ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާތީ، ސަރުކާރުގައި ރިޔާސީ ދެ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ދާން ދަތިވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ، އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފައެވެ.
އެހެންވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީއާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމަލުކުރައްވާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ. ޖޭޕީ ސްލޮޓްގައި ތިއްބެވި ފަރާތްތައް ވަކި ކުރާނެތޯވެސް ވަނީ ސުވާލު އުފެދިފައެވެ.
އެކަމާ ގުޅޭ ގޮތުން މިއުވާން "ވަން" އަށް މިއަދު ވިދާޅުވީ ދެ ވަނަ ދައުރަކަށް ވެސް ކޯލިޝަން އެކުލަވައިލަން ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ރައީސް ދައުވަތު ފޮނުއްވާފައިވާ ކަމަށާއި އެ ދައުވަތަށް ޖުމްހޫރީ ޕާޓީން އަދި ރަސްމީކޮށް ޖަވާބު ދީފައި ނުވާ ކަމަށެވެ.
"ރައީސްއާއެކު ކުރިއަށްދާން އަދާލަތު ޕާޓީއާއި އެމްޑީއޭ އިން އެވަނީ މިހާރު ނިންމާފައި. ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި ރިޔާސީ ދެ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ. އެފަދަ ހާލަތެއް އަތުވެއްޖެނަމަ، ދެން ކަންތައްކުރައްވާނެ ގޮތަކާމެދު ރައީސް ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާއި ގާސިމް އިބްރާހިމްއާއެކު މަޝްވަރާކުރައްވާނެ،" މިއުވާން ވިދާޅުވިއެވެ.
ޖޭޕީން ވަކިން ރިޔާސީ އިންތިހާބަށް ނުކުތުމަށް ނިންމުމުން، ޖޭޕީގެ ސްލޮޓްގައި ތިއްބެވި ފަރާތްތައް ސަރުކާރުން ވަކިކުރުމަށް އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ގޮވާލަމުންނެވެ. އެކަމަށް ޖޭޕީގެ ލީޑަރު ގާސިމް މިއަދު ވަނީ މަޖިލީހުގައި ރައްދުވެސް ދެއްވައިފައެވެ.
ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން، ސަރުކާރުގައި ތިއްބެވި ޖޭޕީގެ މެމްބަރުން ސަރުކާރުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ދަމަހައްޓައި ރައީސް ސޯލިހަށް ތާއިދުކުރަން އަދާލަތު ޕާޓީން ވަނީ ނިންމައިފައެވެ. އެމްޑީއޭއިން ވެސް ވަނީ އެ ކޯލިޝަނާ ގުޅެން ނިންމައިފައެވެ. ކޯލިޝަންގައި ދެން ހިމެނޭ އެމްއާރްއެމްއިން، ރައީސް ސޯލިހަށް ތާއިދުކުރުމާ ގުޅޭގޮތުން ވަކި ގޮތެއް އަދި ނުނިންމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު