އިންތިހާބުތައް މޮނިޓާ ކުރެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް އެކަނިކަމަށް ހަދަން، އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހަށް ސަރުކާރާ ދެކޮޅު އެމްޑީޕީ މެންބަރުން ވަރަށްބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ.

އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ވޯޓު ނަގާދުވަހު ވޯޓުލުމުގެ ކަންތައްތައް ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނިޓާ ކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގަ އާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެކަމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ، ރިޕޯޓަރުންނަށް ކަމަށެވެ.

މިއަދު ހުށަހެޅި ބިލުން މި މާއްދާ އިސްލާހު ކުރަން ހުށަހަޅާފައި ވަނީ، ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރި ވެވޭނީ މި ގާނޫނުގެ ދަށުން އެކަމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށެވެ.

އެ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) ގައި މިހާރު އޮންނަނީ، ވޯޓުނަގާ ދުވަހުގެ 10 ދުވަސްކުރިން އެރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި، ނުވަތަ އެތަނެއްގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓްރީ ކޮށްފައިވާ ނޫސް، މަޖައްލާ އަދި ހަބަރު ފަތުރާ ކޮންމެ އިދާރާއަކުން، ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް އެކަކަށްވުރެ އިތުރުނުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޫކުރަންވާނެ ކަމަށެވެ.

އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް ވަނުމުގެ ހުއްދަ، ނޫސްވެރިންނަށް އިލެކްޝަންސް ކޮމިޝަނުން ދޭންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އަދަދަކަށް ކަމަށެވެ.

މި މާއްދާއަށް މުޅިން އަލަށް އަކުރެއް އިތުރު ކުރަންވެސް ބިލުގައި ހިމަނާފައިވެއެވެ. 41 ވަނަ މާއްދާގެ (ޅ)ގެ ގޮތުގައި ހިމަނާފައިވާ މި މާއްދާގައި ބުނަނީ، މި މާއްދާގެ (ހ) ގައި "ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިއެއް" ކަމަށް ބުނެފައި އެވަނީ، ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް މީޑިއާއެއްގައި ނުވަތަ ބްރޯޑްކާސްޓިންގެ ހިދުމަތެއް ފޯރުކޮށްދޭ ތަނެއްގައި، ހަބަރު ހޯދައި ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ކޮންމެ ފަރާތަކަށެވެ. އެ މާނައިގެ ތެރޭގައި އެފަދަ ތަނެއްގައި މަސައްކަތްކުރާ ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

މި ބިލުގެ ބަހުސްގައި ހިމެނޭ އިސްލާހުތަކަށް އެންމެ ބޮޑަށް ފާޑު ވިދާޅުވީ، ސަރުކާރާ ދެކޮޅު އެމްޑީޕީ މެންބަރުންނެވެ. އެ މެންބަރުން ވިދާޅުވީ، މި އިސްލާހަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އިންތިހާބުތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގު ނޫސް މަޖައްލާއަކުން ކަނޑައަޅާ ރިޕޯޓަރުންނަށް ވަރަށް ސާފުކޮށް ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް، މި ބިލަކީ އެ ބިލު ހަނި ކުރުމަށް ހުށަހެޅި އިސްލާހެއް ކަމަށެވެ.

"ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް އެކަނި ރައްޔިތުންނަށް އެ މައުލޫމާތު ފޯރުކޮށްދެވޭ ގޮތަށް ހަނިކޮށްލީމާ މުޅި ރާއްޖޭގައި ހިނގާ އިންތިހާބުތަކުގައި ހާއްސަކޮށް، ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި އެ މައުލޫމާތު މީޑިއާތަކަށް ރއްޔިތުންނަށް ފޯރުކޮށެއް ނުދެވޭނެ،"

އޭނާ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ގޮތަށް ގާނޫނު އިސްލާހު ކޮށްފިނަމަ، ރިޕޯޓަރެއްކަމަށް ކޮންމެ ނޫހަކުން ބުނާ ކޮންމެ މީހަކަށް އިންތިހާބު ރިޕޯޓު ކުރުމުގެ ހުއްދަ އިލެކްޝަންސް އިން ދޭންޖެހޭ ގޮތަށް މިހާރު އޮތް އުސޫލު ބަދަލުވެ، ދެން އެ ހުއްދަ ދޭން ޖެހޭނީ މީޑިއާއަތުގައި ވަޒީފާއާބެހޭ ގާނޫނުގައިވާގޮތަށް ވަޒީފާދީފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ، އިންތިހާބު ތަކުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކަށްވެސް އެ ކެންޑިޑޭޓަކު ބޭނުން މީޑިއާ މީހަކަށް އެ އިންތިހާބެއް މޮނިޓާކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށާއި، ގާނޫނު އޮންނަން ޖެހޭނީ އެގޮތަށް ކަމަށެވެ.

މި އިސްލާހަކީ ރިޔާސީ އިންތިހާބަށް އަމާޒު ކޮށްގެން ސަރުކާރުން ހުށަހެޅި އިސްހެއް ކަމަށް އޭނާވެސް ތުހުމަތު ކުރެއްވިއެވެ.