ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގެ އެންމެ ހައިބަތު ބޮޑު، އެންމެ ފުރިހަމަ ފުޓްސަލް މުބާރާތްކަން އެތައް ކަމަކުން ސާފެވެ. އެތައް ރަށެކެވެ. މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުންތަކުންނެވެ. އުތުރާއި ދެކުނުން، މެދު ރާއްޖެ ތެރެއިންވެސް ފުޓްސަލްގައި ކުރާ އުންމީދަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް ތަށި، ރަށަށް ގެންދިއުމެވެ. އެއް ފަހަރު ނަމަވެސް އެ ހުވަފެން ހަގީގަތަކަށް ހެދުމެވެ. ކުޅުންތެރިންގެ އެކަނި އުންމީދެއްވެސް ނޫނެވެ. ކުޅުންތެރިން އެކަނި ހޯދާ އުފަލެއްވެސް ނޫނެވެ. މުޅި ރަށެވެ. މުޅި އަތޮޅެވެ. އަތޮޅުގެ ތަށިވެސް، ޒޯނުގެ ތަށިވެސް އެހާމެ އަގުބޮޑުކަން ފެންނަ މަންޒަރުތަކުން ސާފެވެ.
"ބަނދަރުމަތީގަ ރައްޔިތުން ނުކުމެ އޮތް ތިބި. ހުރިހާ މުއައްސަސާތަކުންވެސް ބަނދަރުމަތީގަ. ރަށުގެ އެތައް ރައްޔިތުންނެއް ޝާމިލުވެގެން މުއައްސަސާތައް ގުޅިގެން ރޭވިގެން ދިޔަ ކަންކަން ހުރީ. ވަރަށް ބޮޑު ކަމެއް އަސްލު އެއީ. ގޯލްޑަންގެ ކާމިޔާބީތަކުން ވަރަށް ތަފާތު ރޫހެއްގެ ތަފާތު މަންޒަރެއް ފެނިގެން ދަނީ. އަސްލު ބުނާ ކަމަށްވާނަމަ، ވަރަށް އުނދަގޫ ހާލަތެއްގަ މި ޒަމާނުގަ ރަށެއް އެކުވެރިވެގެން ދާނީ. އެކަމަކު ގޯލްޑަންގަ ނުކުންނަ ޓީމުގެ ފަހަތަށް އަރަން ރަށް އަބަދުވެސް އޮންނަނީ އެކަތިގަނޑެއްގެ ގޮތުގަ. ސިޔާސީ ބައިބައިވުމެއް، ތަފާތު ހިޔާލެއްގެ ވިސްނުމެއް ނެތް. ރަށުގަ ކުރީގެ އޮންނަ ރަށު ރޫހު، ރަށަށްޓަކައި އެންމެން އެއްކޮށް، މަސައްކަތް ކުރުމުގެ ރޫހު ފެނިގެން ދިޔަ،" މ. ދިއްގަރު ޓީމުން އަތޮޅު ތަށްޓާއި ޒޯން ތަށި ހިފައިގެން ދިއުމުން ކީ މަރުހަބާއަށް އެޓީމުގެ މެނޭޖަރު އަދި ރަށުގެ ކައުންސިލް ނައިބު ރައީސް އިސްމާއީލް މާހިދު "ވަން"އަށް ބުންޏެވެ.
މާހިދުގެ ވާހަކައިގައި ރަށުގެ އެކިއެކި އާންމު ފަރުދުންގެ ފަރާތުން ޓީމަށް ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރިއެވެ. ރަށަށް އައި ފުޓްސަލްގެ ޖޯޝުން ރަށުގެ އިޖުތިމާއީ ފޭރާމަށް ގެނައި ބަދަލު ސިފަކުރިއެވެ.
އެއީ ދިއްގަރުން އެކަނި ފެނުނު މަންޒަރެއް ނޫނެވެ. އެތައް ޓީމަކަށް އެ މަންޒަރު ފެނިއްޖެއެވެ. ހދ. ނައިވައިދޫން އަތޮޅު ތަށްޓާއި ޒޯން ތަށި ނަގައިގެން ސްޓޭޖުން ފައިބައިގެން ދިޔައީ އަންހެންވެރިންގެ މާފަތިތައް ކަރުގައި އަޅުވައިގެންނެވެ. އާއިލީ ގުޅުމުގެ ހިތްގައިމު އެތައް މަންޒަރެއް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 އިންވެސް ދައްކުވައިދީފިއެވެ. ރަށުގެ ވަތަނީ ލޯބީގެ އިހުސާސް އެތައް ގޮތަކުން ދަނޑު ސަރައްދުންވެސް ފެނިގެން ދިޔައެވެ.
