ގޯލްޑަން ފުޓްސަލް ޗެލެންޖް

ނައިވާދުއާއި އިނގުރައިދޫގައިވެސް ސަޕޯޓަރުންގެ ރޫހު، ތައްޓަށް ކުރާ ދަތުރުގައި މިރޭ ބޮޑު ކުރިމަތިލުމަކަށް!

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލް ބުރުގެ ފޯރިގަދަ ކުއާޓާ ފައިނަލް މެޗުތައް މިރޭ އޮންނާނެއެވެ. ހދ. ނައިވާދޫއާއި ރ. އިނގުރައިދޫގެ ކުރިމަތިލުން ވެގެންދާނީ މިހާތަނަށް މުބާރާތުގައި ފެނިގެންދާނީ އެންމެ ޝައުގުވެރި އެއް ކުރިމަތިލުމަށެވެ.

ދެޓީމުންވެސް މެޗަށް ނުކުންނަނީ އަތޮޅު ތަށްޓާއި ޒޯން ތަށި ނަގައި، ގަދަ 16 ގައި ފެންވަރު ސާބިތުކޮށްދީފައެވެ. އަބްދުﷲ ޝާފިއު (ޝާއްޕެ) ނައިވާދޫގެ ތަރިއަކަށްވެފައިވާ އިރު، އޭނާގެ އިތުރުންވެސް ޓީމުން ދައްކަނީ ސާބިތު ކުޅުމެވެ. އަލީ ހާފިޒު (ހާއްޕެ) އިނގުރައިދޫ ކެޕްޓަން ބޭންޑްގައި ރަށަށް ތަށި ގެންދަން ބުރަކޮށް ކުރާ މަސައްކަތަށްވެސް މިރޭގެ މެޗު ވެގެންދާ އިރު، މިރޭގެ ކުރިމަތިލުން ވެގެންދާނީ ދެޓީމަށްވެސް އާ ހަރުފަތަކަށް ޓީމު ގެންދަން ލިބޭ ފުރުސަތަށެވެ.

މިރޭގެ މެޗާ ގުޅިގެން ނައިވާދޫގެ އެސިސްޓެންޓް ކޯޗު، އަބްދުﷲ ނާސިފް ބުނީ މުބާރާތުގައި ނައިވާދޫ ބައިވެރިވީވެސް ރާއްޖޭގެ ޗެމްޕިއަންކަން ހޯދަން ކަމަށާއި، އެ ދަތުރުގައި މިރޭގެ މެޗު ނަގަން ޓީމުގެ ހިތްވަރު އެބަހުރި ކަމަށެވެ.

"ޓީމުގެ ހުރިހާ ކުޅުންތެރިންގެ ވަރަށް ބުރަ މަސައްކަތުން ގަދަ 16 ނެގުނީ. އަޅުގަނޑުމެން މުބާރާތުގައި ބައިވެރިވީވެސް ހަމަ ސީދާ ރާއްޖޭގެ ޗެމްޕިއަންކަން ހޯދަން. އަތޮޅު ތަށްޓާއި ޒޯން ތަށިވެސް ނަގައިގެން މުޅި ރާއްޖޭގެ ތަށި ނަގަން ބައިވެރިވީ. ކުޅުންތެރިންގެ މަސައްކަތުން ކުއާޓާ ފައިނަލް ނެގޭނެ ކަމަށް މިބަލަނީ،" ނާސިފް ބުންޏެވެ.

ނާސިފް އިތުރަށް ބުނީ ނައިވާދޫ ސަޕޯޓަރުން މުބާރާތުގައި ދައްކަމުން ދަނީ ދެވަނައެއް ނެތް ސަޕޯޓެއް ކަމަށާއި، އެ ހިތްވަރާއެކު ރަށު، އަތޮޅު ރޫހުގައި މިރޭގެ މެޗު ނެގުމަށް ޓީމު ތައްޔާރަށް އޮތް ކަމަށެވެ.

"ސަޕޯޓަރުންގެ ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މާލެ ހުޅުމާލެ ސަރަހައްދުގައި އެކަންޏެއް ނޫން ސަޕޯޓަރުންގެ ފޯރި މިއޮތީކީވެސް. ހަމަ ރަށުގައިވެސް ބޮޑު ސްކްރީން އަޅުވައިގެން މެޗުތައް ބަލައި، ވަރަށް ފޯރިގައި މިދަނީ. ކޮންމެ މެޗަކަށްފަހުވެސް ވަރަށް ބޮޑެތި ސަޕްރައިޒިން ކަންތައްތަކެއް ޓީމަށް ހިތްވަރު ދޭންވެސް އެބަކުރޭ. ނައިވާދޫ ސަޕޯޓަރުންނަކީ މިފަހަރު ގޯލްޑަންގެ އެންމެ ބެސްޓް ސަޕޯޓަރުންނަށްވެސް ވާނެ،" ނާސިފް ބުންޏެވެ.

އިނގުރައިދުއަކީވެސް ސީދާ ތަށްޓަށް މުބާރާތަށް ނުކުމެ އޮތް ޓީމެކެވެ. އެޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ، އަހުމަދު އައިހަމް (އައިހު) ޒޯން ބުރަށްފަހު ބުނީ ޓީމު އޮތީ އެކުގައި ކަމަށާއި، މޮޅުވާނީވެސް ބަލިވާނީވެސް އެއް ރޫހެއްގައި ތިބެގެން ކަމަށެވެ.

"ޓީމެއްގެ ގޮތުގައި ކުޅުން މިއީ އެންމެ މުހިއްމު ކަމަކީ. ހާއްސަކޮށް ކޯޗު ދައްކާ ވާހަކަ ދަނޑުމަތީގައި ދެއްކުން އެއީ އެންމެ މުހިއްމު ކަމަކީ. ވަކިވަކި ކުޅުންތެރިންނަށް ކޮށްދޭ ކަމެއްގެ ގޮތުގައެއް ނޫން މިކަން މިކުރަނީ. ޓީމު މޮޅުވާނީ ޓީމެއްގެ ގޮތުގައި. ބަލިވާނީވެސް ޓީމެއްގެ ގޮތުގައި،" އައިހަމް ބުންޏެވެ.

އިނގުރައިދޫއާއި ނައިވާދޫގެ ކުރިމަތިލުން މިރޭ އޮންނާނީ 8:00 ގައެވެ. މެޗު އޮންނާނީ ރެހެންދި ދަނޑު އެކެއްގައެވެ.