ރަޝިޔާ އާއި ޔުކްރޭނުގެ ހަނގުރާމައިގައި ފަހަކަށްއައިސް އެންމެންގެ ސަމާލުކަން ލިބިފައިވާ އެއްތަނަކީ ބަޚުމޫތެވެ. މިއީ ޔުކްރޭނުގެ އިރުމަތިން ޑޮންބާސް ސަރަހައްދުގައި އޮންނަ ސަހަރެކެވެ. މިރަށް ހިފުމަށް ރަޝިޔާއިން ގަދައަޅައި މަސައްކަތްކުރާތާ ހަތްމަސްވެއްޖެއެވެ. މިހާތަނަށް ހިފޭގޮތެއް ނުވެއެވެ. އަނެއްކޮޅުން ޔުކްރޭނުގެ ދިފާއީ ލަޝްކަރުގެ ހިތްވަރާއި ކެރުމުގެ ރަމްޒަކަށްވެސް މި ސަހަރު ވަނީ ވެފައެވެ. އެންމެފަހުގެ މައުލޫމާތުން އެނގޭގޮތުގައި ރަޝިޔާ ސިފައިންނާއި ގުޅިގެން ހަނގުރާމަކުރާ ކުލީސިފައިންގެ ޖަމާއަތެއް ކަމުގައިވާ ވެގްނަރ ގްރޫޕުގެ ފައުޖުތައް ބަޚުމޫތުގެ އިރުމަތިން އެރަށުގެ ތެރެއަށް ވަދެގެންފިއެވެ. ބަޚުމޫތުގެ އިރުމަތީބައި މިހާރުއޮތީ ވެގްނަރ ގްރޫޕުގެ ކޮންޓްރޯލް ދަށުގައެވެ. ޔުކްރޭނުގެ ލަޝްކަރުތައް ފަހަތަށް ފަހަތަށް ސޮއްސާލައިފިއެވެ. އެ ސަހަރު ދޫކޮށް ހިނގާއްޖެއެވެ.
ރަޝިޔާއާއި ޔުކްރޭނުގެ ހަނގުރާމަ ކުރިއަށްދާތާ މިހާރު އަހަރަކަށްވުރެ ގިނަދުވަސްވީއެވެ. މި ހަނގުރާމައިގައި އެންމެ ވަރުގަދަ ކުރިމަތިލުންތަކެއް ތަމްސީލުވެފައިވާ، އަދި ވަމުންދާ މައިދާނަކީ ކުރިންވެސް ބަޔާންކުރެވުނު ފަދަައިން ބަޚުމޫތެވެ. މިއީ ކުޑަވަރެއްގެ ސިނާއީ ސަހަރެކެވެ. މި ސަހަރުގެ ވަށައިގެން ހުއްޓުމެއްނެތި ހަމަލާތައް ބަދަލުކުރެވެމުންދާތާ ހަތްމަހަށްވުރެ ގިނަދުވަސްވެއްޖެއެވެ. މިސަހަރުގައި މިހާރު ބަޔަކު ތިބިއްޔާ އެބަޔަކު ތިބީ ބިންގަރާސްތަކުގައެވެ. ކަރަންޓެއް، ފެނެއް، ގޭހެއް، ތެލެއް ނެތިއެވެ. މުޅި ސަހަރު އޮތީ ސުންނާފަތިވެފައެވެ. ކޮންމެވެސް އެއްގޮތަކުން ހަލާކުނުވާ ހަމަ އެންމެ އިމާރާތެއްވެސް ނެތެވެ. މުޅިން ސުންނާފަތިވެ ވީރާނާވެފައިވާ މި ސަހަރަށްޓަކައި ރަޝިޔާއާއި ޔުކްރޭނުން އެވަރަށް މީހުންނާއި ހަތިޔާރު ގުރުބާންކުރަމުން ގެންދަނީ ކީއްވެގެންބާވައެވެ.
އަސްކަރީ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ބަޚުމޫތަކީ ސްޓްރެޓީޖިކް ގޮތުން އެހާ މުހިންމު ސަހަރެއް ނޫނެވެ. ހަނގުރާމަ ފެށުމުގެ ކުރިން ބަޚުމޫތުގެ އާބާދީއަކީ ގާތްގަޑަކަށް ހަތްދިހަހާހެވެ. އެއީ ކޯއްޓޭތަކުން ދިފާއުކުރެވިފައިވާ އަަސްކަރީ މަރުކަޒެއް ނޫނެވެ. ދަތުރުފަތުރުގެ ނާރެހެއްވެސް ނޫނެވެ. ބޮޑު އާބާދީއެއް އޮތްތަނެއްވެސް ނޫނެވެ. އެއީ ވަރަށް އާދައިގެ ސިނާއީ ސަހަރެކެވެ. ޔުކްރޭނާއި ރަޝިޔާގެ ފްރޮންޓްލައިން ބާރަސަތޭކަ ކިލޯމީޓަރަށް ދެމިގެންދާއިރު މިސަހަރަށްޓަކައި މިވަރުގެ ބޮޑު ލޭައޮހޮރުވުމަކަށްދާންޖެހޭ ސްޓްރެޓީޖިކް ސަބަބެއް ނެތެވެ. އެކަމަކު މިސަހަރު ހިފުމުގެ ކެމްޕޭނުގައި ރަޝިޔާއިން މިހާތަނަށް ތިރީހަކަށްހާސް ސިފައިން ގުރުބާންކޮށްފިއެވެ. މިސަހަރުގެ ދިފާއަށްޓަކައި ޔުކްރޭނުން އަދި އެއަށްވުރެވެސް ގިނަ އަދަދެއްގެ ބަޔަކު ގުރުބާންކޮށްފިއެވެ.
