މިފްކޯގެ ފްރީޒިން އަދި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މަސް ކިރާނެ ހަތަރު ބޯޓު ގަނެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެކަމާބެހޭ މައުލުމާތު ހާމަ ކުރަމުން އެ ކުންފުނިން ބުނީ، އެ ހަތަރު ބޯޓުގެ ތެރެއިން އެއް ބޯޓު އަންނަ އޭޕްރީލް މަހު ރާއްޖެ ގެންނާނެ ކަމަށެވެ.

ގަނެފައިވާ ބޯޓުތަކުގެ ތެރެއިން އަންނަ މަހު ރާއްޖެ ގެންނަ ބޯޓު ޖަޒީރާ 103 މިހާރު އަންނަނީ ރާއްޖެ އައުމަށް ތައްޔާރު ވަމުން ކަމަށާއި، އެ ބޯޓް ކޮރެއާއިން ފުރާނީ މި މަހުގެ 18 ގައި، ކަމަށާއި، ބޯޓަށް ރާއްޖެ އާދެވޭނީ އަންނަ އޭޕްރީލް މަހުގެ ހައެއް ނޫނީ ހަތްވަަނަ ދުވަހު ކަމަށްވެސް ބުނެފައިވެއެވެ.

އެ ބޯޓަކީ ފަސޭހަކަމާއެކު ބޯޓުގެ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ ބޯޓެއް ކަމަށާއި، ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީގެ ބޯޓެއް ކަމަށްވެސް ބުނެފައިވެއެވެ. އެބޯޓުގައި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިފްކޯއިން ބުނީ އަނެއް ތިން ބޯޓް ވެސް މިހާރު ގަނެ ރަޖިސްޓްރީކޮށް ނިންމާފައިވާ ކަމަށެވެ. އެ ތިން ބޯޓު ތައިލޭންޑުގައި ޑޮކުކޮށް، އޮޕަރޭޝަނަށް ގެނައުމުގެ ކުރިން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

އެ ބޯޓުތަކަކީ ދުވާލަކު 60 ޓަނުގެ މަސް ގަނެވޭވަރުގެ ކެޕޭސިޓީގެ ބޯޓުތަކެކެވެ.

މިފްކޯއިން ބުނީ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން، މަސްކިރާ ބޯޓުތައް އިތުރުކުރުމުގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި މަސް ގަންނަ ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.