ޚަބަރު

އަންނަ މަހުން ފެށިގެން ކުނި ނަގަމުން ދާނީ އިމާރާތުގެ އެންމެ ތިރިން: ވެމްކޯ

އަންނަ މަހުން ފެށިގެން ކުނި ނަގާނީ އިމާރާތްތަކުގެ އެންމެ ތިރިން ކަމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިމާރާތްތަކަށް އަރައި އެޕާޓްމަންޓްތަކުގެ ދޮރު މަތިން ކުނި ނެގުން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް ޕްރިމިއަމް ހިދުމަތަށް އެދިގެން އެޕާޓްމެންޓް ދޮރުމަތިން ކުނި ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށާއި އެ ހިދުމަތުން ނަގާ އަގު ތަފާތުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ހިދުމަތަށް ނަގާނެ އަގުތަކެއް އަދި ކަނޑައަޅާފައެއް ނުވޭ. ނަމަވެސް އަގުތައް ކަނޑައެޅުމަށް މަޝްވަރާ ކުރަމުން އަންނަނީ،" ސިރާޖު ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވީ، އެ ކޯޕަރޭޝަންގެ ފީ ސްޓްރަކްޗާއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެގޮތުން އަންނަ މަހުން ފެށިގެން ވެމްކޯއިން ދެމުން އަންނަ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނަގަމުން ދާނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނައިގެން ކަމަށެވެ.

ސިރާޖް ވިދާޅުވީ ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ 24،000 ގޭބީސީ ކަަމަށެވެ. އަދި ވިދާޅުވީ މާލެ ސަރަހައްދުގައި 50،000 އަށް ވުރެ ގިނަ މީޓަރު އެބަހުރި ކަމަށެވެ.

މިހާރު ކޮންމެ ގޭބިސީއަކުން ވެމްކޯއިން ނަގަމުން އަންނަނީ 150 ރުފިޔާއެވެ.