ރާއްޖޭގެ ގައުމީ ޓީމުގެ އިތުރުން ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކެއްގައި ހުނަރުވެރި މޮޅު ކުޅުމެއް ދެއްކި ވިންގާ، ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ކުރިއަށް އޮތް ސީޒަނުގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅުމަށް ސޮއިކޮށްފިއެވެ.

ވިކްޓަރީން އާ ސީޒަނަށް ވަރަށް ވަރުގަދައަށް ތައްޔާރުވަމުން އަންނަ އިރު، ކޯޗަކަށް ކުރިން އެ ކްލަބަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ ސޮބާހު މުހައްމަދު (ސޮބާ) ވަނީ ހަމަޖައްސައިފައެވެ. މިފަހަރުގެ ދެވަނަ ޑިވިޝަންގެ އިތުރުން އެފްއޭ ކަޕްގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރުމަށް ވިކްޓަރީގެ ބޯޑުން ތައްޔާރުވަމުންދާ އިރު، ސޮބާ ވިކްޓަރީއާ ހަވާލުވުމަށް ބޭއްވި ހާއްސަ އިވެންޓުގައި ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އާއި ރާއްޖޭގެ ތާރީހުގައި ފެނުނު އެންމެ ކާމިޔާބު އެއް މިޑްފީލްޑަރު މުހައްމަދު އުމައިރުވެސް ވަނީ އަންނަ ސީޒަނަށް ވިކްޓަރީއާ ގުޅިފައެވެ.

އޭގެ ފަހުން އެ ކްލަބުން ވަނީ ތ. ތިމަރަފުށީގެ އިބްރާހީމް ސިނާހު (ސިނާ) އާއި ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއްގައި ކުޅެފައިވާ ސައްދާމް ހުސެއިން އާއި އަހުމަދު ރިލްވާން (ބެން) ކްލަބަށް ސޮއިކުރިކަން އިއުލާނު ކޮށްފައެވެ.

މިރޭ އުމުރުން 35 އަހަރުގެ ބޮކުރީ ވިކްޓަރީއާ ގުޅުނުކަން އެ ކްލަބުން އިއުލާން ކޮށްފައިވާ އިރު، އޭނާ އެންމެފަހުން ރާއްޖޭގެ މަތީ ފަންތީގެ ފުޓުބޯޅައިން ފެނުނީ 2020-21 ވަނަ އަހަރުއެވެ. އެ ސީޒަނުގައި ބޮކުރީ ވެލެންސިއާއަށް ކުޅެފައިވާ އިރު، އޭގެ ކުރިން އޭނާ ވަނީ ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅައާ ދުރަށް ގޮސް، އަމިއްލަ ދިރިއުޅުމަށް ވަގުތު ހޭދަކުރުމަށް ރަށުގައި ދުވަސްތަކެއް ހޭދަކޮށްފައެވެ.

ބޮކުރީގެ ކެރިއަރުގެ ޕީކުގައި އޭނާއަކީ ގައުމީ ޓީމުގެ ފުރަތަމަ 11 އިންވެސް ބަރާބަރަށް ޖާގަ ހޯދަމުން ދިޔަ ކުޅުންތެރިއެކެވެ. އަނިޔާގެ ސަބަބުން 2017 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ފަހު، ބޮކުރީ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ހުއްޓާލައި ބަދަލުވީ އުފަން ރަށް، އދ. މަހިބަދޫއަށެވެ.

ރަށުގެ ފެނަކައިގައި ވަޒީފާ އަދާކުރަމުން ދިޔަ ބޮކުރީ 2018 ވަނަ އަހަރު ދެވަނަ ޑިވިޝަނުގައި މަހިބަދޫ ސްޕޯޓްސް ކްލަބުން ފެނިފައިވާ އިރު، 2020 ވަނަ އަހަރު ވެލެންސިއާއެކު ބޮކުރީ ފުރަތަމަ ޑިވިޝަނަށް ނުކުތީ އޭގެ ކުރީ ސީޒަނުގައި ދެވަނަ ޑިވިޝަން އެކްލަބާއެކު ކާމިޔާބުކުރުމަށްފަހުއެވެ.

ބޮކުރީގެ ހުނަރު ފުރަތަމަ ޑިވިޝަނަށް ވިދާލީވެސް ވިކްޓަރީންނެވެ. އޭގެފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުމަށްފަހު، 2013 ވަނަ އަހަރު ބޮކުރީ ފެނުނީ ނިއު ރޭޑިއަންޓުންނެވެ. ވެލީޒާ ޕޮޕޯފްގެ ކޯޗުކަމުގައި ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ދިޔަ ނިއުގެ ޓީމުގައި ބޮކުރީ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

އޭގެ ފަހުން އަމިއްލަ ރަށް ފުރަތަމަ ޑިވިޝަންގައި ކުޅުނުއިރު، އެޓީމުގެ ކެޕްޓަން ބޭންޑްގައި ބޮކުރީ ރަށު ޓީމަށް ކުޅެ، އެފަހަރުވެސް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. ބޮކުރީ އެންމެ ފަހުން ގައުމީ ޓީމަށް ކުޅެދިން މެޗަކީ 2017 ވަނަ އަހަރުގެ މާޗް މަހު އޭޝިއަން ކަޕް ކޮލިފައިންގައި މާލޭގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗެވެ. އޭނާ އެ މެޗުގައި ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.