Close
ޚަބަރު

ހައިކޯޓަށް ފަނޑިޔާރަކު ހޯދަނީ

މުހައްމަދު އިޝާން

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ޖޭއެސްސީން އިއްޔެ ބުނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ މަހަކު 36،000 ރުފިޔާއެވެ. ލިވިސް އެލޮވެންސް ގޮތުގައި މުސާރައިގެ އިތުރުން 15،000 ރުފިޔާ އަދި ރިސްކު އެލެވެންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެއެވެ.

ޖޭއެސްސީން ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަަށް ކުރިމަތިލުމަށް ހުޅުވާލި އިރު، މިދިޔަ ހަފުތާގައި ވަނީ އެ ކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް ވެސް ކުރިމަތިލާން ހުޅުވާލައިފައެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެ ކޯޓު ހިންގުމާ ވަގުތީ ގޮތުން މިހާރު ހަވާލުކުރައްވާފައި ވަނީ ފަނޑިޔާރު ހުސައިން ޝަހީދާއެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިވަގުތު ތިއްބެވި ފަނޑިޔާރުންނަށެވެ.

އިއްޔެ ޖޭއެސްސީން ވަނީ ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އައްޔަން ކުރައްވައިފައެވެ.