ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓާސްގެ ކުނި އުކައިދިނުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނަގާ ފީ ބޮޑުކޮށްފިއެވެ.
ވެމްކޯއިން ސަރުކާރު ކުންފުނިތަކުން އުކައިދޭ ކުނީގެ ކޮންމެ ޓަނަކަށް ނަގަނީ 424 ރުފިޔާގެ ފީއެކެވެ. އަދި ޕްރައިވެޓް ކަލެކްޓާސްގެ އަތުން ޓަނަކަށް ނަގަނީ 212 ރުފިޔާގެ ފީއެކެވެ.
ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ދެ ހިދުމަތުގެ ފީއެއްގެ ގޮތުގައި ޓަނަކަށް 2،660 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ގޭބިސީތަކުން އަދި ވިޔަފާރިތަކަށާއި ކޮމާޝަލް ތަންތަނުގެ އިތުރުން ކޯލް އެންޑް ޕިކަޕްގެ (ކެޕްސް) ހިދުމަތުގެ ފީއަށް ވެމްކޯއިން ބަދަލެއް ގެނެސްފައެއް ނުވެއެވެ.
- ގޭބީސީތަކުން މަހަކު - 150 ރުފިޔާ
- ވިޔަފާރިތަކަށާއި ކޮމާޝަލް ތަންތަން - ލީޓަރަކަށް 27 ރުފިޔާ
- ކޯލް އެންޑް ޕިކަޕް ސާވިސް - ޓަނަކަށް 330 ރުފިޔާ
- ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް - ޓަނަކަށް 1060
- ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް - ޓަނަކަށް 2،660
- ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސްއަށް - ޓަނަކަށް 2،260
މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ހިދުމަތް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދިއުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އިކޮނޮމިކް ކައުންސިލާ އެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި އެ މަޝްވަރާތަކަށް ފަހު ކުނި މެނޭޖްކުރާ ގާނޫނާއި ޔުޓްލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގައިވާ ގޮތުގެމަތުން ވެމްކޯއިން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުތަކަށް މި މަހުން ފެށިގެން ބަދަލު ގެނައުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ފާސްކޮށްފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.
ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހާ އެއްގޮތަށް ވަކިނުކޮށް ޓްރާންސްފާ ސްޓޭޝަނަށް ގެންނަ ކުންޏަށް ކޮންމެ ފަހަރަކު އިތުރަށް 1،000 ރުފިޔާ ނަގާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު