ރިޕޯޓް

4 އަހަރުގެ ނޫމާން ބެލްކަނިން ވެއްޓި މަރުވުން، އެކުއްޖާގެ ފަހު ބަސް، ފުރަތަމަ ފެނުނު މީހާގެ ވާހަކަތައް

ރިފާ ހަލީލު

8

"އަހަރެން ހުރީ ހޮޓާ ދޮރުމަތީގަ. ހުއްޓާ ކުއްލިއަކަށް ޖެހިގެން ހުރިގޭގެ މަތިން ކުއްޖާ ވެއްޓުނީ. ދަންވަރު ގަޑިވީމަ މީހުން ވަރަށް މަދު. އެކަމަކު އެގަޑީގަ ސައިކަލުގަ އައި ބަޔަކާއެކީ ކަހަލަ ގޮތަކަށް އަހަންނަށްވެސް އެ ކުއްޖާ ގާތަށް ދެވުނީ. އަވަހަށް ކުއްޖާ ނަގައިގެން ހޮޓަލަށް ވެއްދީ."

މިއީ ރޭ މާލޭގެ އިމާރާތެއްގެ މަތިން ކުޑަކުއްޖާ ވެއްޓުނު މަންޒަރު އެންމެ ފުރަތަމަ ފެނުނު މީހާ "ވަން"އާ ހިއްސާކުރި ވާހަކަތަކެވެ.

ހ. އެސްޕީވިލާ ހުޅަނގުބައިގެ ފަސްވަނަ ބުރިން ވެއްޓި މަރުވެފައިވަނީ ނުއުމާން ބިން މުހައްމަދު ރަޝީދު (4އ)އެވެ.

ނުއުމާން ވެއްޓުނުތަން އެންމެ ފުރަތަމަ ފެނުނު މީހާ ބުނީ ކުއްޖާ ވެއްޓުނީ އެސްޕީ ވިލާގޭގެ ފަސް ވަނަ ބުރިންނެވެ. ދެބަޔަކަށް ހުންނަ އެގޭގެ ހުޅަނގުބައިގެ ބެލްކަނި ކޮންކްރީޓުން ހަދާފައިވާއިރު އަނެއް ބައިގައި ހުރީ ބިއްލޫރި ފެންސް ޖަހާފައެވެ. ނަމަވެސް ކުއްޖާ ވެއްޓުނު އެގޭގެ ހުޅަނގުބައިގެ ބެލްކަނި ހުރީ ކުއްޖާގެ އިސްކޮޅަށްވުރެ ދެތިން ފޫޓު އުސްކޮށް ކޮންކްރީޓުން ރާނައިފައެވެ.

މަންޒަރުދުށް އެމީހާ ބުނީ ނުއުމާން ވެއްޓުނީ ބެލްކަނިންކަން އެނގުނީ ސުވާލުކުރުމުން ކަމަށެވެ. އެގޮތުން ކޮއްކޮ ވެއްޓުނީ ކިހިނެއްތޯ އެހުމުން ގޮނޑިއަކަށް އެރި ވާހަކަ ބުނި ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން އެކުއްޖާ އިތުރު ވާހަކައެއް ދެއްކިކަމެއް އެނގިފައެއް ނެތެވެ.

"ފުރަތަމަ ނޭނގެ އަސްލު ކޮންތާކުން ކަމެއް ވެއްޓުނީ. އެކަމަކު ކުއްޖާ ފެނުނީމަ ދަންނަ ކުއްޖެއްވީމަ އެއީ މިގޭގަ (އެސްޕީ ވިލާގެ ފަސް ވަނަ ބުރިއަށް އިނގިލި ދިއްކޮށްލުމަށްފަހު) އުޅޭ ކުއްޖެއްކަން އެނގުނީ. ދެން އެކުއްޖާ ނަގައިގެން ދަމުން އެހިން ކިހިނެއްހޭ ކޮއްކޮ ވެއްޓުނީ. ބުނީމަ ބުނީ ކޮއްކޮ ގޮނޑިއަށް އެރީއޭ. އޭގެފަހުން އިތުރު ވާހަކައެއް ނުދައްކާ. ދެން ވެއްދީ އެގެއާއި ޖެހިގެން ހުރި އުނިމާ ގްރޭންޑް ހޮޓަލަށް. އެތަނަށް ވައްދާފަ ބޮލަށް ފެންއެޅީ. ވެއްޓި ޖެހުނީ އުއްޑުން. އެއްވެސް ތަނެއް ފަޅައިގެން ގޮސް ނޫނީ ކަނޑައިގެން ގޮސްފައެއްވެސް ނެތް. އެއްވެސް ވަރަކަށް ބްލީޑެއްވެސް ނުވޭ. ރޯންވެސް ނޭނގިފަ ކުއްޖާ އޮތީ." އޭނާ ބުންޏެވެ.

ކުއްޖާ ވެއްޓިފައި އޮއްވާ ނަގާފައިވާ ވީޑިއޯއެއް "ވަން" އަށް ވަނީ ލިބިފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކުއްޖާ އުނިމާ ގްރޭންޑު ހޮޓަލުގެ ސޯފާއެއްގައި ބާއްވާފައި އޮންނައިރު ކައިރީގައި ތިބި މީހުން ކުއްޖާގެ ބޮލަށް ފެން އަޅައެވެ. އޭރު ކުއްޖާގެ ހޭވެރިކަން ވެސް ހުއްޓެވެ. ކުއްލިއަކަށް ކުއްޖާ ތުރުތުރުއަޅައި ޝޮކަށް ދާ ކަހަލަ ގޮތެއްވެއެވެ. އަދި އޯކާދެމޭތަންވެސް ފެނެއެވެ. އެއްބަޔަކު އެމްބިއުލާންސަށް ގުޅައިފިތޯ އަހާއިރު އަނެއްބަޔަކު ކުއްޖާ ކޮނޑަށް ލައިގެން ސައިކަލުގައި ހޮސްޕިޓަލަށް ގެންދިއުމަށް އިރުޝާދުދެއެވެ. ކުއްޖާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަމަކަށް ވީޑިއޯއަކުންވެސް ނުފެނެއެވެ.

ކުއްޖާގެ މަންމައާ ހަވާލާދީ "ވަން" އާއި ވާހަކަ ދެއްކި މީހަކު ބުނީ ކުއްޖާ ނިދާފައި އޮވެފައި ހޭލައިގެން ކޮޓަރިން ބޭރަށް ނިކުމެ އުޅެފައި ދެން ވީގޮތެއް ނޭނގި ކުއްޖާގެ މަންމަ ކުއްޖާ ގެއްލިގެން ހޯދި ކަމަށެވެ. އަދި ބެލްކަނީގައި ހުރި ގޮނޑި އަރިއަޅައިލައިފައި ކަހަލަ ގޮތަކަށް ވެއްޓިފައި އޮތުމުން ބޭރު ބަލައިލިއިރު އިރު ކުއްޖާ ވެއްޓިފައި އޮއްވާ ފެނުނު ކަމަށް ބުނި ކަމަށެވެ. އަދި ކުއްޖާ ވެއްޓުނީ ބެލްކަނީގައި ބަހައްޓާފައި ހުރި ގޮނޑިއަށް އަރައިގެން އުޅެނިކޮށް ކަން މަންމަ ބުނި ކަމަށްވެސް އެމީހާ ބުންޏެވެ. މިވާހަކަތައް ކަށަވަރުކުރެވޭނެ ގޮތެއް ވަނީ ނުވެފައެވެ.

ކުއްޖާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔުމަށް އެމްބިއުލާންސަށް އެރުވިއިރުވެސް ފުރާނަ ހުރި ކަމަށް މަންޒަރު ދުށް އެހެން މީހަކު ވަނީ ބުނެފައެވެ. އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ވަން" އަށް މިއަދު ވިދާޅުވީ ރޭ ދަންވަރު އިމާރާތެއްގެ މަތިން ވެއްޓުނު އުމުރުން ހަތަރު އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު މަރުނުވާ ކަމަށެވެ. ކުއްޖާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ. ކުއްޖާގެ މަރު ރޭ 1:57ގައި ސާބިތުކޮށްފައިވާއިރު ކުއްޖާ މަރުވީ ހާދިސާ ހިނގިތާ 40 މިނިޓު ފަހުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ "ވަން" އާ ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. މިހާދިސާ ހިނގީ ރޭ 12:00 ޖެހިފަހުންނެވެ. ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 12:20ގައެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ތުއްތު ނުއުމާންގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ނަމަވެސް، މޭކަށިގަނޑު ބިނދި ފުއްޕާމެއަށް ގިނަ އަދަދަކަށް ލޭއެޅިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ "ވަން" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި ކުއްޖާގެ އެތެރެހައްޓަށް ލިބުނު އަނިޔާތަކުގެ ސަބަބުން ޝޮކަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ކުއްޖާގެ ފައި ބިނދި ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ވަނީ ބުނެފައެވެ.

"ވަން"ގެ ޓީމުން ހާދިސާ ހިނގިތަނަށް މިއަދު ހެނދުނު ގޮސްފައިވާއިރު، އެސްޕީވިލާގޭގެ މީހަކާ ވާހަކަދައްކަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އެގޭގެ ބޭރު ދޮރު ތަޅުލާފައި ހުރުމުގެ ސަބަބުން މީހަކާ ވާހަކަ ދެއްކޭގޮތް ވަނީ ނުވެފައެވެ.

އުމުރުން ހަތަރު އަހަރުގެ ނުއުމާން ބިން މުހައްމަދު ރަޝީދަކީ ކޮއްކޮމެން ޕްރީސްކޫލްގެ ޖޭކޭޖީގައި އުޅޭ ދަރިވަރެކެވެ. ހުރިހާ އާންޓީންގެ ވެސް ފެވަރިޓު ދަރިވަރެކެވެ. ނުއުމާނު ދިރިއުޅޭ ގެއާ ޖެހިގެން ހުންނަ އުނިމާ ގްރޭންޑް ހޮޓަލުގައި މަސައްކަތްކުރާ މީހުންވެސް ވަރަށް ލޯބިވާ ކުއްޖެކެވެ. އަބަދުވެސް ހިނިތުންވެލާފައި ހުންނަ ނުއުމާންގެ އެ ހިނިތުންވުން ދެން ނުފެންނާނެ ކަމަށް އެ ހޮޓަލުގައި މަސައްކަތްކުރާ ބައެއް ބިދޭސީ މުވައްޒަފުން ބުންޏެވެ. ފެންކަޅިވެގެންހުރެ ބިދޭސީއަކު ބުނީ އެއީ ވަރަށް ލޯބި ކުއްޖެއް ކަމަށެވެ. އަދި އެކުއްޖާ ފެނުމުން އަމިއްލަ ދަރިއެއް ކަމުގެ އިހުސާސްކުރެވޭ ކަމަށާއި ދެން އެ ކުއްޖާ ނުފެންނާނެ ކަން އެނގޭތީ ވަރަށް ހިތްދަތިވާ ކަމަށް ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