ބަޚުމޫތު ހިފުމުގެ އޮޕަރޭޝަނުގެ މުގުލުގައިތިބީ މައިގަނޑުގޮތެއްގައި ރޫސީ ސިފައިންނެއް ނޫނެވެ. ވެގްނަރ ގްރޫޕޭ ކިޔުނު ކުލީ ސިފައިންގެ އަމިއްލަ ޖަމާއަތެކެވެ. މިއީ މިހަނގުރާމައިގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ޖަމާއަތެކެވެ. ޔުކްރޭނަށް ބޮޑު ބިރަކަށްވެފައިވާ ޖަމާއަތެކެވެ. އެހެންވީމާ ބަޚުމޫތުގައި ވެގްނަރ ގްރޫޕުގެ ކަންތައް ނިންމައިލުމަށް ޔުކްރޭނުން ވަރަށް ބޮޑަށް ބޭނުންވެއެވެ. ބަޚުމޫތަކީ ވެގްނަރ ގްރޫޕް ވަޅުލެވޭ ގަބުރުސްތާނަކަށް ހަދާނަމޭ ކިތަންމެ ފަހަރަކު ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. މި ހަނގުރާމައިގައި ރަޝިޔާ ބަލިވުމުގެ ފެށުން ގުޅިފައިއޮތީ ބަޚުމޫތާ ކަމަށްވެސް ޒެލެންސްކީ ވިދާޅުވެއެވެ. މިކަން ހަގީގަތަކަށް ހެދުމަށްޓަކައި ޔުކްރޭނަށް ލިބިގެންވާ ހުރިހާ ވަސީލަތެއްވެސް ބަޚުމޫތަށް ވަނީ ޖަމާކޮށްފައެވެ.
ވެގްނަރ ގްރޫޕުގެ ވެރިޔަކީ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންއާ ވަރަށް ގާތް ވިޔަފާރިވެރިއެއް ކަމަށްވާ އިވްގޭނީ ޕްރިގޯޒިންއެވެ. މި ޖަމާއަތަށް ނިސްބަތްވާ ގާތްގަޑަކަށް ފަންސާސްހާސް މީހުން ހަމައެކަނި ޔުކްރޭނުގެ ހަނގުރާމައިގައިވެސް ބައިވެރިވާކަމަށް އަންދާޒާ ކުރެވިފައިވެއެވެ. އޭގެތެރޭގައި ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ކުލީސިފައިން ހިމެނެއެވެ. އަދި ޖަލަށް ހުކުމް ކުރެވިފައިވާ އެތައްހާސް މުޖުރިމުންވެސް ހިމެނެއެވެ. މި ޖަމާއަތަށް ނިސްބަތްވާ މީހުން ހަރަކާތްތެރިވަނީ ހަމައެކަނި ޔުކްރޭނަކު ނޫނެވެ. ސީރިޔާގައިވެސް އެބަތިއްބެވެ. ލީބިޔާގައިވެސް އެބަތިއްބެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކާއި މާލީގައިވެސް އެބަތިއްބެވެ. އެމީހުންނަށް ހަތިޔާރާއި ފައިސާދެނީ ސީދާ ރަޝިޔާގެ ދިފާއީ ވުޒާރާއިންނެވެ. ތަމްރީނުދެނީވެސް ރަޝިޔާގެ ސިފައިންގެ މަރުކަޒުތަކުގައި ރަޝިޔާގެ އިންސްޓްރަކްޓަރުންނެވެ.
ޔުކްރޭނުގައި ލަނޑުދަނޑިތަކެއް ކަނޑައަޅައި އެކަންކަން ހާސިލްކުރުމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ވަނީ ވެގްނަރ ގްރޫޕާ ހަވާލުކޮށްފައެވެ. އެތައް ފައިސާޔަކާއި އެތައް ވަސީލަތެއް ތަނަވަސްކޮށްދީފައިވެއެވެ. ބަޚުމޫތުގައި ވެގްނަރ ގްރޫޕަށް ކުރިނުހޯދި ބަލިވެއްޖެނަމަ އެއީ ރަޝިޔާއަށްވެސް ނުހަނު ބޮޑު ލަދެކެވެ. ދެރައެކެވެ. އެހެންވެއްޖެނަމަ ވެގްނަރ ގްރޫޕުގެ ވެރިޔާގެ އިތުބާރު މުޅިން ގެެއްލި އޭނާގެ ނުފޫޒު މުޅިން ކެނޑިގެންދާނެއެވެ. މިހެން މިކަން އޮތީމާ ކޮންމެ އަގެއް އަދާކޮށްގެންވެސް ބަޚުމޫތު ހިފުމަކީ އިވްގޭނީ ޕްރިގޯޒިންއަށް މަޖުބޫރު ކަމެކެވެ. ކިތަންމެ ގިނަބަޔަކު މަރުވިއަސް ފަހަތަށް ނުޖެހި ސާބިތުވެ ހުރުމަށް އޭނާއަށް އޮތީ މަޖުބޫރުވެފައެވެ. ޖާސޫސީ މައުލޫމާތުތަކުން އެނގޭގޮތުގައި ބަޚުމޫތުގެ ވަށައިގެން ހިނގާފައިވާ ހަނގުރާމައިގައި ފާއިތުވި ހައެއްކަމަސް ދުވަހުގެ ތެރޭގައި ވެގްނަރ ގްރޫޕަށް ނިސްބަތްވާ ކުލީސިފައިންގެ ތެރެއިންވެސް މަދުވެގެން ވިއްސަކަށްހާސް މީހުން މަރުވެފައިވެއެވެ.