ކަޓައިގެން ދާން ޖެހުނު ނަމަވެސް ރަށްރަށުގެ ރައްޔިތުންނަށް މުބާރާތުން ގެނުވި ރޫހުގެ އަސަރު ހެޔޮގޮތުގައި ކޮށްފިކަން ސާފެވެ. ކ، ގާފަރު މިދިޔަ އަހަރު ފައިނަލްގައި ކުޅެ، މިއަހަރު ކެޓީ ގަދަ 16 އިންނެވެ. އެހެން ނަމަވެސް ރަށުން ޗެރިޓީ ޝީލްޑާއި ޒޯން ތަށްޓަށް ކިޔާފައި ވަނީ ހޫނު މަރުހަބާއެކެވެ. އެ މަންޒަރުތަކުން ރަށުގެ ކުދިބޮޑު އެންމެން ޓީމުގެ ފަހަތުގައި، ޓީމުގެ ހިތްވަރަކަށް ތިބިކަން ވަރަށް ބޮޑަށް ސާފެވެ.
"އަހަރެމެންގެ ރަށު ޓީމުގެ ސަޕޯޓަރުން އެއީ އެހެން ލެވެލްއެއް. އެމީހުން ވައްޓައެއް ނުލެވޭނެ،" މިއީ ގިނަ ކުޅުންތެރިންގެ ފަރާތުން އަޑު އިވިފައިވާ ބަހެކެވެ. ތެދެކެވެ. ފައިނަލުގައި އޮތް ގދ. ވާދޫ، ނޫނީ ލ. ގަން އަދި އެހެން ގޮސް، ރ. އިނގުރައިދޫ ފަދަ ރަށްރަށުންވެސް ސަޕޯޓަރުންގެ ފޯރި އިންތިހާއަށް ގަދައެވެ. ފައިނަލަށް ރަށުގައި ނުތިބެވިގެން މާލެ އަންނަން ހިފާލައި، މާލެ އަންނަ ސަޕޯޓަރުންވެސް ބައިވަރެވެ. އެއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ "ސައިޒު" ދައްކުވައިދޭނެ މިސާލެކެވެ. މުބާރާތެއްގެ ފެންވަރު ރަނގަޅުވުން ބަލައިގަންނަކަން ސާފުވާނެ އެއް ހެއްކަކީ ސަޕޯޓަރުން ދޭ ލޯތްބެވެ. އެ ލޯބި ވަރަށް ބޮޑަށްވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުން ސާފެވެ.
"ހީވެސް ނުކުރާނެ ކަހަލަ ސަޅި މަރުހަބާއެއް ޓީމަށް ކިޔައިފި. ފުރަތަމަ ހަމަ ފްލައިޓުން ފައިބައިގެން ގޮސް ވީއައިޕީ ލޯންޖަށް ވަންތަނުން ކައުންސިލަރުން މަރުހަބާ ކީ. ޓީމަށް މަރުހަބާ ކިޔަން އެއާޕޯޓް ކައިރިއަށް ރަށުގެ އެތައް ބަޔަކު ޖަމާވެފައި ތިބި. ޑިނާ ނައިޓަކާއެކު އަގުވަޒަން ކުރުމުގެ ހަނދާނީ ފިލާ ދިނުންވެސް މިރޭ އޮންނާނެ،" ދ. ކުޑަހުވަދޫގެ ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ)، އެޓީމަށް އިއްޔެ ކީ މަރުހަބާއާ ގުޅޭ ގޮތުން "ވަން"އަށް ބުންޏެވެ.
ކުޑަހުވަދޫން އަތޮޅު ތަށްޓާއި ޒޯން ތަށި ހޯދި ހޯދުން އެއީ ހަމައެކަނި ކުޅިވަރުގެ ކާމިޔާބީއެއް އެކަންޏެއް ނޫނެވެ. މުޅި ރަށުގައި ތަފާތު މާހައުލެއް ގާއިމުކޮށްދިން ކާމިޔާބީއެއްވެސް މެއެވެ. ޖުމްބެގެ ނަޒަރުގައި މުޅި ރަށް، ވަކި އުމުރެއް ނެތި މިފަހަރު އޮތީ ފުޓްސަލް ޓީމާއެކުގައެވެ.
"މިއީ ކުރިއާވެސް ތަފާތު އިހުސާސެއް. މިފަހަރު މުޅި ރަށް ވަރަށް ވަރަށް ބޮޑަށް މިކަމުގައި ހަރަކާތްތެރިވެއްޖެ. ކައުންސިލުން އިސް ނަގައިގެން މިކަން ކުރުމުން ވަރަށް ބޮޑަށް އިޝްތިހާރުވެސް ވެފަ އޮތީ. އެހެންވެ މެޗުތައް އޮންނަ ރޭރޭ ކެފޭ ރެސްޓޯރަންޓްތަކަށް މެޗުބަލަން ދާ މީހުން މެޗުގެ ގަޑިއެއްހާއިރު ކުރިން ތަންތަން އެބަ ފުރާލާ. އަށް ވަރަކަށް ރެސްޓޯރަންޓް ހުންނަ އިރު، ކިރިޔާ ލަސްވެލިޔަސް ޖާގައެއް ނުލިބޭ. މެޗުތައް ބެލުންވެސް އޮތީ އެހާ ފޯރީގަ. މުޅި ރަށް އެއްބައިވެފަ އޮތްވަރުން މަގުމަތީގަވެސް އެވާހަކަ އެބަ ދެކެވޭ. ކެޕްޓަނެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވަނީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. އިންޝާﷲ ދެންފަހަރަކު މުޅި ރާއްޖޭގެ ތަށި ގެނެސްދޭނަމޭ،" ޖުމްބެ ބުންޏެވެ.
ސިޔާސީ ފިކުރުންވެސް އެއް ފަރާތް ކުރުވި ފޯރިއެކެވެ. ހިޔާލު ތަފާތުވުންތައްވެސް ދޫކޮށްލި ފޯރިއެކެވެ. ގައުމީ ޓީމުތަކަށް ކުރިން ފެންނަ ޖޯޝު ފެންނަ މަންޒަރުތަކެކެވެ. ރަށް ރަށުގައި ކުރިން އޮންނަ އަތޮޅު ފުޓުބޯޅަ ފޯރީގެ ރަން ހަނދާންތައް ގެނުވާ މަންޒަރުތަކެކެވެ. ރަށު ލޯބި، އަތޮޅު ލޯބި ފެންނަ ފެނުމަކީ މުބާރާތް އިންތިޒާމުކުރާ ފަރާތަށްވެސް ލިބޭ ހިތްހަމަޖެހުމެކެވެ. އެފަދަ ކޮންމެ މަންޒަރަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ޝުކުރު އަދާކުރާ މަންޒަރުތަކެކެވެ. ބަލައިގެންފިކަމުގެ އިހުސާސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ހީވާގި ރައީސް، ރިލުވާން މޫސާއަށްވެސް ކުރެވިއްޖެއެވެ.
"އަސްލު ވަރަށް އުފާވެރި މަންޒަރުތަކެއް ފެނިގެން އެ ދަނީ. ރަށްރަށުން މި މުބާރާތް ބަލައިގެންފައިވާ ކަމުގެ އިހުސާސް އެ މަންޒަރުތަކުން ކުރެވިގެންދޭ. ޓީމުތަކަށް މުޅި ރަށުން އެދޭ ތަރުހީބާއެކު އެ ދައްކުވައިދެނީ ތަފާތު މަންޒަރެއް. ސިޔާސީއާއި އެތައް އެތައް ކަމެއްގެ ތެރެއިން ހިޔާލުތަފާތުވުންތައް ބޮޑުވެފައި އޮންނަ މިޒަމާނުގަ، ފުޓްސަލް ޓީމެއްގެ ސަބަބުން އެ ގެނުވާ އެކުވެރިކަން އެއީ އަޅުގަނޑުމެންނަށްވެސް ލިބޭ ޝަރަފެއް. އަތޮޅު ތަށްޓާއި ޒޯން ތަށި ހިފައިގެން ދާ ޓީމަށް ރަށްރަށުގެ ރައްޔިތުން ކިޔާ މަރުހަބާއިން ދައްކުވައިދެނީ އެ ކާމިޔާބީތަކަކީ ގައުމީ ފެންވަރުގެ ކާމިޔާބީއެއް ކަމަށް އެ ރަށްރަށުން ބަލައިގެންފައިވާކަން،" ރިލުވާން "ވަން" އަށް ވިދާޅުވިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ވަނަ އަހަރު ފަށައި، މިއަދާ ހަމައަށް އައިރު، އެއް އަހަރުން އަނެއް އަހަރަށް އަންނަނީ ތަރައްގީވަމުންނެވެ. ސަޕޯޓަރުންގެ ލޯބި މުބާރާތަށް ބޮޑުވެ، އެތައް އެތައް ގޮތަކުން ރާއްޖޭގެ ފުޓްސަލް މަލަމަތި ބަދަލުކޮށްލައިފިއެވެ. މުޅި ރާއްޖެ ޝާމިލުވެ، މުބާރާތް ފުރިހަމަވެއްޖެއެވެ. އެންމެ ބޮޑު އެއް ކާމިޔާބީއަކީ މުބާރާތުގެ ބޮޑު މަގުސަދެއް ހާސިލްވެސް ވުމެވެ. ރަށު ލޯބި، ރަށު ރޫހު ފުޓްސަލްއަށް ގެނެސް، ރަށްރަށުގެ އިޖުތިމާއީ ފޭރާމަށް މުބާރާތުގެ އަސަރު ފޯރުމެވެ. ޓީމުތަކުގެ މަރުހަބާއިން ގެނެސްދެނީ ރަށު ލޯބީގެ ރަން ހަނދާންތަކެވެ.