ގޯލްޑަން ފުޓްސަލް ޗެލެންޖް

ސެމީގައި އިނގުރައިދޫއާއި ގަން، ވާދޫއާއި ކުޑަހުވަދޫ ކުރިމަތިލާން ޖެހިއްޖެ

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ސެމީ ފައިނަލްގެ ޖާގަތައް ރ. އިނގުރައިދޫ، ލ. ގަން، ގދ. ވާދޫ އަދި ދ. ކުޑަހުވަދޫން ހޯދައިފިއެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތައް ފޯރިގަދަކޮށް ދިޔައިރު، ތިން މެޗެއްގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އަންގާރަ ދުވަހުގެ ރެޔަށް ތާވަލުކޮށްފައިވާ އިރު، ސެމީގައި ގަން ނުކުންނާނީ އިނގުރައިދޫއާ ދެކޮޅަށެވެ. ވާދޫން ނުކުންނަނީ ކުޑަހުވަދޫއާ ދެކޮޅަށެވެ. މިއީ ވާދޫއާއި އިނގުރައިދޫވެސް މުބާރާތުގައި ސެމީ ކުޅޭ ފުރަތަމަ ފަހަރެވެ.

ރޭ ރެހެންދި ދަނޑު އެކެއްގައި ކުޅުނު ފުރަތަމަ ކުއާޓާ މެޗުގައި ހދ. ނައިވާދޫއާއި ރ. އިނގުރައިދޫ ވާދަކުރި އިރު، އެމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ 3-3 އިން އެއްވަރުވެފައެވެ. މެޗުގައި ނައިވާދޫން ފުރަތަމަ ލީޑު ނެގީ އަބްދުﷲ ވިސާމް ޖެހި ގޯލުންނެވެ. އެ ގޯލާއެކު ނައިވާދޫން ލީޑު ކުރަމުން ދަނިކޮޮށް، ދެވަނަ ހާފުގައި މުހައްމަދު މަމްދޫހު ވަނީ އިނގުރައިދޫއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އިނގުރައިދޫން ނަތީޖާ ހަމަހަމަ ކުރިތާ އިރުކޮޅެއް ތެރޭ ނައިވާދޫގެ ކެޕްޓަން ޔާމީން މުހައްމަދު ޔާންޓެ ޖެހި ގޯލާއެކު އެޓީމުން އަނެއްކާ ލީޑު ނެގިއެވެ. އެހެން ނަމަވެސް އަލީ ހާފިޒް (ހާއްޕެ) މުހިއްމު ވަގުތު އިނގުރައިދޫއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ފޯރިގަދަކޮށް ފަހު ވަގުތު ކޮޅު ފެނިގެން ދިޔަ މެޗުގައި މަމްދޫހު ވަނީ އިނގުރައިދޫއަށް ލީޑު ނަގައިދޭން ދެވަނަ ގޯލެއްވެސް ޖަހައިފައެވެ. އެ ގޯލާއެކު އިނގުރައިދޫން މޮޅުވާން ދަނިކޮށް، ފަހު ސިކުންތުގައި ނައިވާދޫއަށް ނަތީޖާ އެއްވަރުކޮށްދިނީ ވިސާމެވެ.

ޕެނަލްޓީގައި އިނގުރައިދޫގެ ގޯލްކީޕަރު އިހުސާން ދެ ސޭވެއް ކޮށްފައިވާ އިރު، އިނގުރައިދޫން ސެމީ ޔަގީންކުރިއެވެ.

ރެހެންދި ދަނޑު ދޭއްގައި ރޭ އެންމެފަހުން ދެ އަހަރު ޗެމްޕިއަން ތ. ތިމަރަފުއްޓާއި ގަން ވާދަކުރި މެޗުގައިވެސް ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ގަމުން ވަރުގަދަ ތިމަރަފުށި ކަޓުވައިލީ، 5-4 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ މިނެޓުގައި ގަމުގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) ޖެހި ގޯލުން އެޓީމު ލީޑު ނެގި އިރު، ތިމަރަފުށިން ނަތީޖާ އެއްވަރުކުރީ ފަހު ސިކުންތުކޮޅުގެ ތެރޭގައެވެ. އެ ގޯލު ޖެހީ އަބްދުﷲ ޒިޔާން (ޖަންކީ)އެވެ.

ޕެނަލްޓީގައި ތިމަރަފުށްޓާއި ގަމުންވެސް ފުރަތަމަ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއްނުވިއެވެ. ތިމަރަފުށީގެ އާދަމް ނާސިހު (އާދަންނާ) އާއި ގަމުގެ އަހުމަދު ހަލީމް (އައްމަޑޭ) ޖެހި ޕެނަލްޓީތައް ނާކާމިޔާބުވެފައިވާ އިރު، ގަން މޮޅުވީ ފުރަތަމަ ޕެނަލްޓީ ނުވެއްދުނު ނަމަވެސް ދެން ޖެހި ހަތަރު ޕެނަލްޓީ ވައްދައިގެންނެވެ. ގަމުން ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު ނާޝިދު (ނާއްޓޯ)، އަލީ ޝާމިސް (ތޮއްޕޭ)، އޮންލީ އަދި އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.

ތިމަރަފުށީގެ އަހުމަދު ހައިލަމް، އިބްރާހިމް ސިނާހު (ސިނާ)ގެ އިތުރުން ޒިޔާންގެ ޕެނަލްޓީ ކާމިޔާބުވެފައިވާ އިރު، އެޓީމަށް ފުރުސަތު ގެއްލުނީ އިބްރާހިމް ހަމްދާން އަތުން ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ.

ކުއާޓާގައި ރޭ ގދ. ވާދޫއާއި މާފަންނު ވާދަކުރި މެޗު ވާދޫން ފަސޭހަކަމާއެކު ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ. މުހައްމަދު އިޔާދު އަލީ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ. އިޔާދުގެ ހެޓްރިކާއެކު ދެން ވާދޫގެ އަނެއް ގޯލު ޖަހައިދިނީ އިބްރާހީމް ޝައުފު މުހައްމަދެވެ. މާފަންނުގެ ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ގޯލްކީޕަރު އިބްރާހީމް ނާޖިހެވެ. އެއީ ފަހުވަގުތު ކުރިއަށް ޖެހި އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.

ރެހެންދި ދަނޑު ދޭއްގައި ބ. އޭދަފުށްޓާއި ދ. ކުޑަހުވަދޫގެ ކުރިމަތިލުން ޕެނަލްޓީއަށް ދިޔައީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގައިވެސް، އަދި ޕެނަލްޓީގައިވެސް ފެނުނީ ގޯލްކީޕަރުންގެ ތަފާތެވެ. އޭދަފުށީގެ ގޯލްކީޕަރު އަބްދުﷲ ނާސިހާއި ކުޑަހުވަދޫގެ އަބްދުލް މާނިއުގެ މަސައްކަތް ޕެނަލްޓީގައި ފާހަގަކުރެވުނު އިރު، މެޗު ކުޑަހުވަދޫން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ދެޓީމުންވެސް ޖުމްލަ ހަ ޕެނަލްޓީ ޖެހިއިރު، ކުޑަހުވަދޫން ޕެނަލްޓީ ވެއްދީ އިރުސާމް އާދަމް ނަސީރާއި އިރުފާން އާދަމް ނަސީރު އަދި އަޔާޒް މުހައްމަދެވެ. އޭދަފުށިން ޕެނަލްޓީ ކާމިޔާބުކުރީ ހާފިޒު އަހުމަދު އާއި ޝާރިފް އަބްދުލް މަޖީދެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.