ޓެކުހުގެ ގޮތުގައި މިދިޔަ ފެބްރުއަރީ މަހު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށްވުރެ، އެ މަހު ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.
މީރާ އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ޓެކްސް އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނީ 1.72 ބިލިއަން ރުފިޔާ އާއި 73.6 މިލިއަން ޑޮލަރެވެ. އެއީ މި އަހަރުގެ ފެބްރުއަރީގައި ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ 20.8 ޕަސެންޓް މަދު އަދަދެކެވެ.
މީރާއިން ބުނީ، ފެބްރުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށްވުރެ ލިބުނު އާމްދަނީ ދަށްވީ ޖީއެސްޓީގެ ގޮތުގައި ބަލައިގަތް އާމްދަނީ ދަށްވުމުން ކަމަށެވެ. އެއީ ޖީއެސްޓީ ރޭޓަށް ބަދަލު ގެނައިއިރު، އޭގެ ކުރިން ވިޔަފާރިތަކުން ސަޕްލަޔަރުންގެ އަތުން ގަނެފައިވާ މުދަލުގެ ޓެކްސް ރޭޓަށް ބިނާކޮށް ޓެކްސް ދެއްކުމުން ކަމަށްވެސް ބުންޏެވެ.
މީރާއިން ބުނީ، އަންދާޒާ ކުރި ވަރަށް އާމްދަނީ ނުލިބުނު ނަމަވެސް ޖުމުލަކޮށް ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ލަފާކުރި ވަރަށް ވުރެ އިތުރު ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީގައި ލިބުނު 1.4 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ 18.6 ޕަސެންޓް އިތުރު ކަމަށްވެސް ބުންޏެވެ.
މިދިޔަ މަހު ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. ޖީއެސްޓީން 1.1 ބިލިއަން ރުފިޔާ ލިބުނުއިރު، އިންކަމް ޓެކުހުން 182 މިލިއަން ރުފިޔާ ލިބުނެވެ. އަދި ގްރީން ޓެކުހުން 91.8 މިލިއަން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީން 81.8 މިލިއަން ލިބުނުއިރު، ޑިޕާޗާ ޓެކުހުން 78.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.