ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި، މަނީލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެކުށް ސާބިތުވެގެން، ކުރީގެ ރައީސް އަބުދުﷲ ޔާމިން އަބުދުލް ގައްޔޫމު 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަނެއްކާވެސް ހައިކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ މީގެ ކުރިން، މިދިޔަ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިގަތުމުގެ ބަދަލުގައި، އިސްތިއުނާފު ފޯމް އިސްލާހުކުރަން ޔައީސް ޔާމީންގެ ވަކީލުންނަށް މިމަހުގެ ނުވަނަ ދުވަހު، ހައިކޯޓުން އެންގިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކީލު އާދަމް ޝަމީމު މިއަދު ވިދާޅުވީ، ރައީސް ޔާމީންގެ އިސްތިއުނާފު ދެ މައްސަލަ ހައިކޯޓުން އެންގެވި ގޮތަށް އިސްލާހުކޮށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އެ ދެ މައްސަލައިގެ ހާޑް ކޮޕީ، ހުށަހެޅުމަށް އެދުމުން ޕްރިންޓް ކޮށް މިއަދު ވަކީލުން ވަނީ ކޯޓަށް އެކޮޕީތައް ހުށައަޅާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔާމީނަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. އާރަށް މައްސަލައިގައި ކުރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއެކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް އޮތީ ގެއްލިފައެވެ. ނަމަވެސް އެ ހުކުމް މަތީ މަރުހަލާގައި ބާތިލުކޮށްފިނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު