ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދެމުން އަންނަ 3000 ރުފިޔާގެ އިނާޔަތް ބޮޑު ކުރުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބޭރު ކޮށްލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެމްބަރު ޝިޔާމް ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައި ވަނީ، "ރޯދަ މަހަކީ މުސްލިމު އުއްމަތަށް އަންނަ އެންމެ ބަރަކާތްތެރި މަސް ކަމަށްވެފައި، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވީހިނދު ރަމަލާން މަހަކީ އެ މަހެއްގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ރޯދައިގެ މަތިވެރި އަޅުކަން އަދާ ކުރާ މައްސަރު،" ކަމަށެވެ.
ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ އަތް ނުފޯރާފަށަށް ކާބޯތަކެތީގެ އަގުތައް އުފުލިފައިވާތީ އާއި އެތައް ދިވެހި ރައްޔިތުންނެއް ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ރޯދަ މަހުގެ އިނާޔަތް 3000 ރުފިޔާއަށް ވުރެ ބޮޑުކުރުމަށާއި ރޯދަ މަހުގެ އިނާޔަތް ދިނުމަށް މިހާރު އެކުލަވާލާފައިވާ ވަޒީފާއާބެހޭ ގާނޫނު އަލުން މުރާޖައާކޮށް ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނާއި މަސްވެރިންނާއި ދަނޑުވެރިން ފަދަ ސިނާއަތްތަކުގެ މަސައްކަތްތެރިންނަށްވެސް ރޯދައިގެ އިނާޔަތް ލިބޭނެ ހަމަހަމަ އުސޫލެއް ގާއިމްކޮށް އެ ހުރިހާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ޝިޔާމު ވަނީ ގޮވާލައްވައިފައެވެ.
މި މައްސަލަ ބަލައިގަތުމަށް މިއަދުގެ މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި، އެ މައްސަަލަ ބަލައި ގަތުމަށް ވޯޓު ދެއްވީ އެވަގުތު ޖަލްސާގައި ތިއްބެވި 49 މެމްބަރުންގެ ތެރެއިން އެންމެ 15 މެމްބަރުންނެވެ. މައްސަލަ ބަލައި ގަންނަން ނުފެންނަ ކަމަށް 27 މެމްބަރުން ވޯޓު ދެއްވި އެ މައްސަލަ މަޖިލީހަށް ބަލައި ގަތުމަށް ބޭނުންވާ އަދަދީ 22 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު