ބިދޭސީ އަންހެނުން ލައްވައި ފައިސާގެ މުގާބިލުގައި ހަށި ވިއްކި މައްސަލައިގައި ހައްޔަރުކޮށް، އެ މައްސަލަ ނިމެންދެން ކުރިިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖެހި، މާލެ ދަފްތަރު ނަންބަރު ރސ 8144، އިސްމާއީލް ޝަފީގު ބަންދުން ދޫވެއްޖެއެވެ.

ހުސްވި ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ދިވެހިރާއްޖޭގައި މީހަކު ލައްވައި ހަށި ވިއްކުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި އޭނާ ބަންދު ކުރުމަށް އެދި ދައުލަތުން ފުރަތަމަ ފަހަރަށް ކޯޓަށް ހުށަހެޅުމާ ގުޅިގެން، 10 ދުވަހުގެ މުއްދަތަށް ބަންދު ކުރިއެވެ. އެއަށްފަހު އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ކުރިމިނަލް ކޯޓަށް ހުށަހެޅިއެވެ.

އެހުށަހެޅުމާ ގުޅިގެން އެ މައްސަލައިގައި ހުކުމެއް ކުރަންދެން ނުވަތަ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފެބްރުއަރީ އެކަކުން ފެށިގެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކުރިއެވެ.

ނަމަވެސް އެމައްސަލަ ޝަފީގުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އޭނާ ބުނެފައި ވަނީ ކުރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެގޮތުން އެއީ ގާނޫނުއަސާސީގެ 48 ވަނަ މާއްދާ އާއި 53 ވަނަ މާއްދާ އަދި 143 ވަނަ މާއްދާއާ ހިލާފު އަމުރެއްކަން ފާހަގަކޮށް، އެ އަމުރަކީ ގާނޫނުއަސާސީން އޭނާއަށް ކަށަވަރުކޮށްދީފައިވާ ވަކީލެއްގެ ފުރުސަތު ދިނުމެއްނެތި ނެރެފައިވާ އަމުރެއްކަމުގައިވާތީ، އެ އަމުރު ބާތިލުކޮށްދިނުމަށް އޭނާވަނީ ހައިކޯޓުގައި އެދިފައެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ބުނެފައި ވަނީ، ކުރިމިނަލް ކޯޓުން ޝަފީގު ބަންދު ކުރުމުގެ އަމުރު ނެރެފައި ވަނީ ގާނޫނީ ވަކީލެއްގެ ފުރުސަތު އޭނާއަށް ލިބިނުދީކަމާމެދު އެއްވެސް ދެބަސްވުމެއް އަދި ހިލާފެއް ނެތް ކަމަށެވެ. އަދި އެއީ ގައިރު ގާނޫނީ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ކުރިމިނަލް ކޯޓުގެ އެ އަމުރު ބާތިލު ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިގައެވެ.