އުމުރުން 26 ގެ މުހައްމަދު މަމްދޫހެވެ. ފުޓްސަލްގެ އެތައް ތަރިންނެއް ނިސްބަތްވާ ރ. އަތޮޅުގެ ޗެމްޕިއަން، އިނގުރައިދޫގެ ނަމެކެވެ. ފުޓްސަލްގައި އެތައް ކާމިޔާބީއެއް ހޯދާފައިވާ ލެޖެންޑަރީ އަލީ ހާފިޒް (ހާއްޕެ)ގެ ފިޔަވަޅުތަކުގެ މަތިން ރާއްޖޭގެ އެންމެ ބޮޑު ޕްލެޓްފޯމަށް ނުކުތް ތަރިއެކެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖަށްވެސް މުޅިން އާ ތަރިއެކެވެ. އެކަމަކު ވިދުން ގަދައެވެ. އިނގުރައިދޫއަށް އެންމެ ބޭނުންވާ ގަޑީގައި ނަތީޖާ ނެރެދިން ހުނަރުވެރި ކުޅުންތެރިޔާއެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ސެމީ ފައިނަލަށް ގޮސް ތާރީހު ލިޔެލި އިނގުރަދޫން "ސަޕްރައިޒް" އެއް ދީފިއެވެ.
މަމްދޫހުގެ މޮޅު ގޯލުތަކާއި، ހަލުވި ނެއްޓުންތައް މިފަހަރުގެ މުބާރާތުން އަޅައިނުގަންނަންވީ ސަބަބެއް ނެތެވެ. އެންމެ މެޗެއްގައި އެކަންޏެއް ނޫނެވެ. އިނގުރައިދޫގެ ކޮންމެ މެޗެއްގައިވެސް އޭނާ ތަފާތު ދެއްކިއެވެ. ޅައިރުންސުރެ އެންމެ ގާތް އެކަކު، އަދި އަބަދުވެސް ފުޓްސަލްގެ އައިޑަލް ހާއްޕެގެ ޝަރަފުގައި ރަށަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ގެންދަން މަމްދޫހު ހުރީ ތަފާތު ފޯމެއްގައެވެ. ސްކޫލް ދައުރުން ފެށިގެންވެސް ފުޓްސަލް އަދި ފުޓުބޯޅައަށް ހާއްސަ ޝައުގެއް ހުރި މަމްދޫހުގެ ފެށުންވެސް ވަނީ ހާއްޕެއާ އެކުގައެވެ.
"ކުޑައިރުން ފެށިގެންވެސް ފުޓުބޯޅަ ކުޅެ އުޅެން. ސްކޫލް ނިންމާލި ގޮތަށްވެސް މުބާރާތްތައް ކުޅުމާއެކު އޭގެ ތެރޭގަ މި އުޅެވުނީ. ދެން ބޮޑަށް މިކަމުގެ ތެރެއަށް ވަދެވިގެން ދިޔައީ އަތޮޅުތެރޭގެ އެކި ރަށްރަށުގަ ކުޅެން ފެށުމާއެކު. ރ. އަތޮޅުން ފުރަތަމަ ކުޅުނީ މަޑުއްވަރީގަ. އޭގެ ފަހުން މީދޫގަވެސް ތިން މުބާރާތް ކުޅެވި، އަދި ރިސޯޓުގެ ލީގުގަވެސް ކުޅެވުނު ހިސާބުން އަސްލު ފުޓްސަލް ފެށިގެން މިދިޔައީ. ރ. އަތޮޅު ރިސޯޓުތަކުގެ ރާބަދި ޗެލެންޖް އޮންނާނެ، އެހިސާބުން 2019 ގައި ރަސްމީކޮށް ފުޓްސަލް ކުޅެން ފެށުނީ،"
"ހާއްޕެއަކީ އައިޑަލް. ހާއްޕެއަކީ ސްކޫލް ދައުރުން ފެށިގެންވެސް އެންމެ ގާތް، އެންމެ އެކުވެރި އެކަކު. ރަށް ތަމްސީލުކުރަން، ރަށުގެ ޖާޒީގައި ހާއްޕެއާއެކު ކުޅެލުމަކީ ވަރަށް ފަހުރުވެރި ވަގުުތުކޮޅެއް. ހާއްސަކޮށް އަތޮޅު ތަށްޓާއި ޒޯން ތަށި ހޯދުން އެއީ ވަރަށް ބޮޑު ޝަރަފެއް. ސްކޫލުގަ އެއް ގްރޭޑެއްގައި ކުޅުނު އިރުވެސް ދެ ހައުސްއަކަށް އަބަދުވެސް ކުޅެމުން ދިޔައީ. ވަރަށް ޗެލެންޖިން ވާނެ އޭރު ހާއްޕެއާ. އެކަހަލަ ގޮތަކަށް އޭރުގެ ހަނދާންތައް ހުންނަނީ،" މަމްދޫހު "ވަން" އާ ވާހަކަ ދައްކަމުން ބުންޏެވެ.
ރިސޯޓުގައި މަމްދޫހު އަދާކުރަމުން އަންނަނީ އޭނާ އެންމެ ގަޔާވާ ވޯޓާ ސްޕޯޓްސް ދާއިރާގެ ވަޒީފާއެކެވެ. ފުޓްސަލްއަށް އެކަށީގެންވާ ވަގުތު ނުދެވޭ ސަބަބަކީވެސް އެއީއެވެ. ކެރިއަރުގައި ފުޓްސަލްއިން ކުރިއަށްދާން މަމްދޫހުގެ ވިސްނުން ހުރި ނަމަވެސް، އަދި ވަކި ގޮތެއް ނިންމަން އޭނާއަށް އުނދަގުލެވެ. ވަޒީފާ އަދާކުރާތީ ގޯލްޑަންއަށް މީގެ ކުރިން ފުރުސަތު ނުލިބި ހުރި ނަމަވެސް، ދައްކާލި ފުރަތަމަ ޗަރުކޭހުންވެސް އެތައް ބައެއްގެ ލޯތައް އޭނާއަށް މިހާރު ހުރީ ހުއްޓިފައެވެ.
"މިކަހަލަ މުބާރާތަކަށް، މި ފެންވަރުގެ މުބާރާތަކަށް ނުކުތުމަކީ ލިބޭ ވަރަށް ބޮޑު ތަޖުރިބާއެއް. އަތޮޅު ތެރޭގަ ކުރިން ކުޅުނު ހުރިހާ މުބާރާތަކަށްވުރެވެސް މި މުބާރާތް ބޮޑުވާނެ. ރަނގަޅު ކޯޗަކާވެސް އެކު ތަމްރީނުކޮށްލައި، ތަފާތު ދައްކާލަން ލިބުނު ފުރުސަތެއް މިއީ. އަމިއްލަ އިތުބާރު ވަރަށް ބޮޑުވެއްޖެ. މުބާރާތް ނަގަން ތަފާތު ރޫހެއްގައި މިހުރީ،" މަމްދޫހު ބުންޏެވެ.
މަމްދޫހުގެ ހުރިހާވެސް އުންމީދެއް ގުޅިފައި އޮތީ "ހޭވައްޓާލައި،" ކޮންމެ ރެޔަކު ދަނޑަށް ގޮސް ފޯރި ނަގަމުން އަންނަ އިނގުރައިދޫގެ ހިތްވަރު ގަދަ ސަޕޯޓަރުންނާ އެވެ. ރަށުގެ ޝަރަފުގައި ތަށި ހޯދުން ނޫން އިތުރު އެއްވެސް ވިސްނުމެއް މަމްދޫހުގެ ނެތެވެ. އެންމެފަހުން ހދ. ނައިވަދޫއާ ދެކޮޅަށް އިނގުރައިދޫން ކުޅުނު ކުއާޓާ ފައިނަލް މެޗުގައި މަމްދޫހުގެ ދެ ގޯލު ފެނިގެން ދިޔަ އިރު، އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، މަމްދޫހު އޭނާގެ މުހިއްމުކަން ސާފުކޮށްދިނެވެ. މެޗުގެ ކޮންމެ މަންޒަރަކުންވެސް މަމްދޫހުގެ ފަރާތުން ފެނުނީ ރަށު ލޯތްބެވެ. އަތޮޅު ލޯތްބެވެ.
"ކުއާޓާ ނެގުން އެއީ ވަރަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެ މެޗުގަ ވެސް ޖެހުނީ އެމޯޝަނަލް ގޯލެއް. ހާއްސަކޮށް ފުރަތަމަ ގޯލު، އެ ގޯލު ޖެހުމާއެކު މީހާވެސް ވަރަށް ވީކްވި. އެ ވަގުތުކޮޅު އަސްލު ވިސްނުނު ހާއްޕެ އަތުން ހެދުނު ގޯސް ކަވަރު ކޮށްދެވުނުކަން. ރަށު ލޯބި އެ ފެނުނީ. ވަރަށް ބޮޑު ކަމެއް އެއީ. ސީދާ ފޯރީގަ ހާއްޕެ އައިސް ބައްދާލި ވަގުތުވެސް އޭނާ ތަށި ހޯދަން ބޭނުންވެފަ ހުރި މިންވަރު އެނގުނު. ރަށަށް ޓަކައި މި މުބާރާތް ކުޅެވޭތީ ވަރަށް އުފާވޭ. އަލަށް ސެމީއަށް ދިއުން އެއީ ތާރީހީ ކާމިޔާބެއް،" މަމްދޫހު ބުންޏެވެ.
މަމްދޫހު ފާހަގަކުރީ މުޅި ރ. އަތޮޅާއި އިނގުރައިދޫ އެކީ މިހާރު އޮތީ ޓީމުގެ ފަހަތުގައި ކަމަށާއި، އެތައް ބަޔަކު ގުޅައި ހިތްވަރު ދެމުން އަންނަ ކަމަށެވެ. ލ. ގަމާ ދެކޮޅަށް އަންގާރަ ދުވަހުގެ ރޭ އޮންނަ ސެމީ ކާމިޔާބުކުރުމަށް މިވަގުތު ފުލްކޮށް މަމްދޫހުގެ ވިސްނުން ހުރި އިރު، އޭނާގެ ނަޒަރުގައި ފައިނަލްގެ ވިސްނުން ގެންގުޅެން ޖެހޭނީ ސެމީއަށް ފަހުއެވެ. މަމްދޫހުގެ ކެރިއަރުގެ ހުރިހާ ކަމެއް ހަގީގަތުގައި ގުޅިފައި އޮތީ ގޯލްޑަން ފުޓްސަލްއާ އެވެ. ކެރިއަރުގެ އެންމެ ބޭނުންވާ ތަށްޓަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓެވެ. އެންމެ ބޮޑު ކާމިޔާބީއަކީ މި މުބާރާތުގައި ޒޯނާއި އަތޮޅު ތަށި ނެގުމެވެ. އެ ވަގުތުތައް ތާ އަބަދަށް ކެރިއަރުގެ އުސް އަލިތަކުގެ ގޮތުގައި ލިޔެލެވޭނެ ކަމަށް މަމްދޫހު ބުންޏެވެ.
ކާމިޔާބު ކެރިއަރަކަށް މިސްރާބު ހިފާފައިވާ މަމްދޫހުގެ ތަރި ނުހަނު އަލިގަދަކޮށް ފެންނައިރު، އޭނާއަށް މިހާތަނަށް އެންމެ ގާތުން ދިން އެހީތެރިކަން، ފަހު ކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ.
"އެންމެ ފުރަތަމަވެސް ނަގާނީ އާއިލާ. އެއީ ވަރަށް ބޮޑު ހިތްވަރެއް، ވަރަށް ބޮޑު ސަޕޯޓެއް. ދެން ރަށުގަ އަބަދުހެން ދެ ޓީމަކަށް ކުޅެން ޖެހުނަސް ހާއްޕެއަކީ އަބަދުވެސް އައިޑަލް. އޭނާއަކީ ކެރިއަރުގައި އެންމެ ސަޕޯޓިވް އެކަކު. ރަނގަޅު ކުރަން ޖެހޭ ތަންކޮޅުވެސް ބުނެލަދޭނެ. އައިހަމްވެސް ފާހަގަކޮށްލަން ބޭނުން، ތުއްތުބެއަކީވެސް ވަރަށް ބޮޑު ސަޕޯޓަރެއް. އެއް އާއިލާއެއްގެ ގޮތުގައި އަބަދުވެސް އެއްބާރުލުން ދޭ އެތައް ބަޔަކު ތިބޭނެ،" ނިންމާލަމުން މަމްދޫހު ބުންޏެވެ.