތިޒާމްކޮށްގެން އެތާކަށް ރައީސް ޕުޓިން ވަޑައިގެންފިނަމަ އޭނާ ހައްޔަރުކުރަންވެސް އެގައުމަކަށް ލާޒިމިވީއެވެ. މިކަން މިހެންއޮތީމާ އައިސީސީގެ މި އަމުރަކީ ޔުކްރޭނުގެ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ހުރި ދޮރުތައް ބަންދުވުމެއްކަމަށް ނިންމިދާނެއެވެ. މިކަމާބެހޭ ގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޒް ވިދާލުވަނީ ކީކޭ ބާވައެވެ. އައިސީސީގެ ނިންމުމަށްފަހު ގުޓަރެޒް ވިދާޅުވިއެވެ. ޔުކްރޭނުގެ ހަނގުރާމަ ހުއްޓުވުމަށްޓަކައި މަޝްވަރާ ކުރަންޖެހޭކަމަށް ފެންނަ ހަމަކޮންމެ މީހަކާ އޭނާ ބައްދަލުކުރައްވާނެއެވެ.

އައިސީސީގެ އަމުރު ކޮންމެ ގޮތަކަށް އޮތަސް ރައީސް ޕުޓިންއާވެސް ބައްދަލު ކުރައްވާނެ ކަމަށް ގުޓަރެޒް ވިދާޅުވިއެވެ. އެއީ މަގާމުގެ ގޮތުން އަދާކުރަންޖެހޭ ޒިންމާއެކެވެ. ކޯޓަކުން ނެރޭ އަމުރަކުން، އަދި ކުރާ ހުކުމަކުން އެޒިންމާ ބަދަލެއް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. ދެންެއޮތީ މި އަމުރާމެދު ރަޝިޔާއިން ދެކޭގޮތެވެ. ރަޝިޔާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ މިއީ އެމެރިކާ އަޑީގައި އޮވެގެން ނެރެފައިވާ އަމުރެއްކަމަށާއި ރަޝިޔާގެ ރައީސާއި މިގޮތަށް ނުކުޅެވޭނެ ކަމުގައެވެ. ރައީސް ޕުޓިންއާ ކުޅެން ދިމާކުރުމަކީ ރަޝިޔާއާ ކުޅުމެއްކަމަށާއި އެކަމުގެ ނަތީޖާއަކީ ކޮބައިކަން އެންމެނަށްވެސް އެނގެންވާނެ ކަމުގައެވެ. ރަޝިޔާގެ ރިޔާސީ ކިއްލާ ކްރެމްލިނުން ބުނެފައިވަނީ މިހެންނެވެ. އައިސީސީގެ ގާނޫނީ ހައިސިއްޔަތެއް އަހަރެމެން ގަބޫލެއް ނުކުރަމެވެ.

އައިސީސީއަށް އިއުތިރާފެއްވެސް ނުވާ ކަމަށް ކްރެމްލިނުން ބުނެއެވެ. ކްރެމްލިންގެ ނަޒަރުގައި އައިސީސީން ދައްކާ ހުއްޖަތާއި އެ ހުއްޖަތުގެ މައްޗަށް ނެރެފައިވާ އަމުރަކީ މުޅިން ބާތިލު ކަންކަމެވެ. ދެކޮޅުނުޖެހޭ ކަންކަމެވެ. ރައީސް ޕުޓިން އެހެން ގައުމަކަށް ދަތުރުފުޅެއް ކުރައްވައިފިއްޔާ އެގައުމަކުން އޭނާ ހިފައި ހައްޔަރުކޮށް އައިސީސީއާ ހަވާލުކުރުމުގެ ބިރު ބައޮތްތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފް ވިދާޅުވީ ރަޝިޔާ އާއި ރަޝިޔާގެ ވެރިން ބިރުގަންނާނޭ ކަމެއް އެހެންބަޔަކަށް ނުކުރެވޭނޭ ކަމަށާއި އެކަމާބެހޭގޮތުން އިތުރު ވާހަކަ ދެއްކުމަކީވެސް ބޭކާރު ކަމެއް ކަމުގައެވެ. ކްރެމްލިނުން މިހެން ބުންޏަސް ރަޝިޔާގައިވެސް އައިސީސީގެ އަމުރަށް ތާއީދުކުރާ ބަޔަކު އެބަތިއްބެވެ. އެއީ ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އާއި އޭނާއަށް ތާއީދުކުރާ މީހުންނެވެ.

އައިސީސީގެ ގާތްގަޑަކަށް ވިހިއަހަރުވީ ތާރީޚުގައި އަދި މިހާތަނަށް ގައުމެއްގެ ވެރިޔެއްގެ މައްޗަށް ސަރިއަތް ހިންގައި ކުށްވެރިވާކަމުގެ ހުކުމެއް އިއްވިފައިނެތެވެ. މިހާތަނަށް ފަސް ހުކުމެއް ފާހަގަކުރެވޭއިރު އޭގެތެރޭގައި ގައުމެއްގެ ވެރިކަން ކުރައްވާފައިވާ ބޭފުޅަކު ނުހިމެނެއެވެ. އެއީ ކުށްސާބިތުކުރުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން ބެލުމުގައި އައިސީސީއަށް ލިބިފައިއޮންނަ މިނިވަންކަން ކުޑަކަމުންނެވެ. އެގޮތުން ރައީސް ޕުޓިން ހައްޔަރުކުރެވުނަސް، އަދި ސަރިޔަތެއް ހިންގުނަސް އޭނާގެ މައްޗަށް ހުކުމެއް އިއްވުމަކީ އެހާކައިރި ކަމެއް ނޫނެވެ. ހައްޔަރު ކުރުމުގެ އަމުރަކީ އަދި އެހެން މައްސަލައެކެވެ. ރަޝިޔާއިންވެސް ބުނާފަދައިން އެއީ ހުޅަނގުގެ ގައުމުތަކުން ބޭނުންކޮށްފައިވާ ސިޔާސީ ހަތިޔާރެކެވެ. ކުރެވޭނޭ މާގިނަ ކަންކަމެއް ނެތުމުން ހުޅަނގުގެ ހިސްޓީރިއާ އިތުރުވެ އަތުންފައިން ގޯސްހެދުމުގެ އަމަލެކެވެ.