ޚަބަރު

ރާއްޖެއަށް ފާޑުވިދާޅުވި ލަންކާ މިނިސްޓަރު މާފަށް އެދިވަޑައިގެންފި

ޖަރުމަނު ވިލާތުގައި ކުރިއަށް ގެންދިޔަ އައިޓީބީ ފެއާގައި ރާއްޖެއަށް ފާޑުވިދާޅުވެ ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ފެނާންޑޯ ހަރިން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ މައާފަށް އެދިވަޑައިގެންފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ހަރިން ވަނީ "ރާއްޖެއަށް އަންނަ ޓޫރިސްޓުން ހިތްހަމަޖައްސާލަން ލިބޭނެ ހަމައެކަނި ތަނަކީ ރީތި ގޮނޑުދޮށްތައް" ކަމަށާއި "ޓޫރިސްޓުން ފަސް ވަރަކަށް ދުވަހު ރާއްޖޭގައި މަޑުކޮށްލާއިރަށް އެތަންތަނުގެ މަތިން ފޫހިވާނެ" ކަމަށް ވިދާޅުވެފައެވެ.

ހަރިން އެގޮތަށް ވިދާޅުވެފައިވަނީ ލަންކާއަށް ފަތުރުވެރިން ދާންވީ ސަބަބުތައް ވިދާޅުވަމުންނެވެ.

ލަންކާގެ މިނިސްޓަރު އެ ވާހަކަތަކަށް ރައްދު ދެއްވައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވެފައިވަނީ، ރާއްޖެއަކީ ތިން ފަހަރު "ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ހޯދާފައިވާ ގައުމެއް ކަމަށާއި ފަތުރުވެރިކަމުގައި ރާއްޖެއަކީ ދުނިޔޭގެ "ބެންޗްމާކް" ކަމަށެވެ.

ރާއްޖޭގެ އަގު ވެއްޓޭ ގޮތަށް ލަންކާގެ މިނިސްޓަރު އެ ގައުމުގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން މަސައްކަތް ކުރެއްވުމުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

ފާޑުކިޔުންތައް އަމާޒުވުމުން ލަންކާ މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއާ ބެހޭ ގޮތުން ބާލިންގައި އޭނާ ދެއްކި ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރީ މާނަ އޮޅޭ ގޮތަށް ކަމަށާއި ޓޫރިޒަމްގައި ލަންކާއިން މަސައްކަތް ކުރާނީ ރާއްޖެއާ އެކުގައި ކަމަށެވެ. އަދި ރާއްޖެއާ ބެހޭ ގޮތުން އޭނާ ދެއްވި ސްޓޭޓްމަންޓާ ގުޅިގެން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.