ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުން އަންނަ ކްލަބު އީގަލްސްއިން ލީގަށް ނުކުންނާނީ ވާދަކުރަން ކަމަށާއި، ނޮކްއައުޓް ދެ މުބާރާތަށް އިތުރު ފޯކަސްއެއް ގެންގުޅެވޭނެ ކަމަށް ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ބުނެފިއެވެ.
އީގަލްސްއިން ސީޒަނަށް ތައްޔާރުވާން ފަރިތަކުރުންތައް ފަށައިގެން ފޯރިއާއެކު ކުރިއަށް ގެންދާއިރު، ޓީމުން މިފަހަރު ސީޒަނަށް ތައްޔާރުވަނީ ބަދަލުތަކަކާ އެކުގައެވެ. މިފަހަރުގެ ސީޒަނަށް އީގަލްސްގެ ޓީމަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، އެޓީމުން ވަނީ ކުރިން މާޒިޔާއަށް ކުޅުނު އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ޔުނައިޓެޑް ވިކްޓަރީގެ ލަމާން ޒުހައިރު، އައިހަމް ސައީދު (އައިކޮ)، އަބްދުﷲ އަމިން އަދި މޫސާ އަޒީމް، ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި ކުރިން އީގަލްސް އަށް ކުޅުނު މުބީން އިބްރާހިމް (މުއްކި) ޓީމަށް ގެންގޮސްފައެވެ. އޭގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އިސްމާއީލް އީސަ (މެސީ) އާއި ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އާއި ގޯލްކީޕަރު، މުހައްމަދު ޝަފީއު (ޗެކް)ވެސް އީގަލްސް ޓީމުން ފާހަގަވެއެވެ.
މި ސީޒަނަށް އީގަލްސްއިން ނުކުންނަނީ މިދިޔަ ދެތިން ސީޒަނުގައި ޓީމުގައި މުހިންމު ދައުރެއް އަދާކުރި ތިން ކުޅުންތެރިން ކަމަށްވާ ކުރީގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އާއި އަހުމަދު ނޫމާން (ހެލްމެޓް) އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) ނުލައެވެ. އެ ތިންކުޅުންތެރިންވެސް އަންނަ ސީޒަނުގައި ފެންނާނީ މާޒިޔާއިންނެވެ.
"ޓީމުގެ ތަމްރީނުތައް ދާ ގޮތާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. ކުޅުންތެރިންގެ ފަރާތުން ދޭ ކޮމިންޓްމެންޓާ ދޭތެރޭވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. ކޯޗެއްގެ ހައިސިއްޔަތުން އަބަދުވެސް ދިމާވާނެ އެއް ޗެލެންޖަކީ ލިބޭނެ މުއްދަތު. މުއްދަތު އަބަދުވެސް އޮންނާނީ ކުޑަވެފަ. މިހާރު މިކުރަނީ 23 ވަނަ ޕްރެކްޓިސް. ބޭރު ކުޅުންތެރިންނާވެސް އެކު ޓީމުގެ ހުރިހާ ކުޅުންތެރިން އެކުވެ، ތަމްރީނުކޮށްލަން އޮންނަ މުއްދަތު ކުޑަވުން ނޫން ޗެލެންޖެއް ނެތް،" އީގަލްސްގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު، މިފަހަރު އަލުން ޓީމާ ހަވާލުވެ ތަމްރީނުތަކުގެ ތެރޭގައި ހުރެ "ވަން"އަށް އިއްޔެ ބުންޏެވެ.
ސާންތީ ވަނީ މީގެ ކުރިންވެސް އީގަލްސްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 2011 ވަނަ އަހަރު އީގަލްސާ ހަވާލުވިއިރު، އޭނާ ވަނީ އެޓީމަށް 2017 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް ކޯޗުކޮށްދީފައެވެ.
ޒުވާން ކުޅުންތެރިން ތަރައްގީކުރަން ހާއްސަ ސަމާލުކަމެއް ދޭ ކޯޗެއްގެ ގޮތުގައި ފާހަގަވާ ސާންތިގެ ކޯޗުކަމުގައި އީގަލްސްގައި ރަނގަޅު ޓީމެއް ބިނާކޮށް، ދެފަހަރެއްގެ މަތިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅުނެވެ. އޭގެތެރެއިން، 2016 ވަނަ އަހަރު ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެއީ އީގަލްސް އިން މިހާތަނަށް ފުރަތަމަ ޑިވިޝަނުގައި ހޯދި އެންމެ ބޮޑު ކާމިޔާބެވެ.
ސާންތިގެ ވިސްނުމުގައި އަބަދުވެސް އީގަލްސްއިން ވާދަކުރާނެއެވެ. ލީގަށް ވާދަކުރުމަކީ ޗެލެންޖެއް ނަމަވެސް، އެކަމަށްވެސް އީގަލްސް ވިސްނާނެ ކަމަށް ސާންތި ބުންޏެވެ.
"އިރާދަކުރެއްވިއްޔާ ސީޒަނުގައި އީގަލްސް ފެންނާނީ ރަނގަޅު ޓީމެއްގެ ގޮތުގަ. އެކެއް ދޭއް ހިސާބުގައި ލީގުގައި ވާދަކުރުން އެއީ ޓާގެޓެއް. އީގަލްސް ސީޒަނަށް ވާދަކުރާނެ. މަސައްކަތް ކުރާނެ ކަމަކީ އެއީ. އެހެން ބުންޏަސް ވާދަކުރަން މި ޖެހޭ ޓީމު ހަނދާން ނައްތާލައިގެން ނުވާނެ. ފައިނޭންޝިއަލީވެސް ކުޅުންތެރިންގެ ގޮތުންވެސް ވަރަށް ވަރުގަދަ ޓީމަކާ ވާދަކުރަން މި ޖެހެނީ. އެކަމަކު ފުޓުބޯޅައިގައި ވާދަކުރުން އޮންނަން ވާނެ. މި ޓީމުގެ ބެސްޓް ދޭނެ،" ސާންތި ބުންޏެވެ.
ސާންތި ދެކޭ ގޮތުގައި އީގަލްސްއަކީ ސީޒަނުގައި ކުޅެވޭ ނޮކްއައުޓް މުބާރާތްތަކުގައި ތަފާތު ދައްކާނެ ރޫހެއް އޮތް ޓީމެކެވެ. އެހެންކަމުން މިފަހަރުވެސް އެ ވިސްނުން ގެންގުޅޭނެއެވެ.
"ފުރަތަމަ ފޯކަސް އޮތީ ޗެރިޓީ މެޗަށް. އޭގެ ފަހުން ޕްރެސިޑެންޓްސް ކަޕަށް ވިސްނައި، ލީގަށް ފަހު އެފްއޭ ކަޕަށް ވިސްނާނީ. ނޮކްއައުޓް މުބާރާތްތަކަށް ޗެލެންޖް ކުރެވޭނެ. އެއީ މި ކަހަލަ ސްކޮޑުތައް އޮންނަ ޓީމުތަކަށް އެޑްވާންޓޭޖް އޮންނަ މުބާރާތްތައް. ސީޒަން ދިގުލައިގެން ދިޔައީމަ ގިނަ ޓީމުތަކަށް އުނދަގޫތައް ކުރިމަތިވާނެ. ބައެއް ޓީމުތަކުގަ ބަދަލަކަށްވެސް އެއް ފެންވަރުގެ ކުޅުންތެރިން ތިބެފަ، އެހެން ޓީމުތަކުގަ އެހެން ބޭނުންކުރަން ކުޅުންތެރިން ނެތީމަ އުނދަގޫތަކެއް އަންނާނެ. އެހެންވީމަ ކުޑަ ދުވަސްކޮޅަކަށް އޮންނަ ނޮކްއައުޓް މުބާރާތްތަކަށް އަސްލު ޗަލެންޖުކުރަން ފޯކަސް ކުރެވޭނެ. އީގަލްސްއަކީ ކުރު މުބާރާތްތަކުގެ ތާރީހެއް އޮތް ޓީމެއް. އެހެންވީމަ މޯޓިވޭޓް ކުރަންވެސް ފަސޭހަތަކެއް އަންނާނެ،" ސާންތި ބުންޏެވެ.
ކްލަބު އީގަލްސް
ކްލަބު އީގަލްސް
ކްލަބު އީގަލްސް
ކްލަބު އީގަލްސް