ކުޅުމަށް ވަގުތު ނުދޭތީ ބްރެޒިލްގެ ފޯވަޑް ރިޗާލިސަން، ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ފާޑު ކިޔައިފިއެވެ.
އުމުރުން 25 އަހަރުގެ ރިޗާލިސަން، މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަނުގައި އެވަޓަންއިން ޓޮޓެންހަމްއަށް ބަދަލުވީ 60 މިލިއަން ޕައުންޑަށެވެ. މިހާތަނަށް މި ސީޒަނުގައި ރިޗާލިސަން ފުރަތަމަ 11 އަށް ނުކުމެފައި ވަނީ އެންމެ ހަތް މެޗުގައެވެ.
އަނިޔާގެ މައްސަލަތަކުގައިވެސް ރިޗާލިސަން ކުޅުމާ ދުރުގައި ބައެއް ވަގުތުތައް ހޭދަކޮށްފައިވާ އިރު، ބުދަ ދުވަހުގެ ރޭ އޭސީ މިލާން ކައިރިން ޗެމްޕިއަންސް ލީގުން ކަޓައިގެން ދިޔަ މެޗުގެ 70 ވަނަ މިނެޓުގައި ރިޗާލިސަން ކުޅުމަށް ނެރެފައިވެއެވެ. އެ ނަތީޖާއަށްފަހު ރިޗާލިސަން ބުނީ، އޭނާ މެޗުގެ ފުރަތަމަ 11 ގައި ހިމެނެން ޖެހޭ ކަމަށެވެ.
"އަހަރެން ފެށި އިރު ޓީމުގައި ހުންނަން ޖެހޭ. އަހަރެން ދިޔައީ ފޯމު ރަނގަޅުކޮށް ކުޅެމުން. ޗެލްސީއާއި ވެސްޓް ހަމްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ރަނގަޅަށް ކުޅުނު ނަމަވެސް ކުއްލިއަކަށް ރޭގެ މެޗަށް އަހަރެން ބެންޗް ކުރީ ކީއްވެކަމެއް ނޭނގެ. ވުލްވްސް މެޗުގައި ފަސް މިނެޓު ކުޅުވީ ކީއްވެތޯ ސުވާލުކުރުމުން ބުނީ ފިޓްނެސް ޓެސްޓަކުން ފާސްވާން ޖެހޭ ކަމަށް. އޭރުން މެޗަށް ނުކުމެވޭނެ ކަމަށް. އެ ޓެސްޓުން ފާސްވީމަވެސް ރޭ ފަށަން ޖެހުނީ ބެންޗުން،" ކޯޗު ކޮންޓޭއަށް ނުރުހުންވެ، ރިޗާލިސަން ބުންޏެވެ.
ރިޗާލިސަން ބުނީ ކޮންޓޭ ދައްކާނެ ސަބަބަކަށް އިންތިޒާރުކުރާ ކަމަށާއި އެހެން ނަމަވެސް މިހާރު ހާލަތު ހުރި ގޮތުން، ގޯސްކޮށް އޭނާއާ ދޭތެރޭ ކަންތައް ދިމާވާ ކަމުގެ އިހުސާސް ކުރެވެމުންދާ ކަމަށެވެ. ޕްރޮފެޝަނަލް ހަމަތައް ހިފަހައްޓަން އުނދަގޫ ހާލަތަކަށް ކޮންޓޭއާ ދޭތެރޭ ގުޅުން ގޯސްވެފައިވާ ކަމަށްވެސް ރިޗާލިސަން ފާހަގަކުރިއެވެ.
ރިޗާލިސަން ޓޮޓެންހަމްގައި އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުން ނުދިޔަ ނަމަވެސް، ނިމިދިޔަ ވޯލްޑް ކަޕްގައި ބްރެޒިލަށް އޭނާ ވަނީ މޮޅަށް ކުޅެ، ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލުވެސް ޖަހައިދީފައެވެ.
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