ޚަބަރު

އޭޑީކޭއިން ނާސިން ސްކޮލާޝިޕުގެ ތިން ފުރުސަތު ހެލްތު މިނިސްޓަރީއަށް ދީފި

އޭޑީކޭ ހޮސްޕިޓަލުން ނާސިން ސްކޮލާޝިޕުގެ ތިން ފުރުސަތު ހެލްތު މިނިސްޓަރީއަށް ދީފިއެވެ.

އޭޑީކޭގައި ހުންނަ ޝާފިޔާ އިންސްޓިޓިއުޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭޑީކޭގެ ފަރާތުން ސްކޮލޯޝިޕުތައް މިނިސްޓްރީއަށް ދެއްވީ ޝާފިޔާ އިންސްޓިޓިއުޓުގެ ޑިރެކްޓަރު ޑރ. އަހްމަދު ޒިޔާންއެވެ. މިނިސްޓްރީގެ ފަރާތުން ސްކޮލާޝިޕުތަކާ ހަވާލުވެވަޑައިގަތީ ޕާމަނަންޓު ސެކެޓްރީ އާއިޝަތު ސާމިޔާއެވެ.

އޭޑީކޭއިން މިއަދު ބުނީ މި ސްކޮލާޝިޕްތަކުގެ ބޭނުމަކީ ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ފުރުސަތުތައް އިތުރުކުރުން ކަމަށެވެ. އަދި މިނިސްޓްރީއަށް ދިން ސްކޮލާޝިޕްތަކަކީ އެ މަސައްކަތްތަކުގެ ތެރެއިން ފެށުމަށް ހަމަޖެހިފައިވާ އެޑްވާންސްޑް ޑިޕްލޮމާ އިން ނާސިން ކޯހުގެ ތެރެއިން ދޭ ސްކޮލާޝިޕް ކަމަށް އޭޑީކޭއިން ބުންޏެވެ.

ސްކޮލާޝިޕްތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޖުމުލަ އަށް ދަރިވަރަކަށް ސްކޮލާޝިޕުގެ ފުރުސަތު ލިބޭނެ ކަމަށާއި އެއީ ޝާފިޔާ އިންސްޓިޓިއުޓުން ދޭ ފަސް ފުރުސަތާއި މިއަދު ހެލްތު މިނިސްޓަރީއަށް ދިން ތިން ފުރުސަތު ކަމަށް އޭޑީކޭއިން ބުންޏެވެ.

ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފުރަންޖެހޭ އެޕްލިކޭޝަން ފޯމު، އޭޑީކޭގެ ވެބްސައިޓާއި އެ ހޮސްޕިޓަލުގެ އެޑްމިން އޮފީހުން ލިބެން ހުންނާނެއެވެ. ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާ އެކު [email protected] މެއިލް ކުރުމަށް އޭޑީކޭއިން ވަނީ އެދިފައެވެ.

ސްކޮލާޝިޕަށް ކުރިމަތިލާ ފަރާތަކީ ޖީސީއީ އޯލެވެލްގެ ތިން މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާ އެކު އޭލެވެލް ދެ މާއްދާއިން ފާސްވެފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ. ނުވަތަ މޯލްޑިވްސް ނާސިން ކައުންސިލުން ގަބޫލުކުރާ ލެވެލް ހަތަރެއްގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ވުމާއެކު ޖީސީއޯލެވެލްގެ އިނގިރޭސި މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން ނުވަތަ އެ ފެންވަރުގެ އެހެން ސެޓިފިކެޓެއް އިނގިރޭސި މާއްދާއިން ހޯދައިފައިވާ ފަރާތަކަށްވާން ޖެހޭނެ ކަމަށް އޭޑީކޭއިން ބުންޏެވެ.

އޭޑީކޭއިން ބުނީ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ސްކޮލާޝިޕުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބޭނީ ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ކުދިންނަށް ކަމަށާއި ސްކޮލާޝިޕު ލިބޭ ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރުމުން އޭޑީކޭއިން ވަޒީފާގެ ފުރުސަތު ކަށަވަރުވާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ކޯހުގެ އަގަކީ 96،500 ރުފިޔާ ކަމަށާއި އަދި ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މަހުން މަހަށް ބަހާލައިގެން ވެސް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލަކުން މިފަދަ ކޯހެއް ހިންގާ ފުރަތަމަ ފަހަރެވެ. އެ ކޯހުގެ ފުރަތަމަ އިންޓޭކަށް 15 ކުދިންނާއި 20 ކުދިންނާ ދެމެދުގެ އަދަދަކަށް ކުދިން ނަގާނެއެވެ.

ޝާފިޔާ އިންސްޓިޓިއުޓުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހުންނަ އިރު، އެތަނުގައި ތިން ކުލާހާއި ދެ ހޯލުގެ އިތުރުން ސްކިލް ލެބަކާއި ސިމިއުލޭޝަން ލެބެއް އަދި ސިއްހީ އެކި ކަންކަމާ ގުޅޭ ފޮތްތައް ހުންނަ ޑިޖިޓަލް ލައިބްރަރީއެއް ހުރެއެވެ.

ޝާފިޔާ އިންސްޓިޓިއުޓުން މިހާރުވެސް އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ތަމްރީނު ކުރުމުގެ ކޯހަކާއި ފަސްޓު އެއިޑު އަދި އެޑްވާންސް ލައިފް ސަޕޯޓު ފަދަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު ޕުރޮގުރާމުތައް ކުރިއަށްގެންދެއެވެ.