މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލް ބުރުގެ ކުއާޓާ ފައިނަލް ފަހު ޖާގަތައް، ގދ. ވާދުއާއި ބ. އޭދަފުށީގެ އިތުރުން މާލޭގެ މާފަންނު އަދި ދ. ކުޑަހުވަދޫން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ކުޅުން ނިމި، ރޭ ވަނީ ގަދަ 16 ގެ އަށް މެޗު ކުޅެފައެވެ. ގަދަ 16 ގައި ރޭ ކުޅުނު ފަހު މެޗުތަކަށް ބަލައިލާއިރު، ވާދޫން ކުއާޓާ ފައިނަލް ޔަގީންކުރީ ގދ. މާމިގިލި ކައިރިން 3-0 އިން މޮޅުވެގެންނެވެ. ވާދޫގެ ތިން ގޯލުވެސް ޖަހައިދިނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު އިޔާދު އަލީއެވެ.
ރޭ މާފަންނުން ގަދަ 16 ގައި ކުޅުނު މެޗުގައި 5-0 އިން އއ. ބޮޑުފޮޅުދޫ ބަލިކޮށް ކުއާޓާ ޔަގީންކުރި އިރު، މުހައްމަދު އިމްރާން (އިންމި) ވަނީ މާފަންނަށް ދެ ގޯލު ޖަހައިދީފައެވެ. އެޓީމުގެ އަނެއް ގޯލުތައް ޖެހީ މުހައްމަދު ލިޔާހާއި ހުސައިން ސުހައިލް (ސޮކޭ) އަދި މުހައްމަދު ޔަފާއުއެވެ.
ރޭ ކުޑަހުވަދޫން ށ. ކަނޑިތީމާ ދެކޮޅަށް ގަދަ 16ގައި ކުޅުނު މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ކުޑަހުވަދޫން މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ކުޑަހުވަދޫން ފުރަތަމަ ހާފުގައި ހާރޫން އިބްރާހީމް (ހާންޑޯ) ޖެހި ގޯލުން ލީޑު ނަގައި، ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓް ތެރޭގައި އަބްދުލް މުގުސިތު ޖެހި ގޯލުން ލީޑު ފުޅާކުރިއެވެ. ކަނޑިތީމުން ނަތީޖާ އަނބުރާލުމަށް ކުރި މަސައްކަތުގައި އެޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ ކެޕްޓަން އިބްރާހީމް ނަދާދެވެ.
ކުއާޓާގެ ފަހު ޖާގަ ބ. އޭދަފުށިން ހޯދީ ރޭ ކުޅުނު މެޗުގައި ދަނޑިމަގު 2-0 އިން ބަލިކޮށްފައެވެ. ދަނޑިމަގުގެ އިސްމާއީލް އަލީފް އަހުމަދު އަތުން ބައިކޮޅަށް ދެ ގޯލުވެސް ވަން މެޗުގައި އޭދަފުށީގެ އިޝާން އިބްރާހީމް (ސައްޓު) އާއި ގޯލްކީޕަރު އަބްދުﷲ ނާސިހު (ރާޖު)ގެ ފަރާތުން ރަނގަޅު، މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް