މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލް ބުރުގެ ކުއާޓާ ފައިނަލް ފުރަތަމަ ޖާގަތައް ހދ. ނައިވާދޫ، ރ. އިނގުރައިދޫގެ އިތުރުން ލ. ގަން އަދި ތ. ތިމަރަފުށިން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ކުޅުން ނިމި، ރޭ ވަނީ ގަދަ 16 ގެ އަށް މެޗު ކުޅެފައެވެ. ގަދަ 16 ގައި ރޭ ފުރަތަމަ ކުޅުނީ ނައިވާދޫއާއި ވިލިމާލެ ވާދަކުރި މެޗާއި ރ. އިނގުރައިދޫއާއި ސ. ފޭދޫ ވާދަކުރި މެޗުތަކެވެ.
ރެހެންދި ދަނޑު އެކެއްގައި ރޭ ނައިވާދުއާއި ވިލިމާލެ ވާދަކުރި މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗު ނައިވާދޫން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ކޮޅުގައި ވިލިމާލޭގެ އަބްދުﷲ ޝައްފާން (ޝާކާ) އާއި އަލީ ޝިޔާހް އަދި އިސްމާއީލް ވަޖީހުގެ ހަމަލާތަކުން ނައިވާދުއަށް ނުރައްކާކުރި ނަމަވެސް، ނައިވާދޫގެ ގޯލު ބަލަހައްޓަމުންދިޔަ އަބްދުﷲ ސާމިން ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.
މެޗުގައި ނައިވާދޫގެ މުހައްމަދު އަސްލަމް ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖަހައިދިނީ ހުސައިން މައިޝަންއެވެ. ވިލިމާލޭގެ ގޯލުތައް ޖެހީ ޝިޔާހާއި އިސްމާއީލް ވިފާގެވެ.
ރެހެންދި ދަނޑު ދޭއްގައި ރޭ ފުރަތަމަ ކުޅުނު މެޗުގައި އިނގުރައިދޫން ވަނީ 4-1 އިން ފޭދޫ ބަލިކޮށްފައެވެ. މެޗުގައި އިނގުރައިދޫގެ އަހުމަދު އައިހަމް (އައިހު) ހެޓްރިކް ފުރިހަމަ ކުރި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު ޖުމާނެވެ. ފޭދޫގެ ހަމައެކަނި ގޯލަކީ ޔޫސުފް ސިދާމް އަލީ ޖެހި ގޯލެކެވެ.
ލ. އަތޮޅުގެ ޗެމްޕިއަން ގަމުން ކުއާޓާ ޔަގީންކުރީ ރޭގެ މެޗުގައި މ. އަތޮޅުގެ ޗެމްޕިއަން ދިއްގަރު ބަލިކޮށްގެންނެވެ. މެޗުގައި ގަމުގެ އަހުމަދު ހަލީމް (އަންމަޑޭ)ގެ ހިތްގައިމު ދެ ގޯލު ފެނިގެން ގޮސްފައިވާ އިރު، އެޓީމަށް ތިންވަނަ ގޯލެއް ޖަހައިދިނީ އަބްދުﷲ ޖުނައިދު (ޖޭނޭ) އެވެ. ދިއްގަރުގެ ގޯލުތައް ޖެހީ ހުސައިން ފާރިޝްއާއި މުހައްމަދު އަލީ އެވެ.
ރޭ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައި އޮތް މެޗަކަށްވީ މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި ވާދަކުރި ތ. ތިމަރަފުއްޓާއި ގާފަރުގެ ކުރިމަތިލުމަށެވެ. އެފަހަރު ފައިނަލްގައި ތިމަރަފުށިން ގާފަރު ޕެނަލްޓީގައި ބަލިކުރި އިރު، މިފަހަރު ޗެރިޓީ ޝީލްޑް މެޗުގައި ގާފަރުން ތިމަރަފުށި ބަލިކުރިއެވެ. އެ މެޗުތަކުގެ ތާރީހަކާއެކު ރޭގެ މެޗު ފޯރިގަދަ ވާނެ ކަމަށް މާ ކުރިންވެސް އުންމީދު ކުރެވިފައި އޮތް އިރު، މެޗުގައި ފެނުނީ ޓެކްޓިކަލީ ރަނގަޅު ގޭމެކެވެ.
ދެ ޓީމުންވެސް ވަރަށް ބޮޑަށް އިދިކޮޅު ޓީމުގެ އެޓޭކްތަކަށް ސަމާލުކަން ދީގެން ކުޅެފައިވާ އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި ތިމަރަފުށިން 5-3 އިން މެޗު ކާމިޔާބުކުރި އިރު، ތިމަރަފުށީގެ ގޯލްކީޕަރު މުހައްމަދު ޝަރުހާންގެ ތަފާތު ފެނުނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.