ވިޔަފާރި

އުރީދޫން ރާއްޖޭގެ ވިޔަފާރިތަކަށް މައިކޮރްސޮޕްޓުގެ އީޖީދީ ޑިޖިޓަލް ހައްލު ފޯރުކޮށްދެނީ

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ވިޔަފާރިތަކަށް މައިކޮރްސޮފްޓުގެ އީޖީދީ ޑިޖިޓަލް ހައްލު ފޯރުކޮށްދިނުމަށް މައިކޮރްސޮފްޓާއެކު ޕާޓްނާޝިޕެއް ގާއިމުކޮށްފިއެވެ.

އުރީދޫން ރޭ ބުނީ މައިކޮރްސޮފްޓާއެކު އެފަދަ ޕާޓްނާޝިޕެއް ގާއިމުކުރީ ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.

އެ ޕާޓްނާޝިޕުގެ ސަބަބުން ވިޔަފާރިތަކަށް އުރީދޫގެ ހިދުމަތާއެކު ބަންޑަލްކޮށްގެން ނުވަތަ ވަކިންވެސް މައިކޮރްސޮފްޓުގެ ޒަމާނީ ޓެކްނޮލޮޖީއާއި ސޮފްޓްވެއާ ސޮލިއުޝަންތަކުގެ ބޭނުން ހިފުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް އުރީދޫން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެގޮތުން މައިކޮރްސޮފްޓާއެކު މިވެވުނު ޕާޓްނާޝިޕްއާއި އެކު ވިޔަފާރިތަށް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެންމެ ފަހުގެ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" އުރީދޫން ބުންޏެވެ.

އުރީދޫ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލްއުސްމާން ފަހްރޫ ވިދާޅުވީ ޓެކްނޮލޮޖީ އިންޑަސްޓްރީ ބާރަށް ކުރިއަރަމުން އަންނައިރު އީޖާދީ އުފެއްދުންތަކާއި ހިދުމަތްތަކާއި އަދި ހައްލުތަަށް އޮތް ޑިމާންޑު ދަނީ އިތުރުވަމުން ކަމަށެވެ. މައިކޮރްސޮފްޓާއެކު ގާއިމުކުރި ޕާޓްނާޝިޕުގެ ސަބަބުން އެކަންކަމަށް ހައްލު ހޯދުމުގެ ފުރުސަތު މަގުފަހިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މައިކޮރްސޮފްޓުގެ ވައިސް ޕްރެޒިޑެންޓް ގްލޯބަލް ކޮމިއުނިކޭޝަން ޕާޓްނާސް ބިން ޝެން ވިދާޅުވީ ޑިޖިޓަލް ހިދުމަތް ތަރައްގީވަމުން އަންނައިރު ދުނިޔޭގެ އެކި ސަރަހައްދުތަކާއި ސިނާއަތްތަކާއި ޖަމިއްޔާތަކުން އަދި ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހިދުމަތަކާއެކު އާ ފުރުސަތެއް ފަހި ކޮށްދިނުމަށް ވެފައިވާ ވައުދުގެ ދަށުން ޕާޓްނާޝިޕު އިތުރަށް ފުޅާވެގެން ދިޔުމަކީ ލިބުނު އުފަލެއް ކަމަށެވެ.

މައިކޮރްސޮޕްޓާއެކު ވެފައިވާ ޕާޓްނާޝިޕުގެ ސަބަބުން އުރީދޫއަކީ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތަކުގެ އިތުރުން ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދޭ "ވަން ސްޓޮޕް ޝޮޕް" އެއްގެ ގޮތުގައި އުރީދޫ ހަރުދަނާވެ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ހިދުމަތް ފޯރުކޮށްދެވިގެންދާނެކަމަށް އުރީދޫން ބުންޏެވެ.

ޕާޓްނާޝިޕުގެ ދަށުން އުރީދޫ ގްރޫޕުގެ ހުރިހާ ކުންފުނިތަކުންވެސް މައިކޮރްސޮޕްޓުގެ ހިދުމަތްތައް، ވިޔަފާރިތަކަށް ފޯރުކޮށްދޭނެކަމަށް އުރީދޫން ބުންޏެވެ.