(7 މާޗުގެ އަދަދާ ގުޅޭ)
އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށަށް ދިވެހިރާއްޖެ ގެންދިއުމާއި ދިވެހީންގެ ޒަމާންވީ އަމިއްލަ ވެރިކަމާއި މިނިވަންކަން ނަގައިލުމުގެ ފިކުރާއި ޚިޔާލަކީ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނާއި އޭނާގެ ބައިވެރިން ސަލާމަތްކުރުމުގެ ގޮތުން އަތިރީގޭ ޚާންދާނުގެ ތެރެއިން ކުލަޖެހިގެން، އުފަންވެގެން، ތިލަވެގެން އައި ޚިޔާލެކެވެ. އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ދޮށީދަރިކަލުން އަތިރީގޭ އަހުމަދު ކުޑަދޮށިމޭނާކިލެގެފާނު ސިލޯނުގެ ކޮޅުނބުގައި ހުންނަވައިފައި މާލެ ވަޑައިގެންނެވީ އިނގިރޭސީންގެ މަނަވަރެއްގައި އިނގިރޭސީންނާއެކުގައެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގެންދިއުމުގެ ރޭވުމަކާއެކީގައެވެ. ދިވެހި ރަސްކަމުގެ ތަޚުތުގައި އޭރު އިންނެވީ ސުލްތާނު މުހައްމަދު މުއީނުއްދީނު ދެވަނައެވެ. އެރަދުންގެ އުއްތަމަ ފަނޑިޔާރަކީ ޝައިޚު މުހައްމަދު ޖަމާލުއްދީނެވެ.
އިނގިރޭސީންގެ ހުށައެޅުމަކީ ދިވެހިރާއްޖެ، އިނގިރޭސީންގެ ބެލެހެއްޓުމުގެ ދަށަށް ގެންދިއުމާބެހޭ އެއްބަސްވުމެއް ލިޔެ އޭގައި ސޮއިކުރާށެވެ. ޝައިޚު ޖަމާލުއްދީނުގެ ލަފާފުޅާއެކު މިކަމަށް ރަދުން ދެކޮޅު ހައްދަވައިފިއެވެ. ޝައިޚު ޖަމާލުއްދީނު ވިދާޅުވީ މިހެންނެވެ. ދިވެހީންނަކީ މުސްލިމުންނެވެ. އެއްކައުވަންތަކަމަށް އީމާންވެގެންތިބި އިސްލާމުންނެވެ. ރައްކާތެރިކަމާއި ހިމާޔަތް އެދެންވާނީ ހެއްދެވި ފަރާތުގެ ކިބައިންނެވެ. ޝަރީކުކުރާ، ފުރެއްދެ ކާފަރުންގެ ކިބަޔަކުން ނޫނެވެ. މިހެން ވިދާޅުވެފައި އެއްބަސްވުމެއް ލިޔެދެއްވުމަށްވެސް ޝައިޚު ޖަމާލުއްދީނު އިންކާރު ކުރައްވައިފިއެވެ. އަރަބި ބަހުން އެއްބަސްވުން ލިޔާން އިނގިރޭސިން އެދުމުންނެވެ. މަގާމުގެ ގޮތުން އަދި އިލްމުގެ ގޮތުން އެފަދަ ކަމަކަށް އޭރު ކުފޫހަމަވެގެންވާ ބޭފުޅަކީވެސް ޝައިޚު ޖަމާލުއްދީނެވެ.
ޝައިޚު ޖަމާލުއްދީނާއި މުއީނުއްދީނު ރަދުން މިކަމަށް އިންކާރު ކުރެއްވީމާ އެހެން ގޮތެއް ނުފެނިގެން އަހުމަދު ކުޑަދޮށިމޭނާ އާއި އިނގިރޭސިން އެނބުރި ކޮޅުނބަށް ހިނގާއްޖެއެވެ. ދުވަސްކޮޅެއްފަހުން އަނެއްކާވެސް މާލެއަށް އައީ އިތުރު މަނަވަރަކާއި ހަތިޔާރާއި ސިފައިންނާއެކުގައެވެ. ކުރީފަހަރު އެއްބަސްވުމެއް ލިޔެދެއްވަން ޝައިޚު ޖަމާލުއްދީނު ދެކޮޅު ހެއްދެވީމާ މިފަހަރު އައީ އެއްބަސްވުމެއް ލިޔެ ތައްޔާރުކޮށްގެންނެވެ. ބުންޏެވެ. މީގައި ސޮއިނުކޮށްފިއްޔާ މާލެއަށް ބަޑިޖަހައި ސުންނާފަތިކޮށްލާނަމެވެ. ރަދުންނާއި އުއްތަމަފަނޑިޔާރާއި ދެންވެސް މާލޭގައި ތިބި ބަޔަކު މަރައި ހުސްކޮށްލާނަމެވެ. ކަލޭމެންނަށް މިކަމުގައި މާބޮޑު އިޚުތިޔާރެއް ނެތެވެ. އޮތްގޮތަކީ ސޮއިކުރުމެވެ. އަނެއްގޮތަކީ މަރެވެ. މިބީދައިން އިންޒާރުދީ މާލެއަށް މަނަވަރުތަކުގެ ބަޑި އަމާޒުކޮށްފިއެވެ.
މިއިންޒާރާ ގުޅިގެން މުއީނުއްދީނު ރަދުން ބިރުފުޅުން އެއްބަސްވުމުގައި ސޮއިކުރަން ދިމާކުރެއްވީމާ ޝައިޚު ޖަމާލުއްދީނު ވިދާޅުވީ މިހެންނެވެ. އަހަރެމެންނަކީ މުސްލިމުންނެވެ. މަރުވުމަށްފަހު އާޚިރަތް ދުވަސް އަންނާނޭކަމާއި ހިސާބު ބެއްލެވޭނޭކަން ގަބޫލުކުރާ ބަޔަކީމެވެ. މަރުވާނީ އެންމެ ފަހަރަކުއެވެ. މިއަދު ނުވިއްޔާ މާދަމާ މަރުވާނެއެވެ. މަރަކީ ކޮންމެވެސް އެއްދުވަހަކުން ކުރިމަތިލާންޖެހޭ ހަގީގަތެކެވެ. ކާފަރުންގެ އަތުން މަރުވުމަކީ ޝަހީދުވުމެކެވެ. އެގޮތުގައިއޮތީ މަތިވެރިވެގެންވާ ސުވަރުގެއެވެ. ޝަހީދުވުމެއް ލިބިނުގަތުމުގެ އެދުމުގައި ތިޔަ ލިޔުމުގައި ސޮއިކުރިއަސް މަރަކީ ކަށަވަރު އެއްޗެކެވެ. އެހެންވީމާ އަހަރެންގެ ރައުޔަކީ މިއީއެވެ. ތެޅިއަސް، މެރިއަސް މިނިވަންކަން ދޫކޮށްލައިގެން ނުވާނެއެވެ. ހިތްވަރާއި ކެރުން ދޫކޮށް ފިނޑިކަން އިޚުތިޔާރުކޮށް އާޚިރަތުގެ ގެއްލުމާއި ހަލާކަށް އެނބުރިގެން ނުވާނެއެވެ.
ރަދުން ހުންނެވީ ބިރުފުޅުންނެވެ. ލަޝްކަރީންނާއި ބޮޑުން ތިބީ ބިރުންނެވެ. ރައްޔިތުން ތިބީ ބިރުންނެވެ. އެހެންވީމާ ޝައިޚް ޖަމާލުއްދީނުގެ ބަހެއް ނުވިކުނެވެ. މުޅިން ގިނިކަންޏާ ހުންނެވީއެވެ. އިނގިރޭސިން ދެއްކި ބިރުގެ ބޮޑުކަމުން ދިވެހީންގެ މިނިވަންކަން ދޫކޮށް އިނގިރޭސީންގެ އަޅުވެތިކަން އިޚުތިޔާރު ކުރުމުގެ އެއްބަސްވުމުގައި މީލާދީން 1888 ވަނަ އަހަރު ރަދުން ސޮއިކުރައްވައިފިއެވެ. މި ހިމާޔަތެއްގެ ދަށަށް ދިޔުމާއެކު އިނގިރޭސީންގެ ބާރުގައި މުއީނުއްދީނު ރަދުން ރަސްކަމުން ދުރުކޮށް ސުލްތާން އިބްރާހިމް ނޫރައްދީނު އަލުން ތަޚުތަށް ގެނެސް ބޮޑުހުޅުގެ މައްސަލައިގައި އަރުވާލެވިފައި ހުންނެވި އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު މިނިވަންކޮށް މާލެގެނެސް އަލުން ބޮޑުވަޒީރުކަންވެސް ދީފިއެވެ. ދެން ފެށުނީ ބަދަލު ހިފުމުގެ އޮއިވަރެކެވެ.
ބޮޑުހުޅުގެ ބައިވެރިންނަށް ހުކުމް އިއްވާފައިވާތީ އެކަމުގެ ބަދަލު ހިފުމެވެ. އިނގިރޭސީންގެ ހިމާޔަތުގެ އެއްބަސްވުމުގައި ސޮއިނުކުރާން ގަދައެޅީތީ އެކަމުގެ ބަދަލު ހިފުމެވެ. މިހުރިހާ ބަދަލުހިފުމެއް އެންމެ ބޮޑަށް އަމާޒުވި އެއްބޭފުޅަކީ ޝައިޚު ޖަމާލުއްދީނެވެ. ދެން ފެނުނީ ލަސްތަކެއްނުވެ ޝައިޚު ޖަމާލުއްދީނު މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫއަށް އަރުވައިލެވުނު މަންޒަރެވެ. އެރަށުގައި ގާތްގަނޑަކަށް ހަތަރު އަހަރު ހުންނެވިއެވެ. ވަރަށް ނިކަމެތި ހާލުކޮޅެއްގައެވެ. ކުރެއްވި މައިގަނޑު މަސައްކަތްޕުޅަކީ ކިޔަވައިދެއްވުމެވެ. އެކަމަށްވެސް ވެރިކަމުގެ ފަރާތުން ކުރިމަތިނުކުރާ ހުރަހެއް ނެތެވެ. ޝައިޚު ޖަމާލުއްދީނު މިނިވަންކޮށް މާލެ ގެނެވުނީ 1892 ވަނަ އަހަރު ސުލްތާން އިބްރާހިމް ނޫރައްދީން އަވަހާރަވެ ރަސްކަން ބަދަލުވުމުންނެވެ. އަތިރީގޭގެ ބާރު ހިސާބަކަށް ކުޑަވި ދުވަސްވަރެއްގައެވެ.
(ނުނިމޭ)