ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި އާރްބީ ލެއިޕްޒިގް ކައިރިން ބޮޑު މޮޅެއް ހޯދައި ކުއާޓާ ފައިނަލަށް ދަތުރުކުރި އިރު، ޕޯޓޯ ކަޓުވާލުމަށް ފަހު އިންޓަ މިލާންވެސް މުބާރާތުގެ ކުއާޓާއިން ފުރުސަތު ހޯދައިފިއެވެ.

ރޭގެ ދެވަނަ ލެގުގެ މެޗަށް ސިޓީން ނުކުތީ ފުރަތަމަ ލެގުގައި ލެއިޕްޒިގް ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެފައި އޮވެގެންނެވެ. އެހެންނަމަވެސް ރޭގެ މެޗަށް ނުކުމެ ސިޓީން ވަނީ އެޓީމުގެ ފެންވަރު ދައްކާލައި، 7-0 އިން ލެއިޕްޒިގް ބަލިކޮށްފައެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ސިޓީން ރޭ ކުޅުނު މެޗުގައި އެޓީމުގެ ވަރުގަދަ ފޯވަޑް އާލިން ބްރައުޓް ހާލަންޑް ވަނީ ފަސް ގޯލު ޖަހައިފައެވެ. ހާލަންޑް ސީޒަނުގައި މިހާތަނަށް 39 ގޯލު ޖަހާފައިވާ އިރު، އޭނާއަކީ މިހާރުވެސް އެއް ސީޒަނެއްގައި ސިޓީއަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ޖުމްލަ ފަސް ހެޓްރިކް މި ސީޒަނުގައި ހާލަންޑް ހަދާފައިވާ އިރު، އޭނާއަކީ އެންމެ އަވަހަށް ޔޫރަޕްގެ މުބާރާތްތަކުގައި 30 ގޯލު ހަމަކުރި ކުޅުންތެރިޔާވެސް މެއެވެ.

ހާލަންޑަކީ ޗެމްޕިއަންސް ލީގުގެ އެއް މެޗެއްގައި ފަސް ގޯލު ޖެހި ތިންވަނަ ކުޅުންތެރިޔާއެވެ. ކުރިން އެކަން ހާސިލްކުރެވިފައި އޮތީ ޝަހުތަރު ޑޮނެސްކަށް ކުޅުނު ލުއިޒް އެޑްރިއާނޯ އާއި ބާސެލޯނާއަށް ކުޅުނު މެޗެއްގައި ލިއޮނަލް މެސީއެވެ.

ރޭގެ މެޗުގައި ހާލަންޑްގެ އިތުރުން ސިޓީގެ ގޯލުތައް ޖަހައިދިނީ އިލްކާއި ގުންޑޮގާން އާއި ކެވިން ޑި ބްރޭނާއެވެ.

ރޭ އިންޓައިން ކުއާޓާ ޔަގީންކުރީ ރަށުން ބޭރުގައި ޕޯޓޯއާ އެއްވަރު ކޮށްގެންނެވެ. ރޭގެ މެޗު 0-0 އިން އެއްވަރުވި އިރު، އިންޓައިން އޮތީ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށްފައެވެ. އެހެންކަމުން އެގްރިގޭޓް 1-0 ގެ ހަނި ނަތީޖާއަކުން އެޓީމުން ވަނީ ކުއާޓާ ޔަގީންކޮށްފައެވެ.

މިއީ 2011 ވަނަ އަހަރަށްފަހު އިންޓައިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ޔަގީންކުރި ފުރަތަމަ ފަހަރެވެ. މިފަހަރު އިންޓަ އާއި އޭސީ މިލާންވެސް ކުއާޓާ ޔަގީން ކޮށްފައިވާ އިރު. މިއީ 2005/2006 ގެ ސީޒަނަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިލާނުގެ ދެޓީމު ކުޅޭނެ ފުރަތަމަ ފަހަރުވެސް މެއެވެ.