ގޯލްޑަން ފުޓްސަލް ޗެލެންޖް

މާފަންނުން ބޭނުންވަނީ ދެވަނަ ތަށި، މިރޭ ނުކުންނާނީ ޗެލެންޖްތައް ކަޑައްތުކޮށް ފޯމުގައި އޮތް ވާދޫއާ ދެކޮޅަށް

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ފައިނަލް ބުރުގެ ކުއާޓާ ފައިނަލް ފޯރިގަދަ ކުރިމަތިލުންތަކަށް މިރޭ ފަށާނެއެވެ. މީގެ ކުރިން މުބާރާތް އެއްފަހަރު ކާމިޔާބުކުރުމުގެ ޝަރަފާއެކު މިރޭ މާފަންނުން ނުކުންނާނީ ގދ. އަދި ޒޯން ހައެއްގެ ޗެމްޕިއަން ވާދޫއާ ދެކޮޅަށެވެ.

ވާދޫން މުބާރާތުގެ ގަދަ 16 އަށް އަދި ކުއާޓާ ފައިނަލަށް ކުރި ދަތުރުގައި އަނިޔާގެ މައްސަލަތަކުގެ އިތުރުން އަޔާޒް އަހުމަދު (އަޔާ) ފަދަ މުހިންމު ކުޅުންތެރިންނަށް ސަސްޕެންޝަންގެ މައްސަލަތައްވެސް ކުރިމަތިވި ނަމަވެސް، މިރޭ އެ ޓީމަށް އޮތީ ހިތްވަރު ލިބިފައެވެ. އެއީ ގަދަ 16ގައި މުހިންމު މޮޅެއް ނެގުމުގެ ސަބަބުންނެވެ. ގަދަ 16 ގައި ވާދޫން ވަނީ އދ. މާމިގިލި ކަޓުވާލައިފައެވެ.

"މިހާ ހިސާބަށް އައިރު ޓީމު ހަމަ ވަރަށް ރަނގަޅަށް ފެނިގެން މި ދިޔައީ. އަނިޔާގެ ބައެއް މައްސަލަތަކާއެކުވެސް ވަރަށް ރަނގަޅަށް ފުރަތަމަ ޓާގެޓް ހާސިލުވެއްޖެ. މިއީ ވަރަށް މުހިންމުކަމަށް ދެކިގެން ނުކުތް ކަމެއް ކުއާޓާއަކީ. އޭގެ ތެރެއިން ގޮސް ބައެއް ސަސްޕެންޝަންވެސް ޓީމަށް ކުރިމަތިވެ، އެ ހުރިހާ ޗެލެންޖުތަކަކާއެކުވެސް ވާދޫ މިއޮތީ ރަނގަޅު މިސްރާބެއްގައި،" ވާދޫގެ ކޯޗު އަލީ ނަދީމް (ކޮކޯ) ގަދަ 16ގެ މެޗަށްފަހު ބުންޏެވެ.

"ސަޕޯޓަރުންގެ ހިތްވަރު ޓީމުގެ ހިތްވަރަކީ. އެއީ ހަމައެއްވަނައިގެ ސަޕޯޓަރުން. އެ ތަފާތު ޓީމުގެ ރޫހުން ވަރަށް ބޮޑަށް ފެނިގެންދޭ. ހާއްސަކޮށް ހަމަ ވަރުގަދަ މެޗުތަކުގައި ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ޓީމަށް ލިބިގެންދޭ. އެހެންވީމަ އެ ސަޕޯޓަރުންގެ ޖޯޝާއެކު ކުރިއަށް މިދަނީ. އިރާދަކުރެއްވިޔާ ސެމީގެ ފުރުސަތު ހޯދަން ނުކުންނާނީ. މެޗަކަށްފަހު މެޗަކަށް ފޯކަސް ކޮށްގެން މި ނުކުންނަނީ،" ކޮކޯ އިތުރަށް ބުންޏެވެ.

މާފަންނުން ދެވަނަ ތައްޓަށް ކުރަމުންދާ އުންމީދަށް އެންމެ ބޮޑު ހިތްވަރެއް ގެނުވީ ގަދަ 16ގައި އއ. ބޮޑުފޮޅުދޫ ކައިރިން ހޯދުނު ފުރިހަމަ މޮޅާއެކުގައެވެ. މާފަންނުން މެޗުގައި މޮޅަށް ކުޅެ ތަފާތު ދެއްކި އިރު، ކޯޗު އަރުޝަދު މުހައްމަދު އިސްމާއީލްގެ ނަޒަރުގައި މިއީ މާފަންނުގެ ފަހަރަކަށް ހެދޭނެ ފަހަރެކެވެ.

"މައިގަނޑު ޓާގެޓަކީ ދެވަނަ ފަހަރަށް ތަށި ނެގުން. މި ފަހަރު ސްކޮޑުގައި މުހިންމު ކުޅުންތެރިން ސްކޮޑުގައި ތިބުމާއެކު ޓާގެޓަކީ ހަމަ ދެވަނަ ތަށި. މިދިޔަ ފަހަރު ގައުމީ ޓީމުގައި ބައެއް ކުޅުންތެރިން އުޅެން ޖެހުމުން އެތަން ވަރަށް ބޮޑަށް ދެއްކި،" އަރުޝަދު ބުންޏެވެ.

މިދިޔަ އަހަރު ކުޅުނު މާފަންނު ޓީމަށް ބަދަލުތަކެއް ގެނެސް، ޒުވާން ބައެއް ކުޅުންތެރިންނަށް ފުރުސަތު ދީ މިފަހަރު މާފަންނުން މުބާރާތަށް ނުކުމެފައިވާ އިރު، އަރުޝަދުގެ ނަޒަރުގައި ޓީމުގައި އަރަމުން އަންނަ ކުޅުންތެރިންނަށް ފުރުސަތެއް ދެވުމަކީ މިހާތަނަށް ހާސިލްވި މުހިއްމު ކަމެކެވެ.

"މިދިޔަ އަހަރު ކުޅުނު ދެކުޅުންތެރިން މި ޓީމުގައި ނެތަސް ޒުވާން ދެ ކުޅުންތެރިން މިހާރު ޓީމުގައި ހިމެނިފައި ވަނީ. ދެން ޒުވާން ކުޅުންތެރިންނަށްވެސް މަޑުމަޑުން ފުރުސަތު ދީ، މި މުބާރާތްތަކަށް ހާނުވަމުން މިދަނީ. ގޯލްޑަންއާއި ކްލަބު މޯލްޑިވްސްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ މުބާރާތް. މި މުބާރާތްތަކަށް ކުއްލިއަކަށް އަރައި ކުޅެން އުނދަގޫވާނެ. މި މުބާރާތްތަކަށް ނުކުމެވޭނީ ތަޖުރިބާ ހޯދައިގެން. އެހެންވެ ސްކޮޑު އެއްކޮށް އެއްފަހަރާ ބޭނުން ނުކުރެވެނީ،" އަރުޝަދު ފާހަގަކުރިއެވެ.

ވާދުއާއި މާފަންނުގެ ކުރިމަތިލުން މިރޭ އޮންނާނީ 9:00 ގައި ރެހެންދި ދަނޑު އެކެއްގައެވެ.