އިނގިރޭސި ޕްރިމިއާ ލީގު

ޕެލެސްގެ ކޯޗު ވިއެރާ މަގާމުން ވަކިކޮށްފި

ޕްރިމިއާ ލީގު ކްލަބު ކްރިސްޓަލް ޕެލެސްގެ ކޯޗު، އާސެނަލްގެ ލެޖެންޑް ޕެޓްރިކް ވިއެރާ މަގާމުން ވަކިކޮށްފިއެވެ.

ލީގުގައި ބުދަ ދުވަހު ކުޅުނު މެޗުންވެސް ޕެލަސް ބްރައިޓަން ކައިރިން ބަލިވެފައިވާ އިރު، އެންމެފަހުން އެޓީމު ކުޅުނު 12 މެޗުންވެސް މޮޅުވެފައެއް ނުވެއެވެ. ތާވަލުގެ 12 ވަނަގައި އޮތް ޕެލަސް އަށް 27 މެޗުން 27 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ރެލިގޭޝަނާ ގާތުގައެވެ.

ޕެލެސްއިން ނެރުނު ބަޔާނެއްފައި ކްލަބު ޗެއާމަން ސްޓީވް ޕެރިޝް ވިދާޅުވީ ވިއެރާ ވަކިކުރީ ފާތިއުވި ދުވަސްތަކުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވުމުން އެކަމަށް ހައްލެއް ހޯދަން ޖެހިފައިވާތީ ކަމަށެވެ.

"އެންމެ ފަހުން ފާއިތުވި މަސްތަކުގެ ނަތީޖާތަކުގެ ސަބަބުން ލީގުގެ ހާލަތު ވަރަށް ނާޒުކުވެއްޖެ. ޕްރިމިއާ ލީގުގައި ދެމި އޮންނަން އެންމެ ރަނގަޅު ފުރުސަތެއް ދިނުމަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް އަހަންނަށް ހީވި. މިވަގުތު ޓީމަށް ބަދަލެއް ގެންނަން ޖެހޭ. އެކަމަކު މިއީ އުނދަގޫ ނިންމުމެއް،" ޗެއާމަން ޕެރިޝް ވިދާޅުވިއެވެ.

ޕެރިޝް ވަނީ ވިއެރާ ކްލަބުގައި ކުރި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުވެސް ކޮށްފައެވެ. ޕެރިޝް ވިދާޅުވީ ވިއެރާއަކީ ފުޓުބޯޅައިގައި ވަރަށް ބޮޑަށް އިހުތިރާމުކުރާ ލެޖެންޑެއް ކަމަށާއި، ކްލަބާއެކު މިދިޔަ އަހަރު އެފްއޭ ކަޕް ސެމީ ފައިނަލް ކުޅުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.

އުމުރުން 46 އަހަރުގެ ވިއެރާ ޕެލެސްއާ ހަވާލުވީ މިދިޔަ ސީޒަނަށެވެ. މިދިޔަ ސީޒަން ޕެލެސްއާއެކު ވިއެރާ ނިންމާލީ ތާވަލުގެ 12 ވަނައިގައެވެ. އޭނާގެ ސްޓައިލަށް އޭރު ގިނަ ބަޔަކު ތައުރީފުކުރި ނަމަވެސް، މި ސީޒަނުގައި ޕެލެސްއަށް އުނދަގޫތަކާ ދިމާވިއެވެ.

ވިއެރާ ވަނީ ކުރިން އޭސީ މިލާނާއި އާސެނަލް، ޔުވެންޓަސްގެ އިތުރުން އިންޓަ މިލާން އަދި މެންޗެސްޓާ ސިޓީއަށް ކުޅެފައެވެ. ފްރާންސް ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ވިއެރާ ފާހަގަވެފައި ވަނީ އާސެނަލްގެ ލެޖެންޑެއްގެ ގޮތުގައެވެ. އެ ކްލަބާއެކު ޕްރިމިއާ ލީގު ކާމިޔާބުކުރި ވިއެރާ ވަނީ ކްލަބަށް 270 އަށްވުރެ ގިނަ މެޗު ކުޅެފައެވެ.