ޚަބަރު

ރާއްޖޭގައި އަލްޓްރާ-ލަގްޒަރީ ރޯސްވުޑްގެ ރިސޯޓެއް, 343 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް!

ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ އެއް ރިސޯޓް, ހިލްޓަންގެ ވޮލްޑޯފް އެސްޓޯރިޔާ އިތާފުށި މޯލްޑިވްސް ތަރައްގީކުރި ގަތަރުގެ އިންވެސްޓްމަންޓް ކުންފުނި, އެސްތިމާރު ހޯލްޑިންގްސް އިން ދުނިޔޭގެ އެންމެ ލަގްޒަރީ އެއް ރިސޯޓް ރާއްޖޭގައި ތަރައްގީކުރަން ނިންމައި, މަސައްކަތް ފަށައިފިއެވެ.

މާލެ އަތޮޅުގެ ބޮޑު ފަޅެއް ހިއްކައިގެން ހަދާ މި ރިސޯޓް ހަދާނީ އެސްތިމާރުގެ ސަބްސިޑަރީ ކުންފުނި ރޯޔަލް ރިސޯޓްސް އިންނެވެ. އެތަން ހިންގާނީ އަލްޓްރާ-ލަގްޒަރީ ބްރޭންޑް, ރޯސްވުޑް ހޮޓެލްސް އެންޑް ރިސޯޓްސްއިންނެވެ. މިއީ އެ ބްރޭންޑުން ރާއްޖޭގައި ހިންގާނެ ފުރަތަމަ ރިސޯޓެވެ.

ޖުމުލަ 343 މިލިއަން އެމެރިކާ ޑޮލަރު (5.2 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ މި ރިސޯޓުގައި އެންމެ މަތީ ފަންތީގެ 120 ބީޗް އޯވަވޯޓާ ވިލާ އާއި އެއް ކޮޓަރިއާއި ފަސް ކޮޓަރީގެ ވިލާތައް ހުންނާނެއެވެ. މިއިން ކޮންމެ ވިލާއެއްގައި އަމިއްލަ ސުވިމިން ޕޫލެއްވެސް ހުންނާނެއެވެ.

މި ރިސޯޓް ހުޅުވަން ތައްޔާރުވަމުންދަނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ.

އެސްތިމާރު ހޯލްޑިންސްއަކީ ގަތަރުގެ ޓޫރިޒަމް ދާއިރާގައި ރަނގަޅު ޓްރެކް ރެކޯޑެއް އޮންނަ ކުންފުންޏެކެވެ. އެ ކުންފުނިން ތަރައްގީ ކޮށްފައިވާ ބިޔަ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ލުސައިލްގެ އަލް މަހާ އައިލެންޑާއި އެސްޕަޔާގެ މޭސަން ރިސޯޓާއި ކަޓަރާގެ ކަޓަރާ ހިލްސް ރިސޯޓު ހިމެނެއެވެ.