ހުއްދަ ނުނަގައި ކ. ތިލަފުއްޓާއި ގުޅިފަޅުގެ ފަޅު ތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެކޯޕަރޭޝަންގެ ހުއްދަނެތި ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރާއި އެ ނޫންވެސް ތަކެތި އެސަރަހައްދުގައި ހުރުމުގެ ސަބަބުން އެ ސަރަހައްދުގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކަށް ހުރަސްއެޅެމުންދާ ކަމަށާއި އެ ކޯޕަރޭޝަންގެ ފަރާތުން އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ތިލަފުއްޓާއި ގުޅިފަޅު ފަޅުތެރޭގައި އަޅާފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު އަމަލުކުރާނެގޮތުގެ އުސޫލެއް އެޗްޑީސީން އިއްޔެ ވަނީ ގެޒެޓުކޮށްފައެވެ.
އެޗްޑީސީން ބުނީ އެ އުޅަނދުތައް ނަގަން އެކިފަހަރުމަތިން މުއްދަތުތައް ދީގެންވެސް ނަގާފައިނުވާ ކަމަށާއި އެ އުޅަނދުފަހަރުގެ ސަބަބުން އެސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވަމުންދާ ކަމަށެވެ. އަދި ތިމާވެއްޓަށް ވަރަށް ބޮޑަށް ގެއްލުންވާތީ، އެ އުޅަނދުފަހަރު ވަކިކޮށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.
އެއްވެސް ފަރާތެއްގެ އުޅަނދެއް ނުވަތަ މުދަލެއް އެ ސަރަހައްދުގައިވާ ނަމަ، އެޗްޑީސީގެ ކޯލް ސެންޓާގެ ހޮޓްލައިން ނަމްބަރު 1516 އަށް ގުޅައި މައުލޫމަތު ސާފުކުރުމަށްފަހު އެ އުޅަނދެއް ނެގުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު