އަހަރެން އައިސް މިހުރީ އެމްޓީސީސީން އަލަށް ހެދި ގދ. ފަރެސްމާތޮޑާ އެއާޕޯޓުގައެވެ. ޓާމިނަލްގެ މައި ގޭޓުން އެތެރެއަށް ވަދެ ފުރަތަމަވެސް މޫނު ޖެހެނީ ގަސް ހައްދަން ހަދާފައިވާ ހުސް ޖާގައަކަށެވެ. އެތަނުގެ މަތި އޮތީ ހާމައަށް، އުޑުމަތި ފެންނާނެ ގޮތަށެވެ. ފަރުމާކޮށްފައި ހުރި ގޮތުން، ވާރޭ ވެހުނަސް އެތަނުން ޓާމިނަލްގެ އެހެން ސަރަހައްދުތަކަށް ފެނެއް ނުބުރާނެއެވެ. ފެން ބޮޑެއްވެސް ނުވާނެއެވެ. ޓާމިނަލްގެ ހިދުމަތް ހޯދާ އެއްވެސް ފަރާތަކަށް އުނދަގުލެއް ނުވާނެއެވެ.
މި ހުރެވެނީ ގދ. ފަރެސްމާތޮޑާގެ މަލަމަތިން މިހާރު ފެންނާނެ އެންމެ ރީތި އިމާރާތް، އެއާޕޯޓުގެ ޓާމިނަލް އިމާރާތުގެ ތެރޭގައެވެ. އޮޑިހަރުގެތަކެއް އަސްލަކަށް ބަލައިގެން ހަދާފައިވާ ޓާމިނަލްގެ 40 ޕަސެންޓަކީ ބިއްލޫރިއެވެ. ތިން ފުރާޅުގައިވެސް ހުރީ އާޓިފިޝަލް ފަނެވެ. ބަލާބެލުމަށް އަސްލު ފަނުން ގަތާފައިވާ ފުރާޅަކާ ތަފާތެއް ނެތެވެ.
އެތަން ޑިޒައިން ކުރި ހައުސިން މިނިސްޓްރީގެ އާކިޓެކްޓެއް ކަމަށްވާ ހަމްރާއު އަހުމަދު ފަތުހީ ''ވަން'' އަށް ވިދާޅުވި ގޮތުގައި، އޮޑިހަރުގެއެއްގެ ސިފަ އެއާޕޯޓުގެ ޓާމިނަލަށް ގެނައުމުގެ ވިސްނުން އައީ އޭނާގެ ޑިޒައިނިން ހަޔާތުގައި ފެނުނު އެންމެ އިހުގެ އަދި އެންމެ ކަމުދާ ސްޓްރަކްޗާއަށް އޮޑިހަރުގެ ވުމުންނެވެ. އެކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ހިޔާލުވެސް އޭނާއާ އެއްްގޮތްވުމުން މަސައްކަތް އިތުރަށް ފަސޭހަވެގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
ގުދުރަތީ އަލިކަން ވަންނަ ގޮތަށް އިމާރާތް ޑިޒައިންކޮށްފައިވާއިރު، ބޭރު ފެންނާނެހެން އަދި ވައި ދައުރުވާ ގޮތަށް ލޮބީ ސަރަހައްދު ހަދާފައި ހުރުމުން އެއާކޮންޑިޝަންގެ ބޭނުމެއް ނުޖެހެއެވެ. އެކަމުގެ ސަބަބުން ކަރަންޓު ހަރަދު ކުޑަކޮށްދެއެވެ. އެ އެއާޕޯޓު ފަރުމާކޮށްފައިވެސް ވަނީ ތިމާވެއްްޓާއި ރަހުމަތްތެރި މޮޑެލަކަށެވެ.
ހަމްރާއުގެ އެ ހިތްގައިމު ޑިޒައިނާ އެއްގޮތަށް ފަރެސްމާތޮޑާ އެއާޕޯޓުގެ ޓާމިނަލް ނިންމުމަށް އެމްޓީސީސީގެ އާކިޓެކްޗާ ޓީމާއި ކޮންސްޓްރަކްޝަންގެ 80 އަށްވުރެ ގިނަ މުވައްޒަފުން ބުރަ މަސައްކަތެއް ކުރިއެވެ. ގިނަ ގޮންޖެހުންތަކާވެސް ކުރިމަތިވިއެވެ.
"އެންމެ ބޮޑު ޗެލެންޖަކަށްވީ ކާޓަން ވޯލްގެ ޗެލެންޖު، ކާޓަން ވޯލަކީ ޓާމިނަލްގެ ދެ ކޮޅުގައި އެއާ ސައިޑާއި ބޭރު ސައިޑާ ދެކޮޅުގައި އިންނަ ބިއްލޫރި. އެއީ އަޅުގަނޑުމެން ޗައިނާއިން ހަމަ ކޮންމެ ޕީސްއެއް ވަކިވަކިން ގެނެސް ރާވާފައި އެހުރީ. އޭގެ ބިއްލޫރިގަނޑެއްގެ ބަރުދަނުގައި އުޅޭނެ ގާތްގަނޑަކަށް 80-100 ކިލޯ ވަރު. އެއީ އެންމެ އުނދަގޫވީ ކަމަކީ. ސީދާ ސްޓީލް ސްޓްރަކްޗާއެއް މީ" ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީކުރުމުގައި ހަރަކާތްތެރިވި އެމްޓީސީސީގެ އެކްޒެކެޓިވް ޕްރޮޖެކްޓް މެނޭޖަރު އިބްރާހިމް ހަސަން ވިދާޅުވިއެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ނިންމައި މިރޭ ހުޅުވަން ނިންމާފައިވާއިރު، އެއާޕޯޓުގެ މަސައްކަތުގައި އުޅުނު އެމްޓީސީސީ މުވައްޒަފުންނާއި ޑިޒައިނިންގައި އެހީތެރިކަން ފޯރުކޮށްދިން ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުންވެސް މިއަދު ތިބީ މަސައްކަތާ މެދު ހިތްހަމަޖެހިފައެވެ. އަދި އެއަށް ވުރެ ރީތި ޑިޒައިންތަކާއި އެއާޕޯޓްތައް ހެދުމުގެ އުއްމީދުގައެވެ.
"މިއީ އެމްޓީސީސީން މި ފެންވަރުގައި ހެދި ފުރަތަމަ ޓާމިނަލް. އެހެންވީމާ މުސްތަގުބަލުގައިވެސް މިފަދަ ކިތަންމެ ކަމެއް ކުރެވިދާނެކަން ދިވެހި ރައްޔިތުން ގަބޫލުކުރާނެ ކަމަށް އަޅުގަނޑު އުންމީދުކުރަނީ. މިއީ އަޅުގަނޑުމެންގެ ފެށުމެއް. އިރާދަކުރެއްވިއްޔާ ކުރިއަށް ހުރީ މިއަށްވުރެ މާ ބޮޑު މާރީތި ޓާމިނަލްތައް ކަމަށް އަޅުގަނޑު ދެކެނީ" އެމްޓީސީސީގެ ސައިޓް މެނޭޖަރު މުހައްމަދު ވަހީދު ވިދާޅުވިއެވެ.