ކ. ތިލަފުށީ ފޭސް ދެއެއްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) އިން މިއަދު ބުނީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ބަލައި މި މައްސަލަތަކަށް ބިނާކޮށް މިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކޮށްފައިވާ ތިލަފުށި މާސްޓާޕްލޭން އެކުލަވާލެވި ތިލަފުށި ފޭސް ދެއެއްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފަށައި ބަންޑްވޯލް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ތިލަފުށީ ފޭސް ދެއަކުން 20 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.
ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫއަކީ ސިނާއީ އެކި މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކަކާއި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ސަރުކާރުން އެޗްޑީސީއާ ގުޅިގެން ހިންގާ މަޝްރޫއެކެވެ. އެގޮތުން ސިނާއީ މަސައްކަތްތަކަށާއި ވިޔަފާރިތައް ހިންގުމަށް ޖާގައިގެ ދަތިތައް ކުރިމަތިވެ، އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއާހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި އެކްސިޑެންޓުތަކާއި ހާދިސާތައް އާންމުވާތީ، މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ހިންގާ މަޝްރޫއެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ތިލަފުށި ފޭސް ދޭއްގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ އިރު، މި ސަރަހައްދުން ބިން ވިއްކުމަށް އެޗްޑީސީން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން 25،000 އިން ފެށިގެން 35،000 އަކަފޫޓުގެ 50 ބިން ވިއްކުމަށް އެ ކޯޕަރޭޝަނުން މިދިޔަ މަހު ވަނީ އިއުލާންކޮށްފައެވެ.
އެޗްޑީސީން ބުނީ ބިން ގަތުމަށް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކަށްވެސް ހުށަހެޅޭނެ ކަމަށާއި ބޭރުގެ ކުންފުންޏަކުން ބިން ގަންނަން ހުށަހަޅައިގެން ބިޑް ކާމިޔާބުކޮށްފިނަމަ، އެ ފަރާތަކަށް ބިން ވިއްކުމުގެ ބަދަލުގައި ހަމަޖެހިފައިވަނީ ބިން 99 އަހަރަށް ކުއްޔަށް ދިނުން ކަމަށެވެ. އަދި ބިޑް ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެނަމަ، ބިން މިލްކުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ބިން ގަންނަން ހުށަހެޅޭނީ 18 އަހަރުން މަތީގެ މީހުންނަށް ކަމަށާއި ބިން ލިބޭނީ އެންމެ މަތިން ބިޑް ހުށަހަޅާ ފަރާތަކަށް ކަމަށެވެ. އަދި ތިލަފުށި ފޭސް ދޭކުން ބިން ވިއްކަނީ އަކަފޫޓަކަށް 1700 ރުފިޔާގެ މަގުން ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު