އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލުގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އިންކާރުކުރައްވައިފިއެވެ.

ނޮވެމްބަރު 3، 1988ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގެ ބަތަލު، މޫސާ އަލީ ޖަލީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ އަނބުރު ނަގައިލުމަށް މަސައްކަތް ކުރަމުންދާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވާ ކަމަށް ބުނެ ކުރާ ތުހުމަތަށް އިންކާރުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކަށާއި ގާނޫނީ ނިޒާމަށް އިތުބާރު ކުރާ ކަމަށާއި އަދުލު އިންސާފު ގާއިމުވާނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން އަހުމަދު އަދީބު އަބްދުލްގަފޫރު މެދުވެރިކޮށް މޫސާ އަލީ ޖަލީލަށް ލިބިފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމާއި އެއީ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި ހުރެ މޫސާ އަލީ ޖަލީލު ހޯދާފައިވާ ފައިސާކަމާއި އެ ފައިސާ އޭނާގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ތަހުގީގަށް އެނގޭ ކަމަށެވެ.

މި މައްސަލައިގައި މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

އަދި މި މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ދިވެހި ރުފިޔާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް އަންގާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.