އަމީނީ މަގުގެ ސްޓެލްކޯ އިމާރާތުގެ ހުޅަނގަށް އޮންނަ މަގުން އުޅަނދުތަކަށް ދުއްވޭގޮތް ހެދުމަށް ވަގުތީ ގޮތުން އެ ސަރަހައްދުގައި ގާ އެތުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ޕްލޭނަށް ބަދަލެއް ނާންނަ ކަމަށާއި ގާ އަތުރަމުންދަނީ ވަގުތީގޮތުން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފިއެވެ.

އަމީނީމަގުގެ ތިން ސެގްމެންޓެއްގައި (އެންމެ އިރުން ފެށިގެން ސްޓެލްކޯއާ ހަމައަށް) ތާރު އަޅައި އެހިސާބަށް ވަނީ މަގު ހުޅުވާލައިފައެވެ. ނަމަވެސް އެ ދިމާލު ހަތަރު އަނގޮޅި ކަންމަތީގައި ތާރު އަޅާފައެއް ނުވެއެވެ.

އަމީނީމަގުގެ ވަކި ހިސާބަކުން މިހާރު ގާ އަތުރަން ފެށުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ފާޑުކިޔަން ފަށައިފައެވެ. އަދި ތާރު އަޅައިގެން ތަރައްގީކުރަން ނިންމި ޕްލޭން މިހާރު ބަދަލުވީތޯ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ސުވާލު ކުރައްވައިފައެވެ.

މިކަމާ ގުޅިގެން އާރްޑީސީގެ މީޑިއާ އޮފިސަރު އަހުމަދު ފައިރޫޒް "ވަން" އަށް މިއަދު ވިދާޅުވީ، އަމީނީ މަގުގެ ޕްލޭނަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

މަގުގައި ގާ އަތުރަން ފެށީ ކީއްވެތޯ ސުވާލު ކުރުމުން ފައިރޫޒް ވިދާޅުވީ އަމީނީ މަގުގެ ސްޓެލްކޯ އިމާރާތުގެ ހުޅަނގަށް އޮންނަ ހަތަރު އަނގޮޅި ކަންމަތީގައި ގާ އަތުރަނީ ވަގުތީގޮތުން ކަމަށާއި އެއީ ރޯދަ މަހު އެ ސަރަހައްދު ޓްރެފިކް ބާރު ކުޑަކުރުމަށްޓަކައި ކަމަށެވެ.

"ކުރިއަށް މިއޮތީ ރޯދަމަސް. މި ސަރަހައްދަކީ ފުދޭ ވަރަކަށް ބާރު ބޮޑު ސަރަހައްދެއް. އެހެންވެ ވަގުތީގޮތުން ގާ މިއަތުރަނީ އެހިސާބަށް އުޅަނދުތައް ދުއްވަން ފަސޭހަ ކުރުމަށް. ސްޓެލްކޯއިންވެސް އެކަމަށް އެބަ ބޭނުންވޭ. އެހެންވެ މިނިސްޓްރީގެ އެދުމަކަށް އަޅުގަނޑުމެން ގާ މި އަތުރަނީ،" އޭނާ ވިދާޅުވިއެވެ.

އާރްޑީސީން ބުނީ އަމީނީމަގުގައި ތާރުއަޅަން ނިންމާފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ދެވަނަ ސެގްމެންޓަށް ތާރު އެޅުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބިލަބޮންގް ސްކޫލާ ހަމައަށް މަސައްކަތް ކުރިއަށް ގެންދެވުމުން ކަމަށެވެ. ނަމަވެސް ތާރު އަޅަން ނުފެށި ކަމުގައިވިޔަސް އެހެނިހެން މަސައްކަތް ނިމޭ ވަރަކުން އެ ސަރަހައްދުތަކަށް ވެހިކަލްތަކަށް ވަދެވޭ ގޮތަށް ހުޅުވާލާނެ ކަމަށް ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022ގަ އެވެ. އެއީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އަގަކީ 84.41 މިލިއަން ރުފިޔާއެވެ. އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

މި މަސައްކަތް ހަތް މަސް ދުވަސް ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުނެވެ. އެހެންވެ ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ މަސައްކަތް ނިންމަން ދީފައިވާ މުއްދަތު ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށެވެ.