އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް މ. ތުވަރު ކައިރިން ބޯޓުގައި އަލިފާން ރޯވެ، އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ހުއްޓާލައިފިއެވެ.

އާގަލާ ބޯޓުގައި އަލިފާން ރޯވީ މި މަހުގެ ހަތް ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. ހާދިސާ ހިނގި އިރު، 10 ފަޅުވެރިންނާއި ފަސް ފަސިންޖަރުންނާއެކު ޖުމުލަ 15 މީހަކު ބޯޓުގައި ތިއްބެވެ. އަލިފާން ރޯވެ ހުޅުގަނޑު ކޮންޓްރޯލް ނުވުމުން ފުރާނަ ސަލާމަތްކުރުމަށް އެންމެން ފުންމާލީ މޫދަށެވެ.

ނަމަވެސް އޭގެ ތެރެއިން ބޯޓުގެ ފަޅުވެރިއަކަށް އުޅުނު އިންޑިއާ މީހަކު ވަނީ ގެއްލިފައެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަން 72 ގަޑިއިރަށް ފަހު ހުއްޓާލާފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި ކަނޑާއި ވައިގެ މަގުން ޖުމުލަ 2164 އަކަ މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ބުންޏެވެ.