ޚަބަރު

ރާއްޖޭގެ ސިއްހީ ދާއިރާ މިހާރު އޮތީ މުޅިން އާ މަރުޙަލާއެއްގައި: ރައީސް

މުހައްމަދު އިޝާން

ރާއްޖޭގައި ކުރިން ނެތް ސިއްހީ އެތައް ހިދުމަތެއް މި ސަރުކާރުން ފަށާފައިވާ ކަމަށާއި ރާއްޖޭގެ ސިއްހާ ދާއިރާ މިހާރު ވަނީ މުޅިން އާ މަރުހަލާއެއްގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ދޭން ފެށިތާ 75 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރަން ހެންވޭރު ސްޓޭޑިއަމްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހު ވިދާޅުވީ 2019 ވަނަ އަހަރު މުޅިން އަލަށް ރާއްޖޭގައި ނަފުސާނީ ބައްޔަށް ހާއްސަ މަރުކަޒެއް އަދި 2020 ވަނަ އަހަރު ސްޓޯރެކް ސެންޓަރެއް އައިޖީއެމްއެޗުގައި ހުޅުވާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން، ސިއްހީ ދާއިރާއިން ރާއްޖެއަށް ލިބިފައިނުވާ އެތައް ކުރިއެރުމެއް ހޯދައިދީފައިވާ ކަމަށާއި އެގޮތުން 2020 ވަނަ އަހަރު ޕްލާސްޓިކް ސާޖަރީ އާއި އެންޑޯކްރައިނޮލޮޖީގެ އިތުރުން ނިއުރޯ ސާޖަރީ އާއި ރިއުމެޓަލޮޖީގެ ހިދުމަތް އައިޖީއެމްއެޗުގައި ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ކުރިން ދެންނެވި މަރުހާލާތަކަށް ފަހު، ރާއްޖޭގެ ސިއްހީ ދާއިރާ މިހާރު އޮތީ މުޅިން އާ މަރުހަލާއެއްގެ ތެރޭގައި. ސިއްހީ ހިދުމަތުގެ މުޅިން އާ ފަރުވާތަކާއި ވަސީލަތްތައް ރާއްޖެއަށް ތައާރަފުކޮށް، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް، ސިއްހީ ހިދުމަތްތައް ފުޅާކުރުމުގެ ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރު އެބަ ކުރެވޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާއަށް ކުރިއަރުވަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެ ދާއިރާއާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މިއަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ސިއްހީ ދާއިރާއަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ ފަސް ސަރަހަދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރަމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި 30 އެނދުގެ 12 ހޮސްޕިޓަލް އިމާރަތް ކުރަމުންދާ ކަމަށެވެ. އެ މަޝްރޫއުތައް ނިމިގެންދާ އިރު ސިއްހީ ދާއިރާ މިހާރަށްވުރެ ތަރައްގީވެ ވަޒީފާތަކުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫއުތަކާ އެކު ރާއްޖެއަށް ދިމާވެފައިވާ ސްޕެޝަލިސްޓް ޑޮކްޓަރުން ލިބުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.